މިނިސްޓްރީ އޮފް ހެލްތު

ކޮންމެ މީހަކު އަހަރަކު ތިން ފަހަރު ލޭ ހަދިޔާކުރަން މިނިސްޓަރު ގޮވާލައްވައިފި

އިންސާނިއްޔަތަށް ކޮށްދެވޭނެ އެންމެ ބޮޑު އެއް ހެޔޮ ކަމަކީ ލޭ ހަދިޔާ ކުރުން ކަމަށާއި ކޮންމެ މީހަކު ވެސް އަހަރަކު ތިން ފަހަރު ލޭ ހަދިޔާ ކުރަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިލްތިމާސް ކުރައްވައިފި އެވެ.

ހެލްތު މިނިސްޓްރީގެ މުވައްޒަފުން މިއަދު ބޭއްވި ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ތެލެސީމިއާ ކުއްޖަކަށް ލޭ ބޭނުންވާ ވަގުތު ލޭ ނުލިބުމުން ކުރިމަތިވާ ހާސް ކަމާއި ދަތިކަން އެނގޭނީ އެފަދަ ކަމަކާ ކުރިމަތި ވުމުން ކަމަށެވެ. އެހެންކަމުން މަދުވެގެން އަހަރަކު ތިން ފަހަރު ކޮންމެ މީހަކު ލޭ ހަދިޔާ ކުރުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

އޭނާ ވިދާޅުވީ މީހެއްގެ ފުރާނަށް ސަލަމާތް ކޮށްދިނުމުގެ ގޮތުން ލޭ ހަދިޔާ ކުރުމަށްވުރެ ބޮޑަށް އިންސާނިއްޔަތަށް ކޮށްދެވޭނެ ހެޔޮ ކަމެއް ވެސް އަދި ސަދަގާތެއް ވެސް ނޯންނާނެ ކަމަށެވެ.

މިނިސްޓްރީގައި ކުރިއަށް ދިޔަ ލޭ ހަދިޔާ ކުރުމުގެ ޕްރޮގްރާމް ފެށުމުގެ ގޮތުން މިނިސްޓަރު އަމީނާއި ހެލްތް މިނިސްޓްރީގެ އިސް މުވައްޒިފުން ވެސް ވަނީ ލޭ ހަދިޔާ ކުރައްވާފަ އެވެ.

"ލޭ ހަދިޔާ ކުރުމަކީ އިންސާނިއްޔަތަށް ކޮށްދެވޭނެ އެންމެ ބޮނޑު ހެޔޮކަން، އަޅުގަނޑުމެން މީހެއްގެ ފުރާނަ ސަލާމަތް ކޮށްދިނުމަށް އެންމެ ބޮޑު އެހީތެރި ކަމަކީ އެންމެ ބޮޑު ސަދަގާތަކީ ލޭ ހަދިޔާ ކުރުން" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ބޭހާއި އެހެނިހެން ހިދުމަތްތަށް އުނދަގަލަކާ ނުލައި ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިސްކަން ދެއްވާނެ މަސައްކަތެއް ކަމަށެވެ.