ހަބަރު

އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް މަދު ކުރުމުގެ ކެމްޕެއިނެއް އެމްޕީއެލްއިން ފަށައިފި

"ޕްލާސްޓިކަށް ނޫނެކޭ ބުނަމާ" ގެ ނަމުގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް)އިން މިއަދު އެއް ފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް މަދުކުރުމުގެ ކެމްޕޭނެއް ރަސްމީކޮށް ފަށައިފި އެވެ.

އެއްފަހަރު ބޭނުންކޮށް އުކާލެވޭ ޕްލާސްޓިކް ބޭނުންކުރުން މަދުކުރުމަށް ސަރުކާރުން ފަށާފައިވާ ކެމްޕޭންގައި ބައިވެރިވުމުގެ ގޮތުން، ޕްލާސްޓިކަށް ނޫނެކޭ ބުނަމާގެ ނަމުގައި ކެމްްޕެއިނެއް ފެށީ އެމްޕީއެލް މަޖޫރީ ޕާކު ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެއްފަހަރު ބޭނުންކުރެވޭ ޕްލާސްޓިކް މަދުކުރުމުގެ ގޮތުން އެމްޕީއެލް އިން ވަނީ ކުންފުނީގެ ހުރިހާ ޑިޕާރޓްމަންޓަކަށް ތިމާވެއްޓާއި ރައްޓެހި ފެންބޯފުޅިއެއް ހަދިޔާކޮށްފައެވެ. އެމްޕީއެލްގެ ހުރިހާ ޑިޕާޓްމަންޓްތަކަށް ތިމާވެއްޓާ ރައްޓެހި ފެންބޯފުޅިތައް ރަމްޒީކޮށް ހަވާލުކޮށްދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމެވެ.

އެމްޕީއެލްއިން ބުނީ އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ތިމާވެއްޓާއި ރައްޓެހި ފެންބޯފުޅި ހަދިޔާ ކުރުމަށް ނިންމާފައިވާ ކަމަށާއި، އެ ކުންފުނީގެ މާލެ ރީޖަންގައި ހިމެނޭ ހުރިހާ އޮފީސްތަކެންގައި ވާނީ ވޯޓާ ޑިސްޕެންސާ މިހާރު ހަރުކޮށްފައި ކަމަށެވެ. އޭގެ އިތުރުން އެކުންފުނީގެ ބައްދަލުވުންތަކުގައިވެސް ސިންގަލް ޔޫސް ޕްލާސްޓިކް ފެންފުޅި ބޭނުން ނުކުރުމަށް ނިންމާފައިވާކަމަށް އެމްޕީއެލްއިން ވަނީ ބުނެފަ އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު އަލީ ޝިޔާމް ވިދާޅުވީ ޖަޒީރާ ވަންތަ ގޮތެއްގައި ގައުމު ހިފެހެއްޓޭނީ ފަޅުތަކާއި، ގިރިތަކާއި ބަލަހަށްޓައިގެން ކަމަށާއި، ސިންގަލް ޔޫސް އޮފް ޕްލާސްޓިކް ބޭނުން ކުރުން މަދު ކުރެވިއްޖެ ނަމަ އަންނަން އޮތް ޖީލުތަކަށްޓަކައި ފަރުތަކާއި، ރަށްތައް ރައްކާތެރި ކުރެވޭނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީގެ ދެއްކެވި ވާހަކަގައި ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުމުގެ މައްޗަށް އަލިއަޅުވާލަައްވާ ވިދާޅުވީ، ކަނޑަށް އުކާލެވޭ ޕްލާސްޓިކްގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެއަށް ގުދުރަތީ ގޮތުން ލިބިފައިވާ ރީތިކަމަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބެމުންދާ ކަމަށެވެ. އަދި ރާއްޖޭގައި ބޭނުން ކުރެވޭ ޕްލާސްޓިކްގެ 90 ޕަސެންޓް އުކާލެވެނީ ކަނޑަށް ކަމުގައި ވާއިރު، މައިކްރޯ ޕްލާސްޓިކްގެ ސަބަބުން ފަޅުތަކާއި ގިރިތަކަށް ލިބޭ ގެއްލުމާއި އެކު އާންމު ދިރިއުޅުމަށްވެސް އަންނަނީ ގިނަ ގުނަ ގެއްލުންތަކެއް ލިބެމުން ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.