ވާހަކަ

ކުރު ވާހަކަ: ކައިވެނި

މަގުމަތީގައި އެންމެ ކާރޫބާރު ބޮޑު ހަވީރުގެ ވަގުތެވެ. އެއް އަތުން ލަގެޖް ދަމަމުން އަނެއް އަތުން، ހަ މަސްނުވާ ތުއްތު ދަރިފުޅު އުރާލައިގެން ހުރެ އަހަރެން ކުރިއަށް ހިނގަމުން ދިޔައީމެވެ. އަހަރެންގެ ހެދުމުގެ އެއްއަރިމަތީގައި ހިފަހައްޓާލައިގެންހުރެ އަހަރެންގެ ހަ އަހަރުގެ ދޮށީ އަންހެން ދަރިފުޅުވެސް އަހަންނާ އެއްވަރަކަށް ހިނގަމުންދިޔައެވެ. ސުވާލުގެ ނަޒަރުތަކުން އެވަގުތުވެސް އަހަންނަކަށް ރެކިއެއް ނުގަނެވުނެވެ. އަހަރެންގެ ދެލޮލުގައި އުތުރެމުން ދިޔައީ ކަރުނައިގެ ކޯރެކެވެ. ނަމަވެސް އެކަރުނުން މަލާމާތް ފިޔަވައި، އަހަންނަށް ލިބިދޭނެ އެއްވެސް އެހީތެރިކަމެއްނެތީތީ، ގަދަކަމުން އެކަރުނައިގެ މައްޗަށް ގަދަވެވޭތޯ އަހަރެން ބެލީމެވެ.

*** *** *

"މަންމާ ކައިވެނި ކުރަނީ ކިހިނެތްތަ؟ އެއީ ކީއްކުރަން ކުރާ އެއްޗެއްތަ؟" އެވަގުތު އަހަރެންގެ ސިކުނޑީގައި ގުގުމަމުން ދިޔައީ އަހަރެންގެ ޢުމުރުން އަށެއްކަ އަހަރުގައި މަންމައާ ކުރެވުނު ސުވާލެކެވެ.

"ދަރިފުޅާ. ކައިވެންޏަކީ އެކަމަށް ކެރިކުޅަދާނަވެ ބޭނުންޖެހިގެންވެގެންވާ ކޮންމެ މީހަކުވެސް ކުރަންޖެހޭ ކަމެއް. މާތްﷲ އަހަރެމެން ދުނިޔެއަށް ފޮނުއްވި މަޤުޞަދުގެ ތެރޭގައި ބިންމަތި އާރާސްތުކޮށް ހެޔޮގޮތުގައި ދަރިފަސްކޮޅު އާލާކުރުންވެސް ހިމެނޭ. އަހަރެމެން ކޮންމެ އަންހެނަކީވެސް، އެމީހަކު ކައިވެނީގެ ގުޅުމުންގުޅޭ ފިރިހެނާއަށް ހެޔޮކޮށްހިތުން ވާޖިބު ބައެއް..." އެދުވަހު އަހަރެންގެ އެ މައުސޫމް ސުވާލާއެކު ހިތުގައި އުތުރިގަތް ލޯތްބާއެކު، އަހަރެންގެ ތުއްތު ހަށިގަނޑުގައި ލޯބިން ބައްދާލަމުން އަހަރެންކުރި ސުވާލަށް މަންމަ ޖަވާބު ދިނީ އެހެންނެވެ. މަންމަގެ އެބަސްކޮޅު އަހަރެންގެ ހިނދުރީގައި ވަކި ހިއްޕާލީ ދުވަހަކުވެސް އެއަޑު ނުކެނޑޭނެހާ ވަރުގަދަޔަށެވެ.

