ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ސްޕެއިނާއި ފްރާންސްގައި ފިޔަވަޅުތައް ހަރުކަށިކޮށްފި

Mar 15, 2020

ކޮރޯނާ ވައިރަސް މިހާރު ފެތުރޭ އާ އެޕިސެންޓަރަކީ ޔޫރަޕުކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯއިން ކަނޑައަޅާފައިވާއިރު، އިޓަލީ އެކޭ އެއް ފަދައިން، އެ ބައްރުގެ އެންމެ ބޮޑު ދެ ގައުމުކަމުގައިވާ ސްޕެއިން އަދި ފްރާންސް އިން ވެސް އެ ބައްޔާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފި އެވެ.

އެގޮތުން، ސްޕެއިންގައި ކާބޯތަކެއްޗާއި ބޭސް ގަތުމަށް މެނުވީ، ގެއިން ބޭރަށް ނުނިކުތުމަށް ސަރުކާރުން ވަނީ ރައްޔިތުންނަށް އަންގައިފަ އެވެ. މިހާތަނަށް 191 މަރާއެކު، އިޓަލީއަށްފަހު، އެ ވައިރަހުގެ އަސަރުކޮށްފައިވާ ގައުމަކީ ސްޕެއިންއެވެ.

ފްރާންސްގައި މިހާތަނަށް 91 މީހަކު މަރުވެފައިވާއިރު، އެ ގައުމުގައި ހުންނަ ހުރިހާ ސިނަމާތަކާއި، ކެފޭ އަދި ރެސްޓޯރަންޓްތަކުގެ އިތުރުން ގިނަ ފިހާރަތަކެއް ވަނީ ބަންދުކޮށްފަ އެވެ.

ޔޫރަޕުގައި ބަލީގެ އަސަރުކޮށްފައިވާ އިޓަލީގައި މިހާތަނަށް 1،440 މީހުން މަރުވެފައިވާއިރު، މިދިޔަ ހޯމަ ދުވަހުން ފެށިގެން އެ ގައުމު އެކީގައި ވަނީ ބަންދުކޮށް، ކަރަންޓީނުކޮށްފަ އެވެ.

އެހެން ގައުމުތަކުން:

  • ނިއު ޒީލެންޑްއެކޭ އެއް ފަދައިން އޮސްޓްރޭލިއާއަށް އެތެރެވާ ހުރިހާ މީހުން 14 ދުވަހު އަމިއްލައަށް ކަރަންޓީނުކުރަން ވަނީ އަންގައިފައި.
  • އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ކޮވިޑް-19 އަށް ނެގެޓިވްކަމަށް ވައިޓް ހައުސް އިން ވަނީ ބުނެފައި.
  • އެމެރިކާ އިން ޔޫރަޕުގެ ގިނަ ގައުމުތަކުން މީހުން އެތެރެވުން މަނާކޮށްފައިވާއިރު، އެ ލިސްޓަށް ޔޫކޭ އަދި އަޔަލަންޑް އިތުރުކުރަން ވަނީ ނިންމާފައި.
  • އެންމެ ދުވަހެއްގެ ތެރޭގައި ޔޫކޭގައި މަރުވި މީހުންގެ އަދަދު ވަނީ ދެ ގުނަވެފައި.
  • މިވަގުތު ގައުމުން ބޭރުގައި ތިބި ހުރިހާ ރައްޔިތުން، އެނބުރި ގައުމަށް އައުމަށް ކެނެޑާއިން ވަނީ އަންގާފައި.

ގާތްގަނޑަކަށް 46 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްޕެއިންގައި މިހާތަނަށް 6،300 މީހުނަށް އެ ވައިރަސް ޖެހިފައިވާއިރު، ބޮޑުވަޒީރު ޕެޑްރޯ ސަންޗޭޒްގެ އަނބިކަނބަލުން ކޮވިޑް-19 އަށް ވަނީ ޕޮޒިޓިވްވެފަ އެވެ. ބޮޑުވަޒީރު ދެކަނބަލުންވެސް މިހާރު ކަރަންޓީނުކޮށްފައިވާއިރު، ބޭންކުތަކާއި ޕެޓްރޯލް ޝެޑުތައް މެނުވީ، ހުރިހާ ތަނެއް ވަނީ ބަންދުކޮށްފަ އެވެ. ސްޕެއިންގައި މިހާރު ވަނީ ކުއްލި ހާލަތު އިއުލާނުކޮށްފަ އެވެ.

ފްރާންސްގައި 63.5 މިލިއަން މީހުން ދިރިއުޅޭ އިރު، އެ ގައުމުން މިހާތަނަށް ކޮވިޑް-19ގެ 4،400 ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ. ފްރާންސްގައިވެސް، ސްކޫލްތަކާއި، ކްލަބްތަކާއި، ރެސްޓޯރަންޓް، ކެފޭ އަދި ސިނަމާތައް ބަންދުކޮށްފައިވާއިރު، އެތެރޭގެ ދަތުރުތައް ނުކޮށް ގޭގައި ތިބުމަށް ސަރުކާރުން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފަ އެވެ.