މަންމައިންނަކީ ދަރިން ތަރުބިއްޔަތު ކުރުމުގައި އެންމެ އިސް ރޯލެއް އަދާކުރާ މީހުންނެވެ. އެމީހުންގެ ހިތްވަރަށް ހަމަ ސާބަސް ހައްގެވެ. ބައެއް މީހުން ބުނާ ގޮތުގައި މަންމައިންގެ ތެރެއިން ބުރަ މަސައްކަތް ކުރަނީ އޮފީހަށް ދާ މަންމައިން އެކަންޏެވެ. އަނެއް ބަޔަކު ދެކޭ ގޮތުގައި މަންމައިންގެ ތެރެއިން ބޮޑަށް ބުރަކޮށް އުޅެނީ ގޭގައި ކުދިން ބަލަންތިބޭ މަންމައިންނެވެ.
އާމްދަނީ ހޯދަން މަސައްކަތަށް ދާ މަންމައިން
މި މަންމައިނަކީ ދިރިއުޅެން އާމްދަނީ ހޯދަން ވަޒީފާއަށް ނުކުންނަ މަންމައިންނެވެ. މިހާރު ގިނަ މަންމައިން އުޅެނީ ސައިކަލުގަ އެވެ. މަސައްކަތުން ކިރިޔާވެސް ކުޑަ ހުސް ވަގުތު ކޮޅެއް ލިބޭއިރަށް ވެސް ދަރިންނަށް ބުއް ދިނުމަށާއި، ދަރިން ސުކޫލަށް ފޮނުވުމާއި ކާންދިނުމާއި އެހެނިހެން ކަންކަން ކުރަން ގެއަށް ދެވެ އެވެ.
އާއިލާ އިން ބޭރު މީހަކާ ކުދިންކޮޅު މަސައްކަތު ވަގުތު ކުދިން ހަވާލު ކުރާނަމަ އެކަމާވެސް އިންތިހާއަށް ވިސްނައެވެ. އަދި މަސައްކަތުން ނިމިގެން ގެއަށް އައިސް އެއްވެސް ބްރޭކެއް ނެތި އަވަސް ވެގެންނަނީ ދަރިފުޅާއެކު ވަގުތު ހޭދަ ކުރުމަށެވެ. ދަރިފުޅު މާ ގިނައިން ޓެބްލެޓް ބަލަން އިނދެފި ނަމަ އެކަމާ ދެރަވެ އަވަހަށް ދަރިފުޅަށް އެންމެ ރަނގަޅަށް ކޮށްދެވެން އޮންނަ ކަމެއް ބަލާ އެކަމާ އުޅެއެވެ.
މަންމައިންނަށް ސާބަސް ދޭން ޖެހެނީ، ދިރިއުޅުމުގައި ދިމާވާ ކޮންމެ ގޮންޖެހުމާއި، ބައިވެރިޔާގެ ފަރާތުން ލިބެންވާ އެއްބާރުލުމެއް ނުލިބުނަސް ދަރިންކޮޅަށްޓަކައިވާ ގުރުބާނީ އަށެވެ.
ގޭގައި ކުދިން ބަލަން ތިބޭ މަންމައިން
ގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތުން އެއީ އެއްވެސް ކަމެއް ކުރާ ބައެއް ނޫނެވެ. ނަމަވެސް ދަރިން ބެލުމުގެ އިތުރުން ގޭތެރޭ ހުރިހާ ކަމަކާއި ހަވާލުވެގެން ތިބޭ މަންމައިން ކުރާ މަސައްކަތްތަކައް ހުރެ އެވެ.
އުމުރުން 36 އަހަރުގައި ހަތަރު ކުދިންގެ މަންމައެއް ކަމުގައިވާ މާޝީ ބުނާގޮތުގައި މުޖުތަމައު ދެކެނީ ގޭގައި ކުދިން ބަލަންތިބޭ މަންމައިންނަކީ ކަންނެތް ބައެއްގެ ގޮތުގަ އެވެ. އަދި އެ މީހުންނަކީ ފައިދާ ހުރި މަސައްކަތްތަކެއް ކުރާވެސް ބައެއް ނޫނެވެ.
މާޝީ އަކީ ހަތަރު ކުދިންގެ މަންމައެއްގެ އިތުރުން ކޭކް ޑިޒައިނަރެކެވެ. އަދި އޯޑަރަށް ކޭކް ހަދާ އަމްދަނީ އެއް ހޯދަމުން އަންނަ މަންމައެކެވެ. އޭނާ ބުނިގޮތުގައި މަތީ ތައުލީމު ހާސިލު ކުރުމުގެ ބަދަލުގައި ގޭގައި ކުދިން ބަލަން ހުރުމަކީ ބޭކާރު ކަމެއް ކަމުގައި މީހުން ބުނެއެވެ.
އެހެން ނަމަވެސް މިފަދަ މަންމައިންގެ ސަބަބުން ކުދިންނަށް ބޭނުންވާ ލޯތްބާއި އަޅާލުން ކުދިންއަށް ލިބި ހަމަ އަބަދުވެސް ކުދިންނަށް ހުސްވެގެން ހުންނަ މަންމައެއް ހުރުމުން ކުދިންނަށް ގިނަ ގުނަ ފައިދާ ކުރާނެކަން އެއީ ޔަގީން ކަމެކެވެ.
ދެން އޮތީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ މަންމައިންގެ ވާހަކައެވެ. މި ފަދަ މަންމައިންނަކީ ހާއްސަ ހިއްވަރެއް ދައްކައިގެން ދިރިއުޅުމުގެ ކަންކަމާއި ކުރިމަތިލާ މަންމަތަކެކެވެ. މީގެ އިތުރުން އެކަނިވެރި މަންމައިންނެވެ. މި މަންމައިން ގެ ހިއްވަރުން ކުދިންނަށް ކުދިންގެ ބައްޕައަކީވެސް މަންމައެވެ. އެހެންކަމުން މިއީ ހުސް ބުރަ މަސައްކަތް ކުރާ މަންމައިންނޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.