ސިއްހަތު

ބޭބީ ލެޑް ވީނިން: އަޖުމަ ބަލައިލަން ރަނގަޅު!

ތުއްތު ދަރިފުޅަށް ކާން ދިނުމުގައި ބޭބީ ލެޑް ވީނިނިގް ހިޔާރުކުރާ މަންމައިން އަންނަނީ ގިނަވަމުންނެވެ. ބޭބީ ލެޑް ވީނިންއަކީ ތުއްތު ދަރިފުޅަށް ކާން ދިނުމުގައި މުގުރާފައި ހުންނަ ކާ އެއްޗެހި ސަމްސަލުން ދިނުމުގެ ބަދަލުގައި އެ ކުދިން އަމިއްލައަށް އަތުން ނަގައިގެން ކެވޭ ފަދަ ކާނާ ދިނުމަށް ކިޔާ ނަމަކެވެ.

ޒަމާނުއްސުރެ ސަމްސަލުން މި ދޭ ޗަސްކޮށްފައި ހުންނަ ބަކުންނާއި ބޭބީ ލެޑް ވީނިން ގައި ހުންނަ ތަފާތަކީ ތުއްތު ކުދިންނަށް ސަމްސަލުން ކާންދޭއިރު ފުރަތަމަ ދަސްކުރަނީ ކާށެވެ. ހަފަން ދަސްކުރަނީ ފަހުންނެވެ. ނަމަވެސް ބޭބީ ލެޑް ވީނިންގައި ފުރަތަމަވެސް ތުއްތު ދަރިފުޅު ދަސްކުރާނީ ރަނގަޅަށް ހަފާލާފައި ދިރުވާލާށެވެ.

ބައެއް މަންމައިން ބޭބީ ލެޑް ވީނިންގް ހަދަނީ ކުއްޖާއަށް އަށް މަހުގައެވެ. ހަ މަހުގައި ފުރަތަމަ ހަމަ މުގުރާފައި ހުންނަ ކާ އެއްޗެހި ދެނީ އެވެ. ރަނގަޅަށް ކާންދޭ ގޮނޑީގައި އިށީނދެވެން ފެށުމުން ކައްކާފައި ހުންނަ ތަރުކާރީ އާއި ޕާސްތާ ފަދަ ތަކެތި އަތަށް ދެނީ އެވެ، ކުޑަ ކުޑަ މުށެއް ތެރެއަށް ތަރުކާރީކޮޅު ލައިގެން އަނގަޔާ ދިމާކޮށް އަމިއްލައަށް ހަފާލައި ކާލައެވެ.

ބޭބީ ލެޑް ވީނިންގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާ ކަމަށް މާހިރުން ބުނެއެވެ. މިގޮތުން ކުއްޖާއަށް ތަފާތު ކާނާ ހިޔާރު ކުރުމުގެ ފުރުސަތު އޮވެ އެވެ. އަދި ތަފާތު ކާނާ އަޖުމަ ބަލާނަމަ ގިނަ ރަހަތަކަށް އަވަހަށް ހޭނި ކުއްޖާއަކީ ކާން ދޭން ފަސޭހަ ކުއްޖަކަށް ވެއެވެ.

މީގެ އިތުރުން ހަމައެކަނި މުގުރާފައި ހުންނަ ކާނާ ތުއްތު ދަރިފުޅަށް ދޭ ނަމަ ކިރިޔާ ހަރު އެއްޗެއްޖެހޭ އިރަށް އުނދަގޫވެ ނުކާން އުޅުމުގެ ބަދަލުގައި ކެއުމަށް ޝައުގުވެރިކަން އޮވެއެވެ. އަދި އާއިލާއާއެކު ކެއުމުގައި ތުއްތު ދަރިފުޅަށް ބައިވެރިވެ ބޮޑެތި މީހުންނާއި އެކީ ކާން އިށީނ ދެވެ އެވެ. މީގެ އިތުރުންވެސް ބިޒީކޮށް އުޅޭ މަންމައިންނަށް ކާން ތައްޔާރު ކުރުމަށް ކާ އެއްޗެހި މުގުރުމަށާއި ޗަސް ކުރުމަށް ދާ ވަގުތު ސަލާމަތް ވެގެން ދެއެވެ. ތުއްތު ދަރިފުޅަށް މިގޮތަށް ކާން ދޭން ބޭނުންނަމަ އަންނަނިވި ގޮތަށް ތައްޔާރުކޮށްފައި ހުންނާ ކާނާ ދެވިދާނެއެވެ.

އާފަލު އާވިން ކައްކައި ކުޑަ ފޮނިތޮށިކޮޅެއް ލާފައިވެސް ދެވިދާނެ އެވެ. ތުއްތު ދަރިފުޅު އަތަށް ދޭންވާ ކާނާ އެންމެ ރަނގަޅީ ޗިޕްސް ހުންނަ ބައްޓަމަށް ކޮށާފައިކަމަށް ތަޖުރިބާކާރުން ވިދާޅުވެ އެވެ. މީގެ އިތުރުން އެވަކާޑޯ، ކަރަލާއި އަނބު އަރިޔަށް ކޮށާފައި ދެވިދާނެއެވެ. ހަމަ އެ ގޮތަށް ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން ބްރޮކޮލީ އާއި ކޮލިފްލާވަރާއި ކެރެޓް، އަލުވި، ބަރަބޯ، ކައްޓަލަ ރޯސްޓް ކުރުމަށްފަހު ދިގުކޮށް ކޮށާލާފައި ދަރިފުޅު އަތަށް ދެވިދާނެ އެވެ.

ނަމަވެސް މިގޮތަށް ކާން ދިނުމުގައި ތުއްތު ދަރިފުޅު އަމިއްލަ އަތުން ނަގައިގެން ކާ އިރު ވަރަށް ބޮޑަށް ގައިގަ އާއި މޫނުގައި ކާއެއްޗިސް އުނގުޅި ހަޑިވުމަކީ އެކަށީގެންވާ ކަމެކެވެ. މީގެ އިތުރުން، އަމިއްލައަށް ނަގައިގެން ކާން ގިނަ ވަގުތުތަކެއް ދިއުމާއި އެކަށީގެންވަ މިންވަރަށް ބަނޑު ފުރެންދެން ކެވުނުކަން ކަނޑައަޅަން އުނދަގުލެވެ.

ދަރިފުޅަށް ކާންދޭންވާނީ ކުއްޖާއަށް ހަ މަސް ފުރި ރަނގަޅަށް އިށީންދެވުމުން ކަމުގައި ކުޑަކުދިންގެ ހާއްސަ ޑޮކްޓަރުން ލަފާދެއްވަ އެވެ. އަދި ކާންދޭން ފަށާއިރު އެއްފަހަރާ މާ ގިނަ ވައްތަރުތަކެއް ނުދީ ފުރަތަމަ ވެސް ކޮންމެ ކާނާއެއް ތިން ދުވަހު ދީ އެއްވެސް ކަހަލަ އެލާޖިކް ރިއެކްޝަނެއް އާދޭތޯ ބެލުމާއި ބަނޑަށް އުނދަގޫވުމެއް ހުރިތޯ ބެލުން ރަނގަޅު ކަމުގައި ލަފާދެއްވަ އެވެ. މީގެ އިތުރުން ކުއްޖާ ކާ އިރު ސަމާލުކަން ދިނުން މުހިއްމެވެ. ކަރުގައި އަޅައިގަނެ ކަމެއްވެދާނެ ތީ އަބަދުވެސް ބަލަންޖެހެ އެވެ.