ވިޔަފާރި

އިސްލާމިކް ބޭންކަށް އާ މެނޭޖިން ޑިރެކްޓަރެއް އައްޔަން ކޮށްފި

Jan 22, 2019
1

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ބަންގްލާދޭޝްގެ އަބްދުލް މުހައިމިނު ހަމަޖައްސައިފި އެވެ.

އެމްއައިބީގެ އާ އެމްޑީގެ މަގާމަށް އައްޔަން ކުރެއްވި މުހައިމިނަކީ މި ދާއިރާގެ ތަޖުރިބާކާރު ބޭފުޅެކެވެ. މިގޮތުން އަބްދުލް މުހައިމިން ވަނީ ބަންގްލަދޭޝް ޔުނައިޓެޑް ކޮމާޝަލް ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަގާމާއި ބަންގަލަދޭޝްގެ އެންމެ ބޮޑު އެއް ބޭންކް ކަަމަށްވާ ބްރެކް ބޭންކްގެ އެމްޑީ އާއި ސީއީއޯގެ މަގާމު ވެސް ފުރުއްވާފައިވެ އެވެ.

މުހައިމިން ވަނީ މި ދާއިރާގައި 30 އަހަރު މަސައްކަތް ކުރައްވާފަ އެވެ. އެމަނިކުފާނު މަސައްކަތް ކުރެއްވި ތަންތަނުގެ ތެރޭގައި އޭޝިއާ އާއި އޮސްޓްރޭލިއާ އަދި މެދުއިރުމަތީގެ ގައުމުތަކުގެ ބޮޑެތި ކުންފުނިތައް ވެސް ހިމެނެ އެވެ. އަދި އޭނާއަކީ ޑާކާ ޔުނިވާސިޓީން އެމްބީއޭ ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. މީގެ އިތުރުން ކެމްބްރިޖު ޔުނިވާސިޓީ އާއި އިނިގޭސިވިލާތުގެ ހާވާޑް ޔުނިވާސިޓީ އިން މަތީ ތައުލީމް ހާސިލްކުރެއްވުމުގެ އިތުރުން އޮސްޓްރޭލިއާގެ މޮނާޝް ޔުނިވާސިޓީން މެނޭޖްމެންޓް ދާއިރާގެ ކޯސްތަކެއް ވެސް ވަނީ ފުރުއްވާފަ އެވެ.

އެމްއައިބީ އުފައްދާފައިވަނީ ދިވެހި ސަރުކާރުގެ 15 ޕަސެންޓް ހިއްސާ އަދި އައިސީޑީގެ 85 ޕަސެންޓް ހިއްސާއާއެކުގަ އެވެ. އެހެން ނަމަވެސް އެމްއައިބީގައި އޮންނަ އައިސީޑީގެ ހިއްސާގެ ތެރެއިން 10 ޕަސެންޓް ވިއްކާލަން އެފަރާތުން ބޭނުންވުމާއި ގުޅިގެން އަދި އެމްއައިބީ ފުޅާވެ، ކުރިއަރަމުންދާ ވިޔަފާރި އާއި ފައިދާވަމުންދާ މިންވަރަށް ބެލުމަށްފަހު 10 ޕަސެންޓް ހިއްސާ 2017 ވަނަ އަހަރު ސަރުކާރުން ވަނީ ގަނެފަ އެވެ.