ހަބަރު

އަދާލަތު ޕާޓީގެ އިނގުރައިދޫ ދާއިރާގެ ޕްރައިމަރީ ހުކުރު ދުވަހު

މިއަހަރު ބާއްވާ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީ އިން ވާދަ ކުރާނެ ރ. އިނގުރައިދޫ ދާއިރާ ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީ އަންނަ ހުކުރު ދުވަހު ބާއްވަން ނިންމައިފި އެވެ.

އަދާލަތު ޕާޓީ އިން ބުނީ، މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓު ދިނުމަށް އިނގުރައިދޫ ދާއިރާގައި ޕްރައިމެރީ ބާއްވާނެ ތާރީހަކީ އަންނަ ހުކުރު ދުވަސް ކަމުގައި އެޕާޓީގެ އިންތިހާބާއި ބެހޭ ކޮމިޓީއިން ކަނޑައަޅާފައިވާ ކަމަށެވެ.

އިނގުރައިދޫ ދާއިރާގެ ޕްރައިމަރީގައި ވާދަ ކުރަން ނިންމާފައިވަނީ ދެ ކެނޑިޑޭޓުންނެވެ. އެއީ އެއަތޮޅު ކިނޮޅަހު ކައުންސިލްގެ ރައީސް އަހުމަދު ހުސެއިން އާއި އަލީ ޝަރީފެވެ. އަދާލަތު ޕާޓީ އިން ހަމައެކަނި ޕްރައިމަރީ ބާއްވާ ދާއިރާ އަކީ އިނގުރައިދޫ ދާއިރާ އެވެ.

އަދާލަތު ޕާޓީ އިން މަޖިލިސް އިންތިހާބުގައި 13 ދާއިރާއަކަށް ކުރިމަތިލާން ވަނީ ނިންމާފަ އެވެ. އެދާއިރާތަކަކީ:

  • ކެލާ ދާއިރާ
  • ވައިކަރަދޫ ދާއިރާ
  • ހަނިމާދޫ ދާއިރާ
  • މަކުނުދޫ ދާއިރާ
  • އިނގުރައިދޫ ދާއިރާ
  • ކާށިދޫ ދާއިރާ
  • މަހިބަދޫ ދާއިރާ
  • މުލަކު ދާއިރާ
  • ނިލަންދޫ ދާއިރާ
  • ގަމު ދާއިރާ
  • ފުވައްމުލަކު ދެކުނު ދާއިރާ
  • ފޭދޫ ދާއިރާ
  • މާފަންނު ދެކުނު ދާއިރާ

ރިޔާސީ އިންތިހާބުގެ ކުރިން ޕާޓީތަކާއި ކެންޑިޑޭޓެއްގެ ހައިސިއްޔަތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެމެދުވެފައިވާ އެއްބަސްވުމުގައިވާ ގޮތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީ ވާދަ ކުރާނީ 35 ދާއިރާއަށެވެ. އަދި ޖުމްހޫރީ ޕާޓީ ވާދަ ކުރާނީ 22 ދާއިރާއަށެވެ. އަދާލަތު ޕާޓީއަށް 13 ދާއިރާ ލިބޭއިރު މައުމޫންއަށް ލިބޭނީ 17 ދާއިރާ އެވެ.

ނަމަވެސް އެމްޑީޕީ އިން ވަނީ ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމައި އެދާއިރާތަކުގެ ޕްރައިމަރީވެސް ބާއްވާފަ އެވެ. އަދި ޖުމްހޫރީ ޕާޓީން ވަނީ އެމްޑީޕީއާއެކު މަޖިލިސް އިންތިހާބަށް ހަދާފައިވާ ކޯލިޝަން ރޫޅާލައި އަންނަ މަޖިލިސް އިންތިހާބުގައި އެޕާޓީއާއެކު ކުރިއަށްދާންތިބި އެހެން ޕާޓީތަކާއެކު ކޯލިޝަން ހަދަން ތައްޔާރަށް ތިބި ކަމަށް ބުނެފަަ އެވެ.