ސްރީލަންކަން އެއާލައިންސް

ސްރީލަންކަން އައްޑޫ ދަތުރު ހުއްޓާނުލާން ނިންމައިފި

Jan 23, 2019
1

ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއިން އައްޑޫއަށް ކުރަމުން އަންނަ ދަތުރުތައް ހުއްޓާނުލައި ކުރިއަށް ގެންދަން ނިންމައިފި އެވެ.

ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ ޖެނެރަލް ސޭލްސް އެޖެންޓް އޭސް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު (އިނަ މޯލްޑިވްސް ފިރާގު) ވިދާޅުވީ އައްޑޫއަށް ކުރާ ދަތުރުތައް ހުއްޓާ ނުލާނެ ކަމުގެ ޔަގީންކަން ސްރީލަންކަން އެއާލައިންސްއިން އިއްޔެ ދީފައިވާ ކަމަށެވެ.

"ދަތުރުތައް ހުއްޓާނުލާނެކަމުގެ ޔަގީންކަން ދިނީ އައްޑޫ އެއާޕޯޓްގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެއްވީމަ. އެހެންވީމަ މިއީ ވަރަށް ރަނގަޅު ގޮތެއް މިވީ،" ފިރާގު ވިދާޅުވި އެވެ.

ސްރީލަންކަން އައްޑުއަށް ކުރާ ދަތުރުތައް ވަގުތީ ގޮތުން ހުއްޓާލާކަން އިއުލާނު ކުރީ މިމަހުގެ 21 ވަނަ ދުވަހު އެވެ. އެކަން އިއުލާނުކޮށް ސްރީލަންކަން އެއާލައިންސް ބުނެފައިވާ ގޮތުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓަށް ކުރާ ދަތުރުތައް ހުއްޓާލަނީ އައްޑޫއަށް އޮޕަޜޭޓް ކުރުމުގައި ދިމާވެފައިވާ ދަތިތައް ހައްލު ނުވެ ދެ އަހަރަށްވުރެ ގިނަ ދުވަސްވެފައިވާތީ އެވެ. މީގެ ތެރޭގައި ފުރިހަމަ ނުވެ އޮތް އެންމެ މުހިންމު ހިދުމަތަކީ އިމިގްރޭޝަންފގެ ހިދުމަތެވެ. އެ ނޫނަސް ގިނަ ހިދުމަތްތަކެއް ހުރީ އެކަށް ފުރިހަމަ ނުވެ އެވެ.

ގަމާއި ކޮލަމްބޯއާ ދެމެދު ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ފެށުމުގެ ގޮތުން، ސްރީލަންކަންގެ އޮފީހެއް އައްޑޫގައި ހުޅުވީ ނޮވެމްބަރު 1، 2016 ގައެވެ. ދަތުރުތައް ގަމަށް ފަށާފައިވަނީ ޑިސެމްބަރު 19، 2016 ގައެވެ.

ގަމަށް ސްރީލަންކަން އިން އުދުހެން ފެށުމާއެކު އައްޑު އަތޮޅާއި ހުވަދު އަތޮޅު އަދި ފުވައްމުލަކަށް ގިނަ ފައިދާ ތަނެއް ދަނީ ލިބެމުންނެވެ. ހާއްސަކޮށް މި ދަތުރުގެ ސަބަބުން އެންމެ ފައިދާވާ އެއް ބަޔަކީ އައްޑޫގައި އުޅޭ ޓޫރިޒަމް ވިޔަފާރިވެރިން އެވެ.