އަންނަ ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރެއްވުމަށް ކުރީގެ ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމް ނިންމަވައިފި އެވެ. އޭނާ ވާދަ ކުރައްވަން ނިންމަވާފައިވަނީ ހެންވޭރު ދެކުނު ދާއިރާއަށެވެ.
އިރުތިޝާމް ދާދިފަހުން ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ. އޭނާ މަޖިލީހަށް ވާދަ ކުރައްވަން ވެސް ނިންމެވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގަ އެވެ.
އިރުތިޝާމަކީ ޑިޕްލޮމެޓިކް ދާއިރާގައި ގިނަ އަހަރުތަކެއްވަންދެން ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. މީގެކުރިން ޖެނީވާގައި ހުންނަވާ ސަފީރުކަމުގެ މަގާމު ވެސް އޭނާ އަދާކުރައްވާފައިވެ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހެލްތް މިނިސްޓަރު ކަމާއި ޔޫތް މިނިސްޓަރުކަން ކުރެއްވި އެވެ. އަދި ޕީޕީއެމްގެ ސިޔާސީ މަސައްކަތްތަކުގައި އުޅުއްވި އެވެ.
މަޖިލީހަށް ވާދަ ކުރައްވާކަން ހާމަ ކުރައްވާ މިއަދު އިރުތިޝާމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާގެ ކާފަ، ދޮން ސީދީ ހިންގެވި މަގުން ރައްޔިތުންގެ މަޖިލީހުގައި ހިދުމަތް ކުރެއްވުމަށް ނިންމާފައިވާ ކަމަށެވެ.
ހެންވޭރު ދެކުނު ދާއިރާއަށް އިރުތިޝާމް ވާދަ ކުރައްވާއިރު އެ ދާއިރާގެ މިހާރުގެ މެންބަރަކީ މުހައްމަދު އަބްދުލް ކަރީމެވެ. ނަމަވެސް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށް އޭނާ ވަނީ ބެލިވެފަ އެވެ. އެ ދާއިރާގެ އެމްޑީޕީ ޓިކެޓް ހޯދާފައިވަނީ ހުސެއިން ޝަމީމެވެ.