މަތީ ޘާނަވީއަށް ކިޔަވާ ނިންމާލި އިރުވެސް އަހަންނަކީ ލޯބިވެރިން ހޯދުމުގެ ޝައުޤެއްނެތް އަންހެންކުއްޖަކީމެވެ. އަހަރެންގެ ހިތުގައިވަނީ ކައިވެނިކުރުމުގެ ޢަޒުމެވެ. ރާއްޖެއިން ބޭރުން ފުރަތަމަ ޑިގްރީ ނިންމުމަށްފަހު އަހަރެން ކައިވެންޏަކާ ހަމައަށް ދިޔައީމެވެ.

ޚުޖޫލް އާއި އަހަރެން ބައްދަލުވީ އަހަރެމެންގެ ގޭގައިއޮތް ހުކުރު ދުވަހުގެ ކެއުމެއްގެ ތެރެއިންނެވެ. ޚުޖޫލްއަކީ އަހަރެންގެ ބޭބެގެ ރައްޓެއްސެކެވެ. ރާއްޖެއިން މަދުން ނޫނީ ނުފެންނަހާ ރީތި ޒުވާނެކެވެ. އޭނާގެ ނަމުގެ މާނައިންވެސް ދޭހަވަފަދަ ލަދުރަކި ޒުވާނެކެވެ. ޚުޖޫލް ކިތައްމެ ރީއްޗަސް ފުރަތަމަ ފެނިލުމާއެކު އަހަރެންގެ ހިތް ޚުޖޫލަށް ހަދިޔާއެއް ނުކުރަމެވެ.

އަހަރެންގެ މައުޖޫދުގައި، ފިރިމީހައާއި، ފިރިމީހާގެ ޢާއިލާގެ ދިރިއުޅުން އުފާވެރިކަމުގެ ސުވަރުގެ އެއްފަދަ ތަނަކަށް ހަދައިދިނުމުގެ އުންމީދެވެ. އަހަރެން އުޅެމުންދިޔަ އަރާމު ތަނަވަސް ދިރިއުޅުމުން ނުކުމެ، ޚުޖޫލުގެ ތޮއްޖެހިފައިވާ ގެއަށް ދިރިއުޅުން ބަދަލުކުރީ އެއްވެސް ޝަކުވާއެއްނެތިއެވެ. ޚުޖޫލުގެ އާއިލާގައި ބޮޑަށް ތިބެނީ ފަސް އަންހެންކުދިންނެވެ. ޚުޖޫލްއަކީ އެއާއިލާގައި ހުރި ހަމަ އެކަނި ފިރިހެން ދަރިއެވެ. ފަސް ދައްތައިން އިނދެގެން އުޅޭ މީހުންނާއި އެމީހުންގެ ދަރިން ދިރިއުޅޭނީ އެގޭގައެވެ.

ކައިވެނީގެ ފުރަތަމަރޭ، އަހަރެމެން ދެމީހުންވެސް ތިބީ ބުނަންވީ އެއްޗެއް ނޭނގިފައެވެ. އެއީ އަހަރެން ފިރިހެނަކާއެކު އެފަދަގޮތަކަށް އެކަހެރިވި ފުރަތަމަ ފަހަރެވެ. އެރޭ އަހަރެމެން ދެމީހުންގެ މެދުގައި ލެވުނު ބިއްލޫރީގެ ފާރު ވައްޓާލައި، ދިރިއުޅުމަށް ފަށައިގަންނަން ދުވަސްނެގިއެވެ. ދެމީހުންގެ ހިތުގައި އެކަކު އަނެކަކަށްޓަކައި ލޯބި އުފެދުނީ އެކު އެކީގައެވެ. ލޯތްބަކީ ކިހާ ހިތްގައިމު އިހުސާސެއްކަން އަހަރެން ދެނެގަތީ ޙަލާލު ގުޅުމެއްގެ ތެރެއިންނެވެ.

