އަތުކުރީގައި އަޅާ ގަޑިއަކީ މީހާގެ ޝަހުސިއްޔަތާއި ގުޅިފައިވާ ކަމެއް ގޮތުގައި ބައެއް މީހުން ދެކެއެވެ. ހާއްސަކޮށް ފިރިހެނުންނެވެ. ކާމިޔާބު މީހެއްވެއްޖެޔާ އަގު ބޮޑު ބްރޭންޑެއްގެ ގަޑިއެއް އަތުކުރީގައި އޮންނަންވާނެ ކަމަށްވެސް ދެކެއެވެ.
ތަފާތު ކުލަ ކުލައިގެ ކަމަރު ލީ ގަޑި ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލެވެ. ހާއްސަކޮށް ރަސްމީ ހެދުމުގައި ހުންނަ އިރު ކޮންމެހެން ވެސް ގަޑިއެއް އަތުގައި އޮންނަން ޖެހެއެވެ. ސިޔާސީ ބޭފުޅުން ވެސް އަތުކުރީގައި އަޅާފައިވާ ގަޑި އާއްމުންގެ މެދުގައި ސަމާލުކަން ހޯދާ މީޑިއާ އާއި ސޯޝަލް މީޑިއާގައި މިވެނި މީހެން އަތުގައި މިވެނި ޑިޒައިނެއްގެ ގަޑިއެއް އެވަނި ބްރޭންޑެއްގެ އަގު ބޮޑު ގަޑިއެއް އޮބައޮތޭ ބުނެ ވާހަކަތައް ފަތުރަ އެވެ. އަދި އެ ވާހަކަތައް ވެސް ޓްރެންޑްވެގެން ދެއެވެ.
ފަހަކަށް އައިސް ދިވެހިންގެ މެދުގައިވެސް ފިޓްނަސް އަށް ދޭ އަހައްމިއްޔަތުކަމާއި ފޯރި އިތުރުވެ ކޮންމެވެސް ކަހަލަ ސްޕޯޓް ގަޑިއެއް އަތުގައި އޮތުން ޒުވާން ފިރިހެނުންގެ މެދުގައި މަގުބޫލެވެ. މި ފަދަ ގަޑި ތަކަކީ މީހާ ކަސްރަތު ކުރާއިރު ނުވަތަ ދުވާއިރު މީހާގެ ހާޓް ރޭޓް މޮނިޓާކޮށް ދީ، ކަސްރަތުގައި ނުވަތަ ދުވުމުގައި ހޭދަކުރި ވަގުތާއި ހަށިގަނޑުގެ ކެލަރީ ބާންވި ވަރާއި އަދި ޖީޕީއެސް މެދުވެރިކޮށް ކަސްރަތުކުރި ލޮކޭޝަން ބަލާލެވޭ ހާ ސްމާޓް ގަޑިތަކެވެ. މިގޮތުން "ގާމިން" އަކީ ދިވެހިންގެ ތެރޭގައި ވެސް މަގުބޫލު ސްޕޯޓް ބްރޭންޑެކެވެ.
އާއްމުކޮށް މި ފެންނަނީ ވަށް މޫނެއް ލާފައި ހުންނަ ގަޑިތަކެވެ. ނަމަވެސް އެޕަލް އިން 2015 ގެ ނެރުނު ސްމާޓް ވޮޗާއިއެކު ހަތެރަސްކަން މޫނުލީ ގަޑިތަށް ވެސް މިހާރު މަގުބޫލެވެ. މި ގަޑި 2015 ގައި އަލަށް ބާޒަރަށް ނެރުނު އިރު އެ އަހަރުގެ މެދާއި ހަމައަށް ވަނީ 4.2 މިލިއަން ގަޑި ވިކިފަ އެވެ.
ފިރިހެނުން ރީތީ ކޮން އަތެއްގައި ގަޑި އެޅީމަތަ؟
ގިނަ ފިރިހެނުން އާއްމުކޮށް ގަޑި އަޅަނީ ވާތުގަ އެވެ. ކަނާތް އިސް ކުރާ މީހުން ގިނަވެ، ވާތުން ކުރާ ހަރަކާތްތައް މަދުވުމަކީ ވާތުގައި ގަޑި އެޅުމަށް ގިނަ މީހުން ހިޔާރު ކުރާ ކަމެކެވެ. އަގު ބޮޑުކޮށް ގަންނަ ގަޑީގައި ކޫރުން އެޅި، ހަލާކުވާން ދިމާވެދާނެތީ ކަމުގައި ވެސް ވެދާނެއެވެ. އެހެންނަމަވެސް ބައެއް މީހުން ކަނާތުގައި ގަޑި އަޅަނީ ސޮއި ކުރާއިރު ވެސް އަތުކުރީގައި އަޅާފައި އޮންނަ މޮޅު ގަޑި ދައްކާލުމުގެ ގޮތުންނެވެ.
ގަޑި އެޅުމުން ޝަހުސިއްޔަތަށް ބަދަލު ގެނުވަ އެވެ. އެކަމަކު ކޮންމެ އަތެއްގައި ނުވަތަ ކޮންމެ ކަހަލަ ގަޑިއެއް އެޅިކަމުގައި ވިޔަސް ގަޑިއަށް ފަރުވާތެރި ނުވާނަމަ ވަރުގަދަ ޝަހުސިއްޔަތަކަށް އެމީހަކު ނުވާނެ އެވެ.