ހަބަރު

ނުގަވާއިދުން ޕާކްކުރާ ވެހިކަލްތައް ޓޯ ކުރަން ފަށައިފި

ގަވާއިދާ ހިލާފަށް ޕާކްކުރާ ވެހިކަލްތައް ޓޯ ކުރަން ފަށައިފި އެވެ.

ގަވައިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކާ ޖެހުން ފުލުހުން ވަނީ ހުއްޓާލާފަ އެވެ. ސްޓިކާ ޖެހުން ހުއްޓާލާފައިވަނީ މިދިޔަ ހަފުތާގެ ތެރޭގައި އެވެ. އެކަން ހުއްޓާލާފައިވަނީ ސަރުކާރުން އަންގައިގެނެވެ. ނަމަވެސް ސްޓިކާ ޖެހުން ހުއްޓާލުމާއެކު ކަފިހި މަތީގަ އާއި އަލަށް ހަދަމުންދާ ރޭމްޕްތައް މަތީވެސް މީހުނަށް އުނދަގޫވާނެހެން ޕާކްކުރާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ފުލުހުން ބުނީ، ގަވާއިދާ ހިލާފަށް ޕާކް ކުރަމުންދާ ވެހިކަލްތައް ޓޯ ކުރާނެ ކަމަށެވެ. ހާއްސަކޮށް މީހުންނަށް ދަތިވާ ގޮތަށް ޕާކް ކޮށްފައިވާ އުޅަނދުތައް ފުލުހުން މިއަދު ޓޯ ކުރަން ފަށާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، ކުރިންވެސް ގަވާއިދާ ހިލާފަށް ޕާކުކުރާ ވެހިކަލްތައް ޓޯ ކުރާ ކަމަށާއި ސްޓިކާ ޖެހުން ހުއްޓާލި ނަމަވެސް ނުގަވާއިދުން ޕާކް ކުރާ ވެހިކަލްތައް ޓޯ ކުރާނެ ކަމަށެވެ.

ޕާކް ކުރާނެ ތަން ނެތުމުގެ ޝަކުވާ ބޮޑެވެ. އެ ޝަކުވާއާއެކު، ބޮޑެތި އަދަދުން ޖޫރިމަނާކޮށް ފުލުހުން ސްޓިކާޖަހާ މައްސަލާގެ ކަންބޮޑުވުން ވެސް އޮވެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި އޭރުގެ ކެންޑިޑޭޓް އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ޕާކް ކުރާނެ ނުދައްކާ ޖޫރިމަނާ ކުރަން ސްޓިކާ ނުޖަހާނެ ކަމަށް ވިދާޅުވެފަ އެވެ.