ކައިވެންޏަށްފަހު އަހަރެންގެ ދިރިއުޅުން ބަދަލުވެގެންދިޔައީ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. ޚުޖޫލްއަކީ އޯގާތެރި ފިރިއެކެވެ. އޭނާގެ މަންމައާއި، އެއްބަނޑު ތިމާގެ މީހުންގެ ބަސްއަހާ މީހެކެވެ. ވަޒީފާގެ ގޮތުން ޚުޖޫލު ގިނަ ވަގުތު ހޭދަކުރަންޖެހެނީ އޮފީހުގައެވެ. ކަންދިމާކުރިގޮތުން އަހަރެން ކިޔެވި ކިޔެވުމުގެ ބޭނުން ހިފައި ކުޑަމިނުން ވަޒީފާ އަކަށްދާނެ ފުރުސަތުވެސް އަހަންނަކަށް ނުލިބުނެވެ. އަހަރެން ވަޒީފާ އަދާކުރުމަކީ ޚުޖޫލު ބޭނުންކަމަކަށް ނުވީތީއެވެ.

މައިދައިތަ އާއި ފަހަރިންގެ ތެރޭގައި އަހަންނަށް އުޅެންޖެހުނީ ނޯކަރެއް ފަދައިންނެވެ.

އިހުތިރާމްކުރުމާއި، އަޅާލުމަކީ އެމީހުން ނުވެސް ދަންނަ ކަމެއްކަހަލައެވެ. އަހަރެން ކައްކާ އެއްޗެހި ނުބައިކަމުން ކާންނުކެރޭ ވާހަކައާއި، އަހަރެންނަކީ މީހުންނާ ނުގުޅޭ މީހެއްކަމުގެ އިހުސާސް އެމީހުން ތާއަބަދު އަހަންނަށްކޮށްދެއެވެ. މައިންބަފައިންގެ ހިޔާވަހިކަމުން ފިރިމީހާގެ ހިޔާވައްސަށް ވަންނަ އަހަރެންފަދަ ކޮންމެ އަންހެން ކުއްޖަކީވެސް މިފަދަ ދަތިކަމެއްގެ ތެރެއަށް ވަންނާނެ ކުއްޖެއްބާވައޭ އަހަރެންގެ ހިތަށް އަރައެވެ. ނަމަވެސް އެކޮންމެ ފަހަރަކު އަހަރެން ގެ ލޮލު ކުރިމަތިން ސިފަވަނީ އަހަރެންގެ މަންމައާއި، ބައްޕަފަރާތު މާމައާއި އާއިލާއާ ދެމެދު އޮންނަ ގުޅުމެވެ. ބައްޕަ އާއިލާގެ ކޮންމެ މެންބަރަކުވެސް މަންމައާމެދު ދެކެނީ އަމިއްލަ ޢާއިލީ މެންބަރެއް ފަދައިންނެވެ.

