ތިމާވެށި

ޕްލާސްޓިކް ނޫން އެހެން ގޮތެއް ހޯދަންޖެހޭ!

ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުތަކުގެ ދިރުމަށް ވަނީ ބޮޑެތި ނުރައްކާތަކާ ކުރިމަތިވެފަ އެވެ. މައިކްރޯޕްލާސްޓިކާއި އުކާލާފައިވާ މަސްވެރިކަމުގެ އާލަތްތަކާއި އެހެނިހެން ޕްލާސްޓިކަކީ ތިމާވެއްޓަށް ހުރި އެންމެ ބޮޑު ނުރައްކަލެވެ. އަދި މީގެ ސަބަބުން މިލެއެނެއްހާ ކަނޑުގެ ދިރުމަށް ބޮޑެތި ގެއްލުން ލިބެ އެވެ. ސީލް އާއި ބޮޑުމަހާއި ކޯމަހާއި އެހެނިހެން މަސްމަހާމެއްސާއި ކަކުނި އަދި ވެލާ މަރުވުމަށް މެދުވެރިވަނީ ތިމާވެށި ތަޣައްޔަރުވުމުގެ ސަބަބުންނެވެ.

އެންމެ ބޮޑު މައްސަލައަކީ މައިކްރޯ ޕްލާސްޓިކެވެ. މިއީ ގިނަ ދުވަސްވެ ހަލާކުވެފައިވާ ބޮޑެތި ޕްލާސްޓިކުން އަންނަ ކުދި ކުދި ޕްލާސްޓިކެވެ. މޫދުގައިވާ ގިނަ މަސްމަހާމެއްސަށާއި އެހެން ދިރުންތަކަށް މައިކްރޯ ޕްލާސްޓިކް ކެވެ އެވެ. މީގައި ހިމެނޭ ވިހަގަދަ ކެމިކަލްގެ ސަބަބުން މަސްތަކަށް ބަލިޖެހުމުގެ އިތުރުން ދަރިމައިވުމުގެ މައްސަލަތަކާއި ކުރިމަތިވެ އެވެ.

ދެހާސް ސާދައިގެ ހިސާބުތަކުގައި ދުނިޔޭގެ ކަނޑުތަކުގައި ގާތްގަނޑަކަށް 93،000 އާއި 2،36،000 ޓަނުގެ ޕްލާސްޓިކު ކުނި، ނުވަތަ 15-51 ޓިރިލިއަން މައިކްރޯޕްލާސްޓިކް ޕާޓިކްލްސްވާ ކަމަށް ވަނީ ލަފާކޮށްފައި ވެއެވެ. މައިކްރޯ ޕްލާސްޓިކަށް ބަލާއިރު 80 ޕަސެންޓް މައިކްރޯޕްލާސްޓިކަކީ "ލޭންޑް ބޭސްޑް ސޯސަސް" ނުވަތަ އެއްގަމުގާ ބޭނުންކުރާ ޕްލާސްޓިކު، ޕްލާސްޓިކް ފުޅި އާއި ކޮތަޅުތަކުން ކަނޑަށް ބޭރުވާ ޕްލާސްޓިކެވެ.

މީގެ އިތުރުން "ގޯސްޓް ގިއާ" އަކީ ކަނޑަށް ގެއްލިފައި ނުވަތަ ދޫކޮށްލާފައިވާ މަސްވެރިކަން ކުރުމަށް ބޭނުންކުރާ އާލާތްތަކެވެ. މިފަދަ އާލަތްތަށް ކަނޑަށް ގެއްލޭ ނަމަ މީގެ ސަބަބުން މައިކްރޯޕްލާސްޓިކް އިތުރުވެގެންދާނެ ކަން ޔަގީނެވެ. ކޮންމެ އަހަރަކު މަސްވެރި ކަމުގެ 640000 ޓަނުގެ ގިއަރު ދުނިޔޭގެ ކަނޑަށް އެޅި ކަނޑުތަކުގެ ދިރުމަށް ނުރައްކާވާ ކަމަށް ތަފާސްހިސާބުން ދައްކަ އެވެ.

ޖަޒީރާގައުމެއްގައި މަސްވެރިކަމާއި ކަނޑުތަކާއި ފަރުތަކުގެ ޗާލުކަމަށް އިގްތިސޯދު ބިނާކޮށް އެއިން ފައިދާ ހޯދައިގެއިން އުޅޭ ދިވެހިން ޕްލާސްޓިކުން ނާޒުކު ފަރުތަކަށް ލިބޭ ގެއްލުމަށް ލޯހުޅުވިފައިވާ މިންވަރު އިތުރުކުރަން ޖެހެ އެވެ.

