ސްރީލަންކަން އެއާލައިންސް

ސްރީލަންކަންގެ އައްޑޫ ދަތުރުތައް ފަށަނީ

އައްޑޫއަށް ދަތުރުތައް މެދުކަނޑާލާފަ އޮންނަތާ އަހަރަކަށްވުރެ ގިނަ ދުވަހަށް ފަހު، ސްރީލަންކަން އެއާލައިންސް އިން މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އައްޑޫއަށް ޝެޑިއުލް ދަތުރުތައް ފަށާނެ ކަމަށް ބުނެފި އެވެ.

ސްރީލަންކަަން އެއާލައިންސްގެ ޖެނެރަލް ސޭލްސް އެޖެންޓް، އޭސް އޭވިއޭޝަންގެ ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ނޮވެމްބަރު މަހު ދަތުރުތައް ފަށަން ނިންމާފައި ވާއިރު ފުރަތަމަ ބާއްވާނީ ހަފުތާއަކު އެއް ފްލައިޓް ކަމަށެވެ.

މި ފްލައިޓް ކަނެކްޓް ކުރާނީ މިޑްލްއީސްޓާއި އައްޑޫ އަދި ޕެރިސް ކަނެކްޝަން ހިމެނޭ ގޮތަށެވެ.

ފިރާގު ވިދާޅުވީ ފުރަތަމަ އެންމެ ފްލައިޓެއް ބާއްވަން ނިންމީ އައްޑޫގައި ހުޅުވާފައިވާ ޓޫރިސްޓު އެނދުތައް މަދުވުމުން ކަމަށާ މިވަގުތު އޮތީ އެންމެ ރިސޯޓެއް ކަމަށެވެ. އަދި މިހާރު އައްޑޫ އެއާޕޯޓުގެ ހިދުމަތް ކުރިއަށްވުރެ ރަނގަޅުކޮށް ބައެއް ސާމާނު ވެސް ހޯދާފައިވުމަކީ މި ދަތުރުތަކަށް ލިބިގެންދާނެ ހިތްވަރެއް ކަމަށް ވެސް ފިރާގު ވިދާޅުވި އެވެ.

"މިކަން ކާމިޔާބު ކުރެވޭނީ އައްޑޫ އާއި ހުވަދޫގެ ކަނެކްޓިވިޓީއެއް ލިބިގެން. މޯލްޑިވިއަންގައި އެދިފައިވާނެ ހުވަދޫ އާއި އައްޑޫގެ ކަނެކްޓިވިޓީ ފްލައިޓް ތަކެއް ބާއްވައި ދެން. ފްލައިޓް އިތުރު ކުރެވޭނެ އެއް ގޮތަކީ މިއީ،" އައްޑޫއަށް މިދިޔަ މަހު ވެސް ހަތަރު ޗާޓަރު ފްލައިޓް ބޭއްވި ފިރާގު ވިދާޅުވި އެވެ.

މިހާރު ފްލައިޓް އިތުރު ކުރަން ބަލާއިރު ސްރީލަންކާއިން ވެސް ގިނަ ފްލައިޓްތަކެއްނެތް. މެލޭޝިއާ އާއި ބެންކޮކް ހުޅުވައިފިނަަމަ ފްލައިޓް އިތުރު ކުރެވޭނެ،"

އޭނާ ވިދާޅުވީ ކޮލަމްބޯ - އައްޑޫ ދަތުރުތަކުގެ އަގުތައް އުޅޭނީ ރިޓާން 420 ޑޮލަރުން ފެށިގެން ކަމަށް ބެލެވޭ ކަމަށެވެ.

"މިއަގު ހުއްޓަސް ފަށާއިރު ނޮވެމްބަރު މަހު ސްޕެޝަލް ފެއާތަކެއް އަންނާނެ،" ފިރާގު ވިދާޅުވި އެވެ.

ސްރީލަންކަން އިން ދަތުރުތައް މި ފަށަނީ އަހަރެއްހާ ދުވަސްކޮށްފަ އެވެ. މި ދަތުރުތައް ކޮވިޑުގެ ސަބަބުން މެދުކަނޑާލި ނަމަވެސް ކޮވިޑް އައުމާ ހަމައަށް ވެސް މި ދަތުރުތައް އެ ކުންފުނިން ކުރަމުން ގެންދިޔައީ ވަރަށް ހާލު އެވެ. ހާއްސަކޮށް އެއާޕޯޓުގައި ލިބެން ޖެހޭ ހިދުމަތްތައް ރަނގަޅަށް ލިބެން ނުހުރުމާއި ހުވަދޫ ކަނެކްޓިވިޓީ ނެތުމުގެ ސަބަބުން ގިނަ ދަތިތަކާ ކުރިމަތިވި އެވެ.