ކެތްތެރިކަމަކީ އިންސާނާގެ ގަދަފަދަ ކަމުގެ ރަމްޒެކެވެ. ނަމަވެސް ހިތާމަޔާ ހިތްދަތިކަމުގެ ތެރެއިން ކެތްތެރިކަމުގެ ދާއިރާގައި ފައިތިލަ ސާބިތުކުރެވިދާނެހެއްޔެވެ؟ ޚުޖޫލުގެ އާއިލާގެ މީހުން އަހަރެންދެކެ އެހާބޮޑަށް ފޫހިވަނީ ކީއްވެކަން އަހަންނަކަށް ނޭނގެއެވެ. ޚުޖޫލު އަހަންނާ އިނުމުގެ ކުރިން ރައްޓެހިވި އަންހެން ކުއްޖާގެ ރަނގަޅު ކަމުގެ ވާހަކަ ދެއްކުމުގެ މާނައެއްވެސް އަހަންނަކަށް ނޭނގެއެވެ. އަހަރެން ގަބޫލުކުރީ، އަހަންނަކީ އެމީހުންގެ ލޯބިވާ ޚުޖޫލުގެ ދިރިއުޅުމަށް ކުއްލިއަކަށް ވަދެގެންއައި މީހަކަށްވީތީ، އެމީހުންގެ ހިތުގައި ޚުޖޫލުއަށްޓަކައި އޮތް ލޯތްބެއްގެ ބޮޑުކަމުން، ޚުޖޫލުގެ ދިރިއުޅުމުގެ އެއްބަޔަށް، އަހަރެން ވެގެން ދިޔަ ދިއުން އެމީހުނަށް ބަރުދާސްތު ނުކުރެވުނީ ކަމުގައެވެ. އެއީ އިންސާނީ ފިޠުރަތު ކަމުގައިވާތީއެވެ. ތިމާގެ އަތުގައިއޮތް އަގުބޮޑު އެއްޗެއް އެހެންމީހަކަށް އަގަކާނުލައި ދޭން އެދޭނީ ވަކި ކާކުހެއްޔެވެ؟ އިވޭ ކަންފަތަށް ނީވޭ ކަމަށް ހެދިގެން ދިރިއުޅުމައިގެން ކުރިއަށް ދެވޭތޯ އަހަރެން މަސައްކަތްކުރީމެވެ. ބުނާ ބަސްތަކާއި، ކުރާ ކަންކަމުން އަހަރެންގެ ހިތުގައިވެސް ޖެހެއެވެ. އެހެން ބުނެލާ ބައެއް ބަސްބަހުގެ ހަނދާން އުމުރުދުވަހަށް ދެމިހުންނާނެ ގޮތަށް އަހަރެންގެ ހިތުގައިވެސް ކަނޑާ ނެގެމުން ދިޔައެވެ. އެހެން ނުވާންވީ ކީއްވެހެއްޔެވެ؟ އަހަންނަކީވެސް އިންސާނަކީމެވެ. މާތްﷲ އަހަރެންވެސް ހައްދަވާފައިވަނީ އިންސާނުންގެ ކިބައިގައި ލައްވާފައިވާ އުނި ހުރިހާ ސިފައަކާއެކުގައެވެ.

އަހަރެންގެ ކެތްތެރިކަން ކޮޅުންލީ، ހުރިހާ އެއްޗެއް އަހަރެންގެ އަތުން ބީވެގެންދާން ތައްޔާރުވެލި ދަނޑިވަޅެއްގައެވެ. އޭރު އަހަންނަކީ ދެކުދިންގެ މަންމައަކީމެވެ. އެންމެ ތުއްތު ދަރިފުޅަށް އޭރު އެއް މަސްވެސް ނުވެއެވެ. ޚުޖޫލުގެ އެންމެ ދޮށީ ދައްތަގެ އެންމެ ހަގުދަރިފުޅަކީ އަހަރެންގެ ދޮށީ ދަރިފުޅާ އެއް އުމުރެއްގެ ކުއްޖެކެވެ. އެދުވަހު އަހަރެން އުޅުނީ ގޭގައި ދިރިއުޅޭ ސާދަ ވަރަކަށް މީހުންނަށް މެނދުރުގެ ކެއުން ތައްޔާރުކުރުމުގައެވެ. އަތްގާތްކޮއްލަދީ، ކުރާ މަސައްކަތުގެ އެއްބައިގައި ހިފާލަދޭނެ އެއްވެސް އެހީތެރިއަކުނެތިއެވެ. ގެއަކީ ދެމީހަކަށް އެކައްޗެއް ކާހިތްވާ ބަޔަކު އުޅޭ ގެއެއްނޫނެވެ.

ކެއްކުމުގެ ކުރިން އެންމެންނަށް ކަމުދާނެ ކާއެއްޗެއް އެމީހުން ކައިރިން އަހައި އޮޅުން ފިލުވަންޖެހެއެވެ. އަހަރެން ކައްކަނީ އެއަށްފަހުގައެވެ.