ޕްލާސްޓިކް ތަކެތި ބޭނުން ކުރުމުގެ ބަދަލުގައި ޕްލާސްޓިކް ނޫންގޮތެއް ހަމަޖައްސަންވީ އެވެ. އެއްފަހަރު ބޭނުންކޮށްފައި އެއްލައިލާ ޕްލާސްޓިކް އެއްކޮށް މަދުކުރަންވީ އެވެ. އެއިން އާއްމު ދިރިއުޅުމުގައި ހީވެސް ނުކުރާހާ ކުޑަ ބަދަލުތަކެއް ގެނެސްގެން ބަދަލު ގެނައުމަކީ އެކަށީގެންވާ ކަމެކެވެ.

ޕްލާސްޓިކް ހޮޅިއަށް ނޫނެކޭ ބުނަންވީ!

ޕްލާސްޓިކް ހޮޅިއަށް ނޫނެކޭ ބުނެ ރީޔޫސަބަލް ހޮޅި ބޭނުން ކުރަންވީ އެވެ. ކޮންމެ ދުވަހަކު ގާތްގަނޑަކަށް 500 މިލިއަނެއްހާ ޕްލާސްޓިކް ހޮޅި ބޭނުން ކުރެ އެވެ. ރާއްޖޭގައި ބައެއް ކެފޭތަކުން ޕްލާސްޓިކް ހޮޅި ވަނީ ބޭނުންކުރުން މުޅިން ހުއްޓާލާފަ އެވެ. ކެފޭއަކަށް ގޮސް މީރު ޖޫހަކަށް އޯޑަރުދީ ވެއިޓަރު ޖޫސްތަށި ގެނައުމުން ހޮޅި ބޭނުން ނުކޮށް ބުއިމަށް އަދާކުރާށެވެ. އާއްމުކޮށް ގޭގައި ވެސް ހޮޅިއަކާއި ނުލައި ޖޫސް ބޯ އިރު ތިމާވެއްޓަށް ގެއްލުންދޭ ޕްލާސްޓިކް ހޮޅިއަށް ބަރޯސާ ނުވެ ޖޫސް ބުއިމަށް އާދަކުރާށެވެ. ކޮންމެހެން ވެސް ހޮޅިއެއް ބޭނުން ކުރާނަމަ ސްޓީލް، ބެމްބޫ ނުވަތަ ބިއްލޫރި ހޮޅިއެއް އަބަދުވެސް ދަބަހުގައި ގެންގުޅެން އާދަކުރާށެވެ.

ގިނައިން ބޭނުން ކުރެވޭނެ ކޮތަޅެއް ގެންގުޅުން

ކަންމަތީ ފިހާރައަކަށް ނުވަތަ ސުޕަމާކެޓަށް ދިޔައަސް އަމިއްލަ ކޮތަޅެއް ގެންދިއުމަކީ ތިމާވެއްޓާއި ރައްޓެހިގޮތެކެވެ. ދުނިޔޭގައި ކޮންމެ ދުވަހަކު މިލިއަނެއްހާ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރެ އެވެ. އަދި އަހަރެއް ތެރޭ 500 ބިލިއަން ޕްލާސްޓިކް ކޮތަޅު އުފައްދާ ކަމަށް ތަފާސް ހިސާބު ދައްކައެވެ. ލޯކަލް މާރުކޭޓަށް ތަރުކާރީ ގަންނަން ދާނަމަ ކޮންމެ ތަރުކާރީ ބާވަތެއް ވަކި ޕްލާސްޓިކް ކޮތަޅަކަށް އެޅުމުގެ ބަދަލުގައި އެއް ކޮތަޅު ގެންގުޅުން ޕްލާސްޓިކް ނޫން ގޮތެއް ހިޔާރު ކުރެވިދާނެ އެވެ.

ޕްލާސްޓިކް ފުޅި ބޭނުން ކުރުން ހުއްޓާލެވިދާނެ

ޕްލާސްޓިކް ނޫންގޮތެއް ހޯދުމަށް ޕްލާސްޓިކް ފުޅި ބޭނުން ކުރުމުގެ ބަދަލުގައި ބިއްލޫރި ފުޅިއަށް ފެން އަޅައިގެން ބޭނުން ކުރެވިދާނެ އެވެ. މި ގޮތުން 1.5 ލީޓަރުގެ ފުޅީގެ ބަދަލުގައި ފަސް ލީޓަރު ފުޅި ގޭގެ ބޭނުމަށް ވެސް ގަނެވިދާނެ އެވެ. އަދި އެއްގޮތަކަށް ވެސް ބަންދުކޮށްފައިވާ ފެން ނުގަތުމަށް ރަނގަޅު ސިސްޓަމެއްގެ ފިލްޓަރެއް ވެސް ހަރުކުރެވިދާނެ އެވެ.

