ހަބަރު

ކައުންޓަރ ޓެރަރިޒަމް އެމަރޖެންސީ ޕްރިޕެއަރޑްނެސް ނަމުގައި ވޯކްޝޮޕެއް ބާއްވައިފި

ޔޫކޭގެ އިންޓަރނޭޝަނަލް ޕްރޮޓެކްޓް އެންޑް ޕްރިޕެއަރ ޕްރޮޖެކްޓްގެ ދަށުން ދިވެހި ފުލުހުންނާއި ޖަކާޓާގެ ސެންޓަރ ފޮރ ލޯއެންފޯސްމަންޓް ކޯޕަރޭޝަނާއި ގުޅިގެން، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ސަރުކާރުގެ އެކި މުއައްސަސާތަކަށް އަމާޒުކޮށްގެން ބާއްވާ ”ކައުންޓަރ ޓެރަރިޒަމް އެމަރޖެންސީ ޕްރިޕެއަރޑްނެސް ވޯކްޝޮޕް”ގެ ނަމުގައި މަސައްކަތު ބައްދަލުވުމެއް ބާއްވައިފިއެވެ.

ރާއްޖޭގެ ކަމާއި ބެހޭ ހުރިހާ މުއައްސަސާތަކެއް އެއްތަންކޮށް ކައުންޓަރ ޓެރަރިޒަމް އެމަޖެންސީ ރެސްޕޮންސްއާއި ބެހޭގޮތުން ހިޔާލު ހޯދުމަށް، ކުރުނބާ މޯލްޑިވްސްގައި މިއަދު ހެނދުނު ބޭއްވި މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވަމުން، މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި އަދި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމަކީ ރާއްޖޭގެ ލޯކަލް އަދި ރިސޯޓް ޓުއަރިޒަމް އިންޑަސްޓްރީ ކުރިއަރައި ކާމީޔާބީ ލިބިގަތުމަށް ވަރަށް މުހިންމު ކަމެއްކަމަށެވެ.

އެ ރަސްމިއްޔާތުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި، ޓެރަރިޒަމްގެ މައްޗަށް ކުރި ހޯދުމަށް ކަމާއި ގުޅުން ހުރި ހުރިހާ މުއައްސަސާއަކުން ޓީމެެއްގެ ގޮތުގައި މަސައްކަތް ކުރަންޖެހޭކަން ފާހަގަ ކުރައްވާ، ޓެރަރިޒަމާއި ގުޅުން ހުރި މައްސަލަތަކުގައި މަސައްކަތްކުރާ ފަރާތްތަކުން އެއްބަޔަކު އަނެއް ބައެއްގެ މައްޗައް އޮންނަ އިތުބާރު ވަރުގަދަކޮށް ގުޅިގެން މަސައްކަތްކޮށް ހިޔާލު ފާޅުކުރުމުގެ މުހިންމުކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.

އެމަސައްކަތު ބައްދަލުވުމުގައި، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި މިނިސްޓްރީ އޮފް ހެލްތާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސްއާއި ނެޝަނަލް ސެންޓަރ ފޮރ ކައުންޓަރ ޓެރަރިޒަމާއި ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި މޯލްޑިވިއަން ރެޑްކްރެސެންޓާއި ރިސޯޓު ސެކިއުރިޓީންނާއި ފަތުރުވެރި ކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް ހިމެނޭގޮތަށް 57 ބައިވެރިން ބައިވެރިވެފައިވާކަމަށް ފުުލުހުން ވަނީ ބުނެފަ އެވެ.