ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް "ޖަވާހިރަކަށް" ވީ އެމަނިކުފާނު ދައުލަށް ދައްކަން ޖެހޭ ދަރަންޏެއް ނެތުމުން ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުން މިދިޔަަ އަހަރު 1 ފެބްރުއަަރީގައި ހުކުމް ނެރުނު ދުވަހުން ފެށިގެން ޕީޕީއެމްގައި ހުންނަވައިގެން އަބްދުއްރަހީމް ކޮންމެ ދުވަހަކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުންތަކުގައި ދިޔައީ ގާސިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ. އެމަނިކުފާނު ދައުލަތަށް ދަރާ އޮތް ފައިސާގެ ވާހަކަ އާއި ކޯޓުތަކަށް ނުފޫޒު ފޮރުވަމުންދާ ކަމަށް ޕީޕީއެމްއިން އޭރު ތުހުމަތު ކުރަމުން ދިޔަ އެވެ.
ނަމަވެސް ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ ދެމެދު މައްސަލަތަކެއް ޖެހުމާއެކު ގާސިމާބެހޭ ގޮތުން ޕީޕީއެމް އާއި އަބްދުއްރަހީމް ދައްކަވަމުން ދިޔަ ވާހަކަތަކުގެ ރާގު ވަނީ މުޅިން ބަދަލުވެފަ އެވެ. އެގޮތުން ގާސިމްއަކީ "ޖަވާހިރެއް" ކަމަށް ސޯޝަލް މިޑިއާގައި ޕީޕީއެމްގެ މެންބަރުން ދިޔައީ ސިފަ ކުރައްވަމުންނެވެ.
ޕީޕީއެމް އަދި ޕީއެންސީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ ފެބްރުއަރީ 1 ގެ އަމުރު ނެރުނު ދުވަސްވަރު އެންމެ ގަދައަށް ދެއްކެވީ ގާސިމް ދައުލަތަށް ދައްކަން ޖެހޭ 191 މިލިއަން ޑޮލަރުގެ ވާހަކަ ކަމަށާއި ނަމަވެސް ގާސިމް ދައްކަވަންޖެހޭ ދަރަންޏެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން ކަމަށެވެ.
"ގާސިމް ދައްކަން ޖެހޭ އެއްޗެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމީމަ އަޅުގަނޑު މިއަދު ނުދައްކަން އެ ވާހަކައެއް، އެއީ ގާސިމާބެހޭ ގޮތުން އެ ވާހަކަ ނުދައްކާ ސަބަބަކީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުއަށް ރައީސް މައުމޫން ވެސް މިއަދު "ޖަވާހިރަކަށް" ވެފައިވާ ކަމަށާއި ގާސިމްއަށް އެމްޑީޕީ ޖަވާހިރަކަށްވި ދުވަސް ވެސް ދިޔަ ކަމަށެވެ. އެއީ ސިޔާސީ ކަންކަން ކަމަށާއި އެ މައިދާނުގައި އެކި ދުވަސްވަރު ދައްކާ ވާހަކަދައް ބަދަލުވުމަކީ އެކަށީގެންވާ ކަމަށެވެ.