ދުނިޔެ

އެފްރިކާގެ ނާޖާއިޒު ފައިދާ ނަގާ ކަމަށް ބުނުމުން ފްރާންސް ރުޅިގަދަވެއްޖެ

Jan 22, 2019

ޕެރިސް (ޖެނުއަރީ 22) - ފްރާންސް އިން އެފްރިކާގެ ގައުމުތަކުގެ ނާޖާއިޒު ފައިދާ ނަގާ، އެ ބައްރުން ޔޫރަޕަށް މީހުން ހިޖުރަކުރާ މައްސަލަ އިތުރަށް ގޯސްކުރާ ކަމުގެ ތުހުމަތު، އިޓަލީގެ ބޮޑު ވަޒީރުގެ ނައިބު ކުރެއްވުމުން ފްރާންސް އިން އެކަމާއި ނުރުހުން ފާޅުކޮށްފި އެވެ.

ރެފިއުޖީންގެ މައްސަލާގައި ޒަމާނުއްސުރެ ދެ ގައުމުގެ ދެމެދުގައި ހިޔާލުތަފާތުވެފައިވާއިރު، އިޓަލީގެ ބޮޑު ވަޒީރުގެ ނައިބު ލުއިޖީ ޑި މާއިއޯ ވަނީ ފްރާންސް އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަށް ގޮވާލައްވައިފަ އެވެ.

އެކަމާއި ގުޅިގެން، ފްރާންސް ސަރުކާރުން ވަނީ އެގައުމުގައި ހުންނަ އިޓަލީ ސަފީރު ވެސް ހާޒިރުކޮށްފަ އެވެ.

މިދިޔަ އަހަރު ރެފިއުޖީންތަކެއް ގޮވައިގެން އައި ބޯޓެއް، އިޓަލީގައި ބަނދަރުކުރަން ހުއްދަ ނުދިނުމުން، ފްރާންސް އިން ވަނީ ފާޑުކިޔައިފަ އެވެ. އޭގެ ރައްދުގައި، ރެފިއުޖީން އެތެރެވުމަށް ފްރާންސް އިން ދެކޮޅު ހަދަމުންދާ ކަމުގެ ތުހުމަތު އިޓަލީ އިން ވަނީ ކޮށްފަ އެވެ.