ދޮށީ ދަރިފުޅު ގޭގައި އުޅޭ އެ ޢުމުރުގެ އެހެންކުދިން ކައިރީ ކުޅެން ބެހެއްޓުމަށްފަހު، އެކުދިން އުޅޭނޫޅޭގޮތް ބަލާލަ ދިނުން ޚުޖޫލުގެ އެންމެ ހަގު ދައްތައާ ހަވާލުކޮށް، ތުއްތު ދަރިފުޅު ނިންދެވުމަށްފަހު އާދައިގެމަތިން އެދުވަހުވެސް އަހަރެން އުޅުނީ ބަދިގޭގައެވެ. ބަތްތެލިން އަރަމުންދިޔަ ހޫނު އާވިއާއެކުވެ ދިރިއުޅުންވެސް އާތްވަށް ބަދަލުވެގެންދިޔައީ، ސަކަރާތުގެ ތެރެއިން އަހަރެންގެ ދަރިފުޅު ދުއްވަން އިން ރިމޯޓް ކޮންޓްރޯލް ކާރުގެ މައްޗަށް އެރުމަށް ޚުޖޫލުގެ ދޮށީ ދައްތަގެ ހަގު ދަރިފުޅު ކުރި މަސައްކަތުގެ ތެރެއިން އެކުއްޖާ ބެލްކަނިން ވެއްޓުނު ހިސާބުންނެވެ. އެއީ އަހަރެންގެ ދަރިފުޅު ގަސްތުގައި ކުރިކަމަކަށް ނުވިޔަސް އެތުއްތު ދަރިފުޅަށް އެދުވަހު އާއިލާ ތެރެއިން ކުރިމަތިވި އަނިޔާވެރިކަން ފެނި އަހަރެންގެ ކެތްތެރިކަން ކޮޅުންލީއެވެ. ހިތުގައި ފުނިޖެހިފައިވާ ޝަކުވާގެ ރާޅުބާނިތައް އިޚުތިޔާރެއްނެތި އަހަރެންގެ އަނގައިން ބޭރުވެ، ހިތުގައި އުތުރެމުންދިޔަ ކެކުޅުންތައް އެމީހުންގެ ކަންފަތާހަމައަށް ފޯރުކޮށްދެވުނީއެވެ. އެދުވަހުވެސް ކުށްވެރިވީ އަހަންނެވެ. ދަރިފުޅަށް އަހަރެންދިން ތަރުބިއްޔަތެވެ. ހުރިހާކަމެއް ހިނގާދިޔަ ތަނުގެ ކުރިމަތީގައި ކަމާ ހަވާލުވެގެން އިނދެ ޓީވީން ދައްކަމުންދިޔަ ހިންދީ ޑްރާމާއަށް ގެއްލިފައިއިން ޚުޖޫލުގެ ހަގު ދައްތަ ކުށްވެރިކޮށް އެކަކުވެސް އެއްޗެއް ނުބުންޏެވެ. އަހަރެން އެންމެ ދެރަވީ އެދުވަހު ޚުޖޫލުގެ އަނގައިން އަހަންނާމެދު ބުނި ރުޅިވެރިބަސްތަކުންނެވެ. ދަރިން ނުބެލެހެއްޓޭ ކަމުގެ ތުހުމަތު އެޅުވީތީއެވެ.

ހިތަށް އެރިއެވެ. މައިންބަފައިންގެ ލޯބީގެ ހިޔަލުން ނުކުމެ އަހަރެމެން އަންހެން ދަރިން ކޮންމެވެސް ނުދައްނަ ފިރިހެނެއްގެ ހިމާޔަތުގެ ތެރެއަށް ދަނީ ކީއްކުރަން ހެއްޔެވެ؟ އަހަރެމެން އަންހެން ކުދިންނަކީ ހަމައެކަނި ފަސޭހައަކަށްޓަކައި ފިރިހެނެއްގެ ދިރިއުޅުމުގެ ތެރެއަށް ގެންނަ ބައެއް ކަމުގައި ހަދަނީ ކީއްވެހެއްޔެވެ؟ ތިމާގެ ރައްޓެހިންގެ ކުރިމަތީ އެއްވެސް އަގެއްނެތް ބައެއްގެ ގޮތުގައި ތިމާގެ ހަލާލު އަނބިމީހާ ހަދަންޖެހެނީ ކާކު ދެކެ ލަދުގަންނާތީ ހެއްޔެވެ؟

