ހަބަރު

ފަރެސްމާތޮޑާ ދާއިރާގެ ވަގުތީ ނަތީއްޖާ ބަލައިގަންނަން އެމްޑީޕީއިން ނިންމައިފި

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރާނެ ފާރަތްތައް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީގައި މައްސަލަ ޖެހުނު ފަރެސްމާތޮޑާ ދާއިރާގެ ވަގުތީ ނަތީއްޖާ ބަލައިގަންނަން އެމްޑީޕީގެ ޕްރައިމަރީގެ ޝަކުވާ ކޮމިޓީއިން ނިންމައިފި އެވެ.

ވޯޓު ލީ ދުވަހު، 48 ފަރާތަކުން ގދ. ރަތަފަންދޫގައި ވޯޓު ކަރުދާސް ފާޅުގައި ދެއްކިކަމަށް ފަރެސްމާތޮޑާ ދާއިރާގެ ކެންޑިޑޭޓް، އަލީ ޝާމް، ޝަކުވާ ކޮމިޓީއަށް ހުށަހެޅުމުން، އެ މައްސަލަ ބެލެން ނެތްކަމަށް ކަނޑައަޅާފައި ވަނިކޮށް، ދާއިރާގެ އެހެން ކެންޑިޑޭޓުންކަމުގައިވާ ހަމްދޫން އަބްދުﷲ އާއި ފަރީޝާ އަބްދުﷲ އެ މައްސަލައާއި އަދި އެހެން މައްސަލަތަކެއް އިތުރު ހެއްކާއެކު ހުށަހަޅާފައިވާ ކަމަށް އެމްޑީޕީން ކުރިން ވަނީ ބުނެފަ އެވެ.

އެ ޝަކުވާތައް ބެލުމަށްފަހު ޝަކުވާ ކޮމިޓީން ކުރިން ނިންމާފައިވަނީ، އެ މައްސަލަތަކަށް ގޮތެއް ނިންމައި، ދާއިރާއިން އެންމެ ގިނަ ވޯޓު ލިބުނު ކެންޑިޑޭޓުކަމުގައިވާ ފަތުހުﷲ އަހުމަދުގެ ކެންޑިޑަސީ ބާތިލު ކުރުމަށް ނުވަތަ ވޯޓު އަލުން ނެގުމަށް ގައުމީ މަޖިލީހުން ގޮތެއް ނިންމުމަށްޓަކައި އެ މައްސަލަ އެ މަޖިލީހަށް، ޗެއާޕާސަން މެދުވެރިކޮށް