ހަބަރު

5100 ފޯމުގެ ތެރެއިން ސައްހަވީ 2300 ފޯމް: އަދުރޭ

ޕީޕަލްސް ނޭޝަނަލް ކޮންގްރަސް ޕާޓީ އުފެއްދުމަަށް އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހެޅި 5100 ފޯމްގެ ތެރެއިން އެ ކޮމިޝަނުން ސައްހަ ކަމަށް ކަނޑައަޅާފައި ވަނީ 2300 ފޯމް ކަމަށް އެ ޕާޓީގެ މުއައްސިސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ކޮންގްރަސް ޕާޓީ އާއި ޕީޕީއެމް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ އެ ޕާޓީ ރަޖިސްޓާ ކުރުމަށް 4000 ފޯމް ހުށަހެޅިތާ މިއަދަށް 15 ދުވަސްވެފައިވާ އިރު ހުއްދަ ނުދީ ދިގު ދަންމަމުން ގެންދާ ކަމަށެވެ. ކޮންގްރަސް ޕާޓީ އިން ފުރަތަމަ ހުށަހެޅީ 4000 ފޯމް ހުށަހެޅި ކަމަށާއި ނަމަވެސް އެގެ ތެރެއިން ސައްހަވީ 1945 ފޯމް ކަމަށް އީސީ އިން ބުނި ކަމަށެވެ. އެ މައްސަލަތަކުގެ ތަފްސީލު ފޮނުވާދެނެ ކަމަށް ބުނި ނަމަވެސް އެ ތަފްސީލުތަކެއް އަދިވެސް ނުދެއްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

އެކަަން ހައްލު ކުރުމަށް މި ހަފްތާގެ ތެރޭގައި 1100 ފޯމް ހުށަހެޅުއްވި ކަމަށާއި އެ ފޯމްތައް ހުށަހެޅުމުން އެއާ ޖެހިގެން އައި ދުވަހު ހުއްދަ ދޭނެ ކަމަށް ކޮމިޝަނުން ބުނި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާ އެ ފޯމްތަކުގެ ތެރެއިން ވެސް ސައްހަ ކަން ކަށަވަރު ކުރެވުނި 300 އެއްހާ ފޯމް ކަން އީސީއިން ކޮންގްރަސް ޕާޓީއަށް އެންގި ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

"މާނައަކީ 5100 ފޯމް ހުށަހަޅައިގެން މިހާތަނަށް އަޅުގަނޑުމެންނަށް ސަލާމަތް މި ކުރެވުނީ 2300 ފޯމް އޭ، މިއީ އަޅުގަނޑުމެން ކަންބޮޑުވާ މައްސަލައެއް، މީގެ ކުރިން ދުވަހަކު ވެސް މިކަން ހިންގާފަ އޮތް ގޮތެއް ނޫން މިއީ، ދާދި ފަހުން ރަޖިސްޓްރީވި އެމްޓީޑީ އުފައްދަން ފޯމް ހުށަހެޅުއްވީ މަހެއްގެ 18 ވަނަ ދުވަހު 10:30 ހާއިރު، 19 ވަނަ ދުވަހު ހަމަ އެ ގަޑީގަ ހުއްދަ ދިން، އަޅުގަނޑުމެންނަށް 15 ދުވަސް ވީއިރު 5100 ފޯމް ހުށަހަޅައިގެން މި އުޅެނީ 2300 ފޯމް ސައްހަ ކުރެވިގެން" އަބްދުއްރަހީމް ވިދާޅުވި އެވެ.

އަބްދުއްރަހީމް ވިދާޅުވީ އީސީގެ މެންބަރުން ކޮންގްރަސް ޕާޓީއާ މެދު ތަފާތުކޮށް އަމަލު ކުރަމުން އަންނަނީ ޒާތީ ގޮތުން ކަމަށެވެ. އެގޮތުން މިއަދު އިލެކްޝަން ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބްއާއެކު ފޯނުން ދެކެވުނު ވާހަކާގައި ކޮންގްރަސް ޕާޓީއާ މެދު ޒާތީވެފައިވާ ކަން އޭނާ އެއްބަސް ވެވަޑައިގަތް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. -- ނަމަވެސް ހަބީބް ވަނީ އެކަން ދޮގު ކުރައްވައިފަ އެވެ.

ކޮންގްރަސް ޕާޓީއާ މެދު އިލެކްޝަން ކޮމިޝަނަށް އެންމެ ބޮޑު ވަރަކަށް ކުރެވޭނެ ކަމަކީ ޕާޓީއެއް ގޮތުގައި ހިންގުމަށް ހުއްދަ ނުދިނުން ކަމަށާއި އެކަންކޮށްފި ނަމަ އަމަލު ކުރާނެ ގޮތްތައް ވެސް ރާވާފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ. އެގޮތުން އީސީގެ ފަސް މެންބަރުން ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހާޒިރު ކުރައްވާ އެ މެންބަރުންގެ އަމަލުތަކަށް ޖަވާބުދާރީ ކުރުވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައީސް ޔާމީން ފަހަތްޕުޅުގައި ހުންނަވައިގެން އަބްދުއްރަހީމް އުފައްދަވާ ކޮންގްރަސް ޕާޓީއަށް އަދިވެސް ހުއްދަ ދޫނުކުރާ އިރު އީސީ އިން ވަނީ އަންނަ ހޮނިހިރު ދުވަހުގެ ކުރިން ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާ ޕާޓީތަކުން ބާއްވާ ޕްރައިމަރީތައް ނިންމަން ޕާޓީތަކަށް އަންގައިފަ އެވެ. އަދި އަންނަ ހަފްތާ ހޯމަ ދުވަހު ކެންޑިޑޭޓުންނަށް ކުރިމަތިލުމަށް ހުޅުވާލަން ވެސް އީސީ އިން ވަނި ނިންމައިފަ އެވެ.

އަބްދުއްރަހީމް ވިދާޅުވީ އީސީގެ އަމަލުތައް ހުރި ގޮތުން ކޮންގްރަސް ޕާޓީއަށް މަޖިލީހަށް ކުރިމަތިލުމަށް ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށެވެ. ނަމަވެސް އެ ދުވަހާ ހަމަޔަށް ޕާޓީ ރަޖިސްޓާކޮށް ނުދީފި ނަމަ އަމިއްލަ ގޮތުން ވެސް ވާދަ ކުރައްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.