ބޮޑު ސަރަހައްދެއް ހިއްކައިގެން ދުބާއީގައި "ދަ ވޯލްޑް" ގެ ނަމުގައި ރަށެއް ހަދައި ދުނިޔެ ސޮނި ވައްޓާލައި ކޮސްކޮށްލި އެވެ. ތިންސަތޭކަ ރަށް ހިމެނޭ މި މަޝްހޫރު 2003 ވަނަ އަހަރު ފަށައި 2008 ވަނަ އަހަރު ނިންމައިލި އެވެ. ދުނިޔެ އޭރު އޮތީ "މާލީ ބަލިމަޑު" ކަމުގެ ތެރޭގަ އެވެ. ނަމަވެސް ޔޫއޭއީގެ ރަސްގެފާނުގެ އެ ހުވަފެން ހަގީގަތަކަށް ހެދި އެވެ. މި ފަހަރު ވެސް އެ ފަދަ ބޮޑު މަސައްކަތެވެ. އެ ގައުމުގައި ހިއްކައިގެން މިހާރު ހަދާ "ޔޫރަޕުގެ ހިތު" ގެ ނަމުން، މަޝްހޫރުވެފައިވާ މަސައްކަތް 2020 ގައި ނިމޭނެ އެވެ. މިތަން ވެސް ވެގެން ދާނީ މުޅި ދުނިޔެ ކޮސްކޮވާ ވަރުގެ ފުރިހަމަ މަސައްކަތަކަށެވެ.
ދެހާސް ވިހި ވަނަ އަހަރު ދުބާއީގައި އޮންނަ "އެކްސްޕޯ 2020" އާ ދިމާކޮށް ހަދަމުން ދާ "ދަ ހާޓް އޮފް ޔޫރަޕް" މަޝްރޫއުގެ އަގަކީ ފަސް ބިލިއަން ޑޮލަރެވެ. ގާތްގަނޑަކަށް ހަތަރު ކިލޯ މީޓަރުގެ ސަރަހައްދެއް ހިއްކައިގެން ހަދާ މި ރަށުގައި ހުދު ދޮންވެލީގެ ގޮނޑުދޮށްތަކުން ފެށިގެން އެންމެ ލަގްޒަރީ ޝޮޕިން ސެންޓަރުތައް ހުރެ އެވެ.
މި ރަށަށް ޔޫރަޕުގެ ހިތުގެ ނަމުން ނަން ދީފައިވަނީ ޔޫރަޕުގެ އެންމެ މަގުބޫލު ސިޓީތައް މި ރަށަށްދާ މީހާއަށް ތަޖުރިބާ ކުރެވޭނެ މާހައުލެއް އޮންނާނެތީ އެވެ. ދުބާއީގެ މި ރަށުގައި ޗުއްޓީ ހޭދަކުރަން އަންނަ މީހާއަށް އިޓަލީގެ ވެނިސް އާއި ސެން ޕީޓާސް ބާގް އަދި ސުވިޑަން އަދި ޖަރުމަނީ އާއި ނިއުޒިލޭންޑް އިހުސާސް ކުރެވޭނެ އެވެ. އެކަމަކު މިތަނުގައި ޗުއްޓީ ހޭދަކޮށްލެވޭނީ ލައްކަ ފައިސާ ވެސް ހުރި މީހަކަށެވެ.
ޔޫރަޕުގެ ހިތުގައި ޗުއްޓީ ހޭދަކޮށްލަންދާ މީހަކަށް ހިތަށް އަރުވާލާ ކޮންމެ އުފަލެއް ލިބޭނެ ކަމަށްވެ އެވެ. މިރަށުގައި 13 ހޮޓަލާއި 4،000 ހޮލިޑޭ ހޯމްސް ހުންނާނެ އެވެ. އަދި މިތަނުގައި ހަދާ މޫދު އަޑީގެ ކޮޓަރިތަކުގަިއ އެކަނި 16،000 މީހުންނަށް ޗުއްޓީ ހޭދަކޮށްލުމުގެ ފުރުސަތު އޮންނާނެ އެވެ.
ފުރަތަމަ ފިޔަވަހި ނިމޭއިރު، ވޯޓާ ފްރަންޓް "ގަނޑުވަރު"ތައް ހުންނާނެ އެވެ. ޔޫރަޕުގެ އެކި ގައުމުތަކުގެ ރަހަތައް އެކުލެވޭ ގޮތަށް ކަމަށްވެ އެވެ. މި ރަށުގައި ހަދާ ސުވިޑެން އައިލެންޑުގައި 32 ވިލާ ހުރެ އެވެ. އަދި ޖަރުމަނުވިލާތް ރަމްޒުކޮށްދޭ ރަށުގައި 78 ފްލޯޓިން ހޯމް ހުރެ އެވެ. މީގެ ތެރެއިން ބައެއް ރަށްރަށުގެ 70 ޕަސެންޓް މިހާރު އޮތީ ނިމިފަ އެވެ.
މަޝްރޫއު ކުރި އަށް ގެންދާ ކްލައިންޑިންސްޓް ގްރޫޕުގެ ޗެއާމަން ޖޯސަފް ވިދާޅުވީ މި މަޝްހޫރުގެ ދަށުން ވިއްކާ ތަންތަނުގެ 85 ޕަސެންޓް ވިކިފައިވާ ކަމަށެވެ. އަދި މިތަންތަނުގެ 70 ޕަސެންޓް ގަނެފައިވަނީ ގަލްފް ކޯޕަރޭޝަން އަށް ނިސްބަވްތާ ގައުމުތަކުގެ މީހުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދުބާއީގެ ބައެއް ނޫސްތަކުގައިވާ ގޮތުން މިތަންތަން ގަނެފައިވާ މަހަޖުންގެ ތެރޭގައި ސުވިޑަންގެ 10 މީހުން ހިމެނެ އެވެ. މީގެ އިތުރުން މެދުއިރުމަތީގެ އަށް ބިލިއަނާއެއްގެ އިތުރުން ޔޫރަޕުގެ ދެ މަހުޖަނުން ވެސް ހިމެނެ އެވެ.
"ޔޫރަޕުގެ ހިތް" މަޝްރޫއު ނިމޭއިރު، ދުނިޔެއަށް ފެނިގެންދާނީ އަނެއްކާވެސް މުޅިންއާ ދުބާއީއެކެވެ. ކުރިން ކަދުރު ރުކެއްގެ ސިފައިގައި "ޕާމް އައިލެންޑް" ހެދި ދުބާއީ ތައްޔާރު ވަނީ އަނެއްކާވެސް ދުނިޔެ ކޮސްކޮށްލާނެ މަސައްކަތަކަށެވެ.