އަހަރެންގެ ރިހޭފައި މައްޗަށް ފޮއިވެއްޓުނީ ވަރަށް ކުއްލި ގޮތަކަށް، އެކުސިޑެންޓެއްގައި ޚުޖޫލު ކޯމައަކަށް ދިއުމުންނެވެ. ފިރިމީހާގެ އާއިލާތެރެއިންލިބޭ ނުރުހުމާއި ނަފުރަތު ދެގުނަ ވެފައިވާ ދަނޑިވަޅެއްގައި ހިތާމައިގެ މައްޗަށް ލިބުނު މިހިތާމައިން އަހަރެން މޮޔަނުވީ ކިރިޔާއެވެ. ހުރިހާ ކަމެއް ވަމުން ދިޔައިރުވެސް ފިރިމީހާގެ އާއިލާ އާ އަހަންނާ ދެމެދުއޮތް ހިތްނުތަނަވަސްކަމުގެ ވާހަކައެއް އަހަރެން މައިންބަފައިންނަކަށް ނާންގަމެވެ. އަހަރެންގެ އަޑިގުޑަން ބޮޑު ދިރިއުޅުމުގެ ވާހަކަތަކުން މައިންބަފައިންނަށް އިތުރު ތަކުލީފެއް ނުޖެއްސުމަށެވެ. ޚުޖޫލު ކޯމައަށްދިޔަ ހިސާބުން އޭނާ ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދު ޑޮކްޓަރުން ކަނޑާލިޔަސް އަހަރެންގެ އުއްމީދު މަރެއްނުވެއެވެ. ފިރިމީހާއަށް ދެރައެއްލިބުމުން އޭނާ ދޫކޮށްލުމަކީ ދުވަހަކުވެސް އަހަރެން ވިސްނިކަމެއްނޫނެވެ. ފިރިމީހާއަކީ އަހަރެންގެ އިހުތިރާމާ ލޯބި އެމީހަކަށްޓަކައި އެންމެ ހައްޤު މީހާކަމުގައި އަހަރެން ދުށީމެވެ. އަހަރެންގެ ނިންމުމަށް މަރުހަބާކީ އަހަރެންގެ މައިންބަފައިންނެވެ. އަހަރެންގެ އަޚުލާޤުގެ ހަރުދަނާކަމުގެ މައްޗަށް ތަޢުރީފުގެ ބަސްތައް އޮއްސައި ހިތްވަރުދިނީ އަހަރެންގެ މައިންބަފައިންނެވެ.

*** * ***

ހައެއްކަ މަސްދުވަހުގެ "ދިރުމެއްނެތް" ނިންޖެއްގެ ތެރެއިން ޚުޖޫލުގެ އެންމެ ފަހުނޭވާ މިދުނިޔެއަށް ބޭރުކޮށްލީ މިއަދުއެވެ. ފިރިމީހާގެއިން އަހަންނަށް ލިބިފައިވާ ޖާގަވެސް ނެތިގެން ދިޔައީއެވެ. ދެދަރިން ގޮވައިގެން އަހަރެންގޮސް ގޭތެރެއަށް ވަތްތަނުން އަހަރެންފެނި މަންމަ ގެ ދެއަށް ފުޅާކޮށްލަމުން އަހަރެމެން ތިންމައިންގެ ގައިގައި ބާރަށް ބައްދާލިއެވެ. (ނިމުނީ)