(20 ޖެނުއަރީ 2019 އާ ގުޅޭ)
"އަހަންނަށް އެނގޭ މިޒަރެންގެ ހިތުގައިވަނީ ކީކޭކަން، ރައުލްގެ ބެލުމުގައި އެ ހުންނަ ޚާއްޞަ ގޮތް އަހަރެން ދުށީން ތި ދެ ލޮލުން ވެސް... އެއީ ކާކަށްކަން އަހަންނަށް އެނގޭ" މިޒަރެންގެ މޭގައި ލައްވެލައިގެން ހުރި އީޝަލް ރޮވިފައިވާ އަޑުން ވާހަކަދެއްކިއެވެ. މިޒަރެންގެ ލޯތްބަށް ވީ ކިހިނެއްކަން އީޝަލްއަށް އިޙްސާސް ކުރެވުމުން އޭނާގެ ހިތުގައި ބިރުވެރިކަމެއް އުފެދުނީ އަމިއްލަ ހަޔާތާމެދު ކަންބޮޑުވެފައެވެ. އެފަދައިން އޭނާއާއި ރައުލްއަށް ކަންތައް މެދުވެރިވެދާނޭތީއެވެ.
"ރައުލް... އެ މީހުންގެ އިސް މީހަކީ އޭނާ ދޯ، ވެރިއެއްގެ ސިފަ އޭނާގެ އެބަހުރި، އެމީހުންގެ ތެރެއިން އޭނާ ފެންނަނީ ތަފާތުކޮށް، އޭނާގެ ސިފަ ތަފާތުވީގޮތެއް އޭނާ ބުނިތަ؟... ބައެއްފަހަރު މީކާޢިލްއާއި ޒިޔަޒެލްމެންނާ ވައްތަރުގޮތެއް ހުރޭ، އެކަމަކު އެހެން ސީދާ ބުނާކަށް ވެސް ނޭނގޭ، ރައުލްއަށް އިތުބާރުކުރެވިދާނެތަ؟" މިޒަރެން ވާހަކަދެއްކިއެވެ. އޭނާއަށް އީޝަލް ބުނި އެއްޗެއް އަޑުއިވުނެވެ. އެހެންނަމަވެސް އޭނާ ދެއްކި ވާހަކައާ ގުޅުވައިގެން ބަހެއްބުނަން މިޒަރެން ބޭނުންނުވީއެވެ. ރައުލްގެ ވާހަކަ އޭނާ ދެއްކީ އެއީ ކޮންމެހެން ވެސް އީޝަލްއާ ދައްކަންޖެހިފައި އޮތް މައުޟޫޢުއެއްވީމައެވެ. މަޑުމަޑުން މިޒަރެންނާ ދުރަށް އީޝަލް ޖެހިލީ ދެ ލޮލާއި ކޯތާފަތް ފުހެމުންނެވެ. އަދި އިސްއުފުލައި މިޒަރެންނަށް ބަލާލީ ފަރުވާތެރިކަމާއެކުއެވެ.
"ރައުލްގެ ބައްޕައަކީ ވަރަށް ބާރުގަދަ ވެރިއެއް، ކަނޑުގައި އެ މީހުންގެ ވެރިކަން ދުރަށް ފެތުރިފައިވާ ވާހަކަ ރައުލް ބުނި، އެއީ ބޮޑު ޢާއިލާއެއް... ރައުލްގެ ސިފަ ތަފާތުކަން ފުރަތަމަ ދުވަހުވެސް ފާހަގަވި، އެކަމާ އޭނާ މާބޮޑު އެއްޗެއް ނުބުނޭ... އެ މީހުންގެ ތެރޭގައި ރާވިން ނޫނީ ދެން ތިބީ ރައުލްއާ އެއްބަފާ ކުދީން، ބައްޕައާ ވައްތަރުނޫނިއްޔާ ދެން ވައްތަރުވާނީ މަންމައާއޭ ރައުލް ބުނި، އެކަމަކު އޭނާގެ މަންމަގެ ވާހަކައެއް ނުދައްކާ، އޭނާ ވިހާފައިކަމެއް ނޫނީ ވަރަށް ތުއްތުއިރުކަމެއް ނޭނގޭ އޭނާގެ މަންމަ ނިޔާވީ، ވެދާނެ އެހެންވެ ކަމަށް އެ ވާހަކަދައްކަން ބޭނުންނުވަނީ" މިޒަރެންނަށް ހުރިހާ ހަޤީޤަތެއް ކިޔައިދޭން އީޝަލް ނިންމިއެވެ.
"ސައިތަށިތައް ހިހޫވެދާނެ... އިހަށް ދޭ ޒިޔަޒެލްއާއި މީކާޢިލްގެ ގާތަށް، އަހަރެމެން މިވާހަކަ ދައްކާނީ އެއަށްފަހު" މިޒަރެން ވިސްނަން ހުރެފައި ބުންޏެވެ. އެއާއެކު އީޝަލް އަވަސްއަވަހަށް ތަބަކުގައި ސައިއެޅި ކުޑަ ދެ ބިއްލޫރި ތަށި ބެހެއްޓިއެވެ. ހަލުވިކަމާއި ފަރިތަކަމާއެކު އޭނާ ބަދިގެއިން ނުކުންނަން ހިނގައިގަތެވެ. އެވަގުތު ކުއްލިއަކަށް މިޒަރެން ގޮވާލައިފިއެވެ.
"ކެތްތެރިވާތި، އެ މީހުން ސުވާލެއްކޮށްފިނަމަ ތެދަށް ޖަވާބުދޭތި" މިޒަރެން ބުންޏެވެ. އޭނާއަށް ބަލަންހުރި އީޝަލް އަވަސްއަވަހަށް ބޯޖަހާލިއެވެ.
ސަލާމް ގޮވާލުމާއެކު އިރުމަތީ ފެންޑާއަށް އީޝަލް ނުކުތެވެ. އެކަކުއަނެކަކާ ނަޒަރުވަކިކޮށްލައިގެން ދުރުގައި ތިބި ޒިޔަޒެލްއާއި މީކާޢިލް އެނބުރިލީ އެކުއެކީގައެވެ. މީކާޢިލް އޭނާގެ ދަރިފުޅާ ނަޒަރު ވަކިކޮށްލައި ނިކަން އަވަހަށް ފުރަގަސްދީފިއެވެ. އެ ޢަމަލުން އީޝަލްގެ މޫނު މިލައިގެން ދިޔަތަން ޒިޔަޒެލް ދުށްޓެވެ. މިޒަރެން ބުނިހެން އީޝަލް ކެތްތެރިވިއެވެ. ބައްޕައާއި ބޮޑުބޭބެއަށް އިޙްތިރާމާއެކު ސައިތަށި އެރުވިއެވެ. އެ މީހުން ބަހެއް ބުނޭތޯ އިރުކޮޅަކު އީޝަލް މަޑުކުރިއެވެ. ނަމަވެސް އަނގައިން ނުބުނާނޭ ހީވުމުން އެނބުރިދަނީ ކަމުގައި ބުނެ އީޝަލް އެ ތަނުން ހިނގައްޖެއެވެ. އެކަން ޔަގީންވުމުން ޒިޔަޒެލް އެނބުރިލީ މީކާޢިލްއާ ދިމާއަށެވެ.
"އީޝަލް ކުރީ ކުށެއްކަމުގައި މީކާޢިލް ހީކުރަނީތަ؟ އެ ކުއްޖާފުޅު ބޮޑުވެއްޖެއޭ... އަހަރެން ހިތަށް އަރާ މިޝަލް ހުރިނަމަ އޭނާ މިއަދު މީކާޢިލްގެ ތި ނުރުހުމާމެދު ބުނާނީ ކީކޭބާއޭ" ޒިޔަޒެލް ބުންޏެވެ.
"އަހަރެން ވެސް ހިތަށް އަރާ އޭނާ ހުރިނަމައޭ، އެކަމަކު ނެތެއްނު.... މިޝަލްގެ ހަމައެކަނި ދިރިހުރި ނިޝާނަކީ އެއީ، އެ ދަރިފުޅާމެދު ކަންތައްކުރާނޭ ގޮތެއް އަހަންނަކަށް ނޭނގޭ، އެހެންބައެއްގެ ތެރެއަށް އެމީހުންނަށް ހަވާލުކޮށް ފޮނުވާލާނޭހާ ހިތްވަރެއް އަހަރެންގެ ނެތް، އަހަރެމެންގެ ތެރެއިން ބައިވެރިއަކު ޚިޔާރުކުރިނަމަ ފަހަރެއްގައި ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބުނީސް" މީކާޢިލް ބުންޏެވެ.
"ނޫން މީކާޢިލް، އޭރުން ވެސް ތި ހިތަކަށް ހަމަޖެހުމެއްނުލިބޭނެ، އީޝަލްއަކީ މިޝަލްއެއްނޫން... ކަލޭގެ ގާތުގައި އޭނާގެ ހުރިހާ ވަގުތެއް ހޭދަކުރާނަމަ އޭނާއަށް ދުވަހަކުވެސް އަމިއްލަ ދިރިއުޅުމެއް ނުލިބޭނެ، އަހަރެމެންގެ ތެރެއިން ބައިވެރި ޚިޔާރުކުރާ ވާހަކަ މީކާޢިލް ތި ދައްކަނީ... އައިޒަންއަށް ތަބާވާ ޤަބީލާތައް ވަނީ މި ކުޑަކުޑަ ރާއްޖޭގެ އެތަން މިތަނަށް ފެތުރި ވަޒަންވެރިވެފައި، އެ މީހުންނަކީ އަހަރެމެންގެ މީހުން... އެކަމަކު މީކާޢިލް އެ ދަރިފުޅު ގޮވައިގެން އައީ އަހަރެންގެ ގާތަށް، އެންމެ ދެކުނުގައި ތިބެފައި އަހަރެން މިރަށް ބަދަލުވީ އެ ކުއްޖާފުޅަށް ޓަކައި، އެކަމަކު އަހަރެމެންގެ ތެރޭގައި އަހަރެމެންގެ މީހަކު ދިރިއުޅޭތަން އެބަފެނޭތަ.... ގަނޑުވަރުގައި ނޫޅެވުނަސް އަހަރެމެންގެ މީހުންގެ ތެރޭގައި އުޅޭން ފުރުޞަތު އޮތެއްނު" ފަސްއަޅައި ފޮރުވިފައި އޮތް ހަޤީޤަތެއް ޒިޔަޒެލް ހާމަކުރިއެވެ.
"އެމީހުންގެ ތެރޭގައި އުޅެން ޒިޔަޒެލް ޤަބޫލުނުވީ ކީއްވެތަ؟ އެ ދަރިފުޅު ގޮވައިގެން އަހަރެން އައީ އަމިއްލަ ފުރާނައަށްވުރެ ވެސް ބޮޑަށް އެކުއްޖާ ރައްކާތެރިކުރާނޭ މީހެއްގެ ގާތަށް، އެ އިތުބާރު ތި ނޫން އެއްވެސް މީހަކަށް ނުދެވޭނެ، އެއީ އަހަރެމެންގެ މީހުން... އެކަމަކު... އެކަމަކު އެ ހުރިހާ އެންމެނާ ޒިޔަޒެލް އަޅައެއްނުކިޔޭނެ.... މީ އަހަރެންގެ ކުށް... މީ އަހަރެން ކުރި ކަމެއްގެ ނަތީޖާ، ދަރިއަކު ލިބެން އުޅޭކަމުގެ ޚަބަރު ލިބުނު ދުވަހު އެ ހައްޔަރު މިޝަލް މިންޖުކުރަން މަންމައާއި ބައްޕަ ބޭނުންވި، އެކަމަށް ހުރަސް އެޅީ އަހަރެން... އެ ދަރިފުޅުގެ މުސްތަޤުބަލާ މެދު އެއްފަހަރު ވެސް ވިސްނާ ނުލެވުނު" މީކާޢިލް އަމިއްލަ ނަފްސު ކުށްވެރިކުރަން ފެށުމުން އެކަން ޒިޔަޒެލްއަށް ބަލައިގަންނާކަށް ފަސޭހައެއްނުވިއެވެ. އޭނާ އައިސް މީކާޢިލްގެ ކަނާތު ކޮނޑުގައި އަތްބާވާލިއެވެ.
"އެއީ މީކާޢިލްގެ ލޯބި... އިންސާނުންގެ ތެރެއިންވީ ޚާއްޞަ އިންސިއެއް މިޝަލްއަކީ، އޭނާ ހުރިހާ ގޮތަކުން މީކާޢިލް ބަލައިގަތް، މިއަދު އެފަދަ ތަފާތުކަމެއް އަހަންނަށް އީޝަލްއާއި ރައުލްގެ ފަރާތުން ފެނެއޭ ބުނެފިއްޔާ ޤަބޫލުކުރާނަންތަ؟" ޒިޔަޒެލް ބުންޏެވެ.
"ބޭރީތުއާ ބައްދަލުނުވިޔަސް އޭނާގެ އަނިޔާވެރިކަމުގެ ވާހަކަ އަޑުހައި ފެނިފައި ހުރީ، އެއީ އޭނާގެ ދަރިއެއްނު" މީކާޢިލްގެ އަޑުގައިވަނީ ކަންބޮޑުވުމެވެ.
"ރައުލް ކުޅަދާނަނޫނެކޭނޫން، އެކަމަކު އޭނާގެ ފުށުން އަނިޔާވެރިކަން ފެނޭތަ؟ އޭނާ އައުމުން އަހަރެމެންގެ ތެރެއިންވާ މީހަކާ ބައްދަލުވާހެން ހިޔެއްނުވޭތަ؟ އެފަދަ އިޙްސާސެއް ނުކުރެވޭތަ؟ އޭނާ ދޮގު ހަދައި އޮޅުވާލަން އުޅޭނަމަ އަހަރެންނަށް ނޭނގިއެއް ނުހުންނާނެ" އެންމެ ފުރަތަމަ ދުވަހު ވެސް ޒިޔަޒެލްއާ ރައުލް ބައްދަލުވުމުން ބީރައްޓެހިކަން ކެނޑި އިތުބާރުކުރެވުނީ ކީއްވެކަން އޭނާ ހާމަކުރިއެވެ. ނަމަވެސް އެކަން ޤަބޫލުކުރަން މީކާޢިލް ބޭނުމެއްނުވިއެވެ.
"ނިޔަތް އެނގެނީ ކިހިނެއް، ވެދާނެއެއްނު އެއީ އޭނާ އަހަރެމެންނަށް ދައްކަން ބޭނުންވާ ސިފަކަމަށް، ބޭރީތަކީ ބާރު ހޯދުމަށް ޓަކައި ކޮންމެ ފަދަ ކަމެއްކުރަން ވެސް ޖެހިލުންނުވާ ނުބައި ޝައިޠާނެއް، ކިހިނެއް އެނގެނީ އޭނާއާ ހަމައަށް ކޮންމެވެސް ގޮތަކުން އީޝަލްގެ ޚަބަރު ފޯރީނޫންކަމެއް، ނޫނީ ބައްޕަގެ ވެރިކަމަށް އަތްގަދަކުރަން ބޭނުންވަނީ ކަންނޭނގެ... ޖޫދާމެންގެ ވެރިކަން ވެއްޓި އެމީހުން އޭރު ތިބި ވަޒަނުން ބޭރުވެ މާދުރަށް ހިޖުރަކުރީ ކީއްވެކަން އޭނާ އޮތީ އަހަންނަށް ކިޔައިދީފައި، އަހަރެމެންގެ ތެރެއަށް ބައްޕަގެ ހިމާޔަތަށް އެދި ބިންޔާމީންއައި ހަނދާނެއް އަހަރެން ނުހުރޭ، އެކަމަކު އެ އަނިޔާވެރިކަން ދުށް ބަޔަކު އެކަމުގެ މަތިން ހަނދާނެއްނުނެތޭނެ، ޖޫދާއަށް ހުރިހާ ހަޤީޤަތެއް ނޭނގުނެއްކަމަކު އެމީހުންނަށް ލިބުނު ނިކަމެތިކަމަކީ ކަނޑު ޖިންނީންގެ ވެރިއެއްގެ ގޮތުގައި ހުރި ބޭރީތުގެ ސަބަބުން ޖެހުނު ހާލެއްކަން ބުނަން އެނގުނު، ރަސް ޢާއިލާއަކަށް އޭރު އެ މީހުން ވީއިރު އެ ޢާއިލާގެ ގިނަބަޔަކު ބޭރީތުގެ ސިފައިންވަނީ މަރާފައި.... އެވެރިކަން ވައްޓާލައި އެ މީހުންގެ ބާރު ކަނޑުވާލީ، ޒިޔަޒެލް... އާރަމްގެ ގާތުގައި ހުރެފައި އަހަރެން އެނބުރި މިއައީ ބަލްޤިސްގެ ކައިވެނި ޙަފުލާގައި ބައިވެރިވާން ނިންމައިގެން، ކަލެއަށް އެނގެއެއްނު ބަލްޤިސްގެ ކައިވެނި ހަމަޖެހިފައިވަނީ ޖޫދާއާކަން، އަހަރެންގެ ދަރިފުޅަށް ޓަކައި އަންހެނެއްގެ ޚިޔާލު ހޯދަން ހުރި މީހަކީ އެއީ، ބޭރީތުގެ ނަން ޖޫދާ ހަނދާންނެތިދާނެތަ؟ ބަލްޤިސްއާއި ޖޫދާއާ ދެމެދުގައި އޮންނަ ހަމަޖެހުމަށް އޭރުންވާނީ ކިހިނެއް" މީކާޢިލް ކަންބޮޑުވާންޖެހެނީ ކީއްވެކަން އޭނާ ހާމަކުރިއެވެ.
"ރައުލްއަކީ ބޭރީތު ފޮނުވައިހުރި ޖާސޫސަކަށް ވެދާނޭ ހިޔެއްނުވޭ، އޭނާ ހަޤީޤަތުގައި އީޝަލްއާ ގުޅެން ބޭނުންވާހެން އަހަރެންގެ ހިތް ބުނަނީ، އެކަމަކު ތި ދެއްކީ ވެސް ކުޑަކަމެއްގެ ވާހަކައެއްނޫން، ބޮޑު ވެރިކަމެއް ކުއްލިއަކަށް ވައްޓައެއްނުލެވޭނެ، އަދާވާތްތެރިޔާއަށް އެއްބާރުލުން ދޭނޭ ބަޔަކު ކޮއިލުތެރޭގައި ތިބެގެން ނޫނީ އެވަރުގެ ބޮޑުކަމެއް ހިނގާނޭ ހީނުވަނީ" ޒިޔަޒެލް ވިސްނާލިއެވެ.
"އަހަރެންނަށް މަޢާފުކުރޭ ޒިޔަޒެލް... ރޭގައި ރުޅި އިސްކުރެވި ކަލޭގެ ބޮލުގައި މި ހުރިހާކަމެއްގެ ޢިލްޒާމު އެޅުވުނީތީ" ވެރިވެގެންދިޔަ ހިމޭންކަމުގައި އިރުކޮޅަކު ހުރެފައި މީކާޢިލް ވާހަކަދެއްކިއެވެ.
"ކަލޭގެ ގޮތް އަހަންނަށްވުރެ ބޮޑަށް އެނގޭނީ ކާކަށް، މީކާޢިލްގެ މައްޗަށް އަހަރެންގެ ހިތް އަބަދުވެސް ސާފުވާނެ، މިހާރުދެން ރުޅި މަޑުވެއްޖެއްޔާ އަހަރެން ވާހަކައެއް ބުނަންތަ؟" ޒިޔަޒެލް ހިނިތުންވެލިއެވެ. މީކާޢިލް ބޯޖަހާލީ ޒިޔަޒެލްއަށް ހުއްދަދީފިންކަމުގެ ރަމްޒެއްގެ ގޮތުންނެވެ.
"އަހަންނަށް ފެންނަނީ އީޝަލްއާ ވާހަކަދައްކަން، ރައުލް އޭނާ ގެންދިޔައީ ކޮންތާކަށްތޯ އޮޅުންފިލުވަންޖެހޭ، އޭނާ ރޭގައި އައިއިރު އެ ހަށިގަނޑުން އިސްތަށްޓެއްހާ ހިސާބު ވެސް ތެމިފައިނެތް، އީޝަލްއާ ބެހޭގޮތުން ރައުލްއާ ޚިއްޞާކުރީ ކިހާ މިންވަރެއްކަން ވެސް އެނގެން އެބަޖެހޭ، ރައުލްގެ ގޮތް ބޮޑަށް ދެނެގަނެވޭނެ ގޮތަކީ އެއީ... ފަހަރެއްގައި އޭރުން އޭނާގެ ނިޔަތް ސާފުވެދާނެ، އެނގޭތަ އީޝަލް ރޮއެފައިކަން ހުރީ، އަހަރެމެން ނުރުހުންވެގެން އޭނާއާ ދިމާއަށް އެއްޗެކޭ ނުބުނާއިރު ރޭގައި އެވީ ކަންތަކުން އެކުއްޖާއަށް ވެސް އަސަރުތަކެއްކުރާނެ، އޭނާއާ ކަންތައްތައް ޚިއްޞާކުރަން ތިބީ އަހަރެމެން އެކަނިކަން ދަންނަންވާނެ، މީކާޢިލް ނެތިސް އީޝަލްއަށް ބަދަލުތަކެއް އައިކަން އަހަރެން ދެނަހުރިން، އަހަންނަށް ހީވަނީ އެކަން ގުޅިފައިވަނީ ރައުލްއާހެން... އެ ނޫނީ އެ މޫނު މިލާފައި ހުއްޓާ ނުދެކެން، މިޝަލްއާ ބެހޭގޮތުން އީޝަލް ސުވާލުކުރި، މިޝަލްގެ ގޮތް އެ ދަރިފުޅަށް ބުނެދޭން އަހަންނަށްވުރެ ބޮޑަށް އެނގޭނެ މީހަކީ ތީ، އީޝަލްއަށް އޭނާގެ މަންމަ އެނގެން ޖެހޭނެ.... ދެން އިތުރަށް މަޑުކުރެވޭކަށްނެތް، އޭނާއަށް އަހަރެމެންގެ ހުރިހާ އުކުޅުތަކެއް ދަސްކޮށްދޭންވީ ވަގުތު ވެސް ޖެހިއްޖެ" ޒިޔަޒެލް ބުންޏެވެ.
މިޝަލްއާ ބެހޭގޮތުން އީޝަލް އެނގެން ބޭނުންވިކަން އެނގުމުން މީކާޢިލް މާޔޫސްވިއެވެ. މިޝަލްއަކީ އިންސިއަކަށްވާއިރު އިންސީންގެ ދުނިޔޭގެ ކަންތައްތަކާއި މިޝަލްވަނީ ގުޅިފައެވެ. އެކަންކަން އުނިކޮށްލައިފިނަމަ މިޝަލްގެ ދިރިއުޅުމުން ބައެއް އުނިވެގެންދާނެއެވެ. މިޝަލްއާ ގުޅުން ހުރި ކަންތައްތައް ދުށުމަށް ޓަކައި އެ މީހުންގެ ތެރެއަށް އީޝަލް ދިއުމުގެ ޝައުގުވެރިކަން އުފެދޭކަށް މީކާޢިލް ބޭނުމެއްނުވެއެވެ. އެހެންނަމަވެސް އޭނާ ބޯޖަހާލީ ޒިޔަޒެލް އެ ދައްކާ ވާހަކައެއް އޭނާއަށް ވިސްނިއްޖެކަމުގައި ބުނުމުގެ ގޮތުންނެވެ.
* * * * *
މެންދުރުގެ ހޫނުގައި މޫދުގައި އެންމެން ތިބިއިރު ވެސް ރައުލް އިނީ އަތިރިމަތީ ހުރި ރުކެއްގެ ދޮށުގައެވެ. މޫދަށްވުރެ އެއްގަމުގައި އުޅެން އޭނާ މިހާރު ބޭނުންވާ ކަހަލައެވެ. ހަތޯރުއާއި ދާރިއުސް ދެ މީހުންކުރެ ހަލުވީ ކާކުކަން ބެލުމަށް ވާދަ ކުރަމުންދިޔައެވެ. ފަޅުތެރެއަށް އަޑިއަށް ދިޔަގޮތަށް ސޭމެސް މައްޗަކަށް ނާރައެވެ. ރާވިންއާއި ޔާފިއާ އެ މީހުންގެ އަމިއްލަ ދުނިޔެއެއްގައި އުޅޭތަން ފެނެއެވެ. ރައުލްގެ ނަޒަރު ހުރީ އެމީހުންނަށް ހުއްޓިފައެވެ. ނަމަވެސް ރައުލްގެ ޚިޔާލުތައް ގުޅިފައިވީ އީޝަލްއާ އެވެ. އެގޮތުގައި އޭނާ އިންނަތާ އެތައްއިރެއް ވެއްޖެއެވެ. ދާރިއުސްއާއި ހަތޯރު އެދުމުން ވެސް ރައުލް މޫދަށް އެރޭކަށް ބޭނުމެއްނުވިއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރިކަން ރާވިންއަށް ފާހަގަވީކަން ރައުލްއަށް ދެނެގަނެވުނީ ސީދާ ކުރިމަތިން މޫދުން އަރަން ރާވިން އަންނަން ފެށުމުންނެވެ. ރައުލް އަވަސްއަވަހަށް އިސްއޮބާލައި ވެލިގަނޑުގައި އިނގިލި ހިންގާލިއެވެ.
"ޔާފިއާއަށް ކަމެއްކޮށްފާނެތީތަ ތިވަރަށް ތިބަލަނީ" ރާވިން އައިސް ރައުލްގެ ކުރިމަތީ ހުއްޓެމުން އަހާލީ ފާޑަކަށް ހިނިއައިސްފައި ހުރެއެވެ.
"އަހަންނަށް ކޮންކަމެއް ކަލޭމެން ދެ މީހުން ކޮންމެކަމެއް ކުރިޔަސް" ފަރުވާކުޑަ ރާގެއްގައި ރައުލް ބުންޏެވެ. އޭނާ އަދިވެސް އިނީ އިސް އޮބައިލައިގެން ވެލިގަނޑާ ކުޅޭށެވެ. ރާވިން ޖަހާލީ ހިނިގަނޑެކެވެ. އަދި ރައުލްގެ ކައިރީ އޭނާ އިށީނެވެ.
"ކަލޭ އޭނާއާ ގާތްވީތަ؟ އެހެންވެތަ ތިހާ ކުލުނެއްޖެހިގެން ތިއުޅެނީ" ސިއްރުން ކަހަލަ ގޮތަކަށް ރާވިން އަހާލީ ރައުލްއާ ދިމާއަށް ކުޑަކޮށް އަރިވެލަމުންނެވެ. ވަގުތުން ރާވިންއާ ހަތަރުކަޅި ހަމަކޮށްލުމާއެކު ރައުލް ދެބުމަކައިރިކޮށްލިއެވެ. އަދި ރާވިންގެ ކޮނޑުގައި އަތްއަޅައި ދުރަށް ކޮއްޕާލިއެވެ.
"އަހަރެން ވެސް ކަލެއާ ތިކަހަލަ ސުވާލެއް ނުކުރަން ދޯ" ރައުލް ބުނެލިއެވެ. އޭނާއަށް ވީގޮތް ފެނި ރާވިން ފެށީ ހޭށެވެ. މި ނޫނީ ޒަމާންވީ އެކުވެރިޔާއާ ދިމާކޮށްލާނޭ ފުރުޞަތެއް ނުލިބިފައި ހުރި ކަހަލައެވެ. ޚާއްޞަކޮށް އަންހެންކުދީންގެ މައުޟުޢުއަކީ އެއްވެސް ވަރަކަށް ރައުލް ޝައުގުވެރިވާނޭ މައުޟުޢުއެއްނޫންކަން ރާވިންއަށް އެނގެއެވެ.
"ރައުލްއަށް އެނގޭނެތަ އަންހެންކުއްޖަކާ ގާތްވެއްޖެއްޔާ ކަންތައްކުރާނޭގޮތް... އަހަންނަށް ޝައްކު، ނޭނގެންޏާ އަހަރެން ބުނެދީފާނަން ބައެއް ކަންކަން" ރާވިން އިތުރަށް ދިމާކޮށްލިއެވެ.
"ކަލޭ ހީކުރީ އަހަރެންމީ ތަންދޮރުއޮޅުންނުފިލާ ހުރި ގަމާރެއްކަމައްތަ؟" ރައުލް ބުންޏެވެ. ވެއްޓިފައި އޮތް ރާވިން ހެމުންހެމުން ތެދުވެ އިހު އިން ގޮތަށް ދެފައިވަށްކޮށްގެން އިށީނދެއްޖެއެވެ.
"މެދުއިރުމަތިން ދިމާވި ބައިގަނޑު ގޮތަށް އަންހެންނަށް ޝައުގުވެރިކަން ނުހުންނަނީކަމަށް އަހަރެން ހީކުރީ، އެހެންނާހަން ހުއްޓާ މިހާރު އެނގިއްޖެ އެހެނެއްވެސް ނޫންކަން... އީޝަލް އެއީ ނުދެކޭހާ ރީތިކުއްޖެއް، ޔާފިއާނެތްނަމަ އޭނާ...." ރާވިން ހުއްޓުވީ ރައުލްއެވެ.
"އެއީ އަހަރެންގެ... އޭނާއާ ގުޅުވާފައި ހުތުރު ވާހަކައެއް ނުދައްކާތި، އެއީ ޢިއްފަތްތެރި އަބުރުވެރި އަންހެންކުއްޖެއް، އޭނާވާނީ ހަމައެކަނި އަހަރެންގެ އަނތްބަކަށް" ރައުލް ބުންޏެވެ. އޭނާގެ މޫނުގައިވި ސީރިއަސްކަން ފެނި ސަމާސާ ކުރުމުގެ ޚިޔާލު ރާވިން ދޫކޮށްލިއެވެ.
"އީޝަލްއަކީ ހަމައެކަނި ރައުލްގެ ހައްޤެއް" ރާވިން ބުނެލިއެވެ.
"ރައުލް... ޔާފިއާ އެ އައީ ރަނގަޅު ޚަބަރެއް ހިފައިގެންނެއްނޫން" އިރުކޮޅަކު އިނދެފައި ރާވިން ބުންޏެވެ.
(ނުނިމޭ)