ޕްލާސްޓިކު ކޮންޓެއިނަރުގެ ބަދަލުގައި ބިއްލޫރި

ގޭގައި ހަދާ، ކައްކާ ކާއެތިކޮޅު ރައްކާ ކުރުމަށާއި ތަށިބަރި ހެދުމަށް ވަރަށް ގިނައިން އެކި ޒާތްޒާތުގެ ކޮންޓެއިނަރު ގިނަ މީހުން ބޭނުން ކުރެއެވެ. ނަމަވެސް މިފަދަ ކޮއިންޓެއިނަރު ގަތުމުގައިވެސް ޕްލާސްޓިކް ނޫން ބިއްލޫރި އެއްޗެހި ހިޔާރު ކުރުމަކީ ތިމާވެއްޓާއި ރައްޓެހި ގޮތެކެވެ.

ޕްލާސްޓިކު އުލާއި ސަމުސާ ބޭނުން ކުރުން ހުއްޓާލުން

ޕާޓީ ތަކާއި އެހެނިހެން އިވެންޓްތަކުގައި ވެސް ވީހާވެސް މަދުން އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ފަދަ ޕްލާސްޓިކް އުލާއި ސަމުސާ ބޭނުން ނުކުރަންވީ އެވެ. މިފަދަ އެއްޗެހި އެއް ފަހަރު ބޭނުންކޮށްފައި އެއްލާލުމުގެ ބަދަލުގައި ރަނގަޅަށް ނައްތާލައި ނުވަތަ ރީސައިކަލް ކުރަންވީ އެވެ.

ޕްލާސްޓިކް ރެޕިންގައި ހުންނަ ކާނަ ހިޔާރު ނުކުރުން

ގިނަ ފަހަރަށް ސުޕަމާކެޓް ތަކުގައި ވިއްކާ ކާއެއްޗެއްސަކީ ޕްލާސްޓިކް ކޮތަޅުގައި ބަންދުކޮށްގެން ވިއްކާ ބައެކެވެ. ދަރިފުޅަށް ނުވަތަ އަމިއްލައަށް ކާލަން ވެސް ކާ އެއްޗެއް ގަންނައިރު ވީހާވެސް ޕްލާސްޓިކްގައ ބަންދު ކުރުން މަދު ކާއެއްޗެހި ހިޔާރު ކުރުމަކީ ތިމާވެއްޓާއި ރައްޓެހި ގޮތެކެވެ.

ދަތް އުނގުޅާ ބުރުސްވެސް ބަދަލު ކުރަންވީ

އަހަރެއް ތެރޭ އެއް ބިލިއަން ދަތްއުނގުޅާ ބުރުސް ކުނީގެ ގޮތުގައި އުކާލެވެ އެވެ. ޕްލާސްޓިކް ބުރުހާއި އެއްވަރަށް ދަތްތަށް ސާފު ކުރުމަށް ބެންބޫ ބުރުސް ވެސް ރަނގަޅެވެ. އަދި މި ބުރުސް ވެސް މިއީ ގާތްގަނޑަކަށް ތިން މަސްތެރޭ ބަދަލުކޮށްލާ އެއްޗެއް ކަމުގައިވާއިރު މިވައްތަރު ބުރުސް ހަ މަސްތެރޭ އަލުން ބައޯޑިގްރޭޑްވާ އިރު އަދައިގެ ޕްލާސްޓިކް ބުރުހެއް ދުވަހަކު ވެސް ބައޯޑީގްރޭޑްއެއް ނުވެ ތިމާވެށީގައި އަބަދުވެސް އެނބުރެ އެވެ.

ޕްލާސްޓިކް ރޭޒަރުގެ ބަދަލުގައި މެޓަލް ރޭޒަރު ބޭނުންކުރަންވީ

ބުރުހެކޭ އެއްފަދައިން ޕްލާސްޓިކް ރޭޒަރުގެ ބަދަލުގައި މެޓަލް ރޭޒަރު ބޭނުން ކުރުމަކީ ތިމާވެއްޓާ ރައްޓެހި ގޮތެވެ. އަދި ކުޑަކޮށް އަގު ބޮޑުވިއަސް ރީފިލް ބްލޭޑް ބަދަލުކޮށްލާ މި ފަދަ ރޭޒަރެއް އެތަށް ދުވަހަކު ގެންގުޅެވެއެވެ. މިއީ އާއްމުކޮށް މާ ބޮޑު ވިސްނުމަކާ ނުލާ ކޮންމެ ދުވަހަކުހެން ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކެވެ. މިފަދަ ގޮތްގޮތަށް ޕްލާސްޓިކް ނޫން ގޮތްތަށް ހިޔާރު ކޮށްގެން ޕްލާސްޓިކް ބޭނުން ކުރާ ގޮތް މަދުކުރެވިދާނެ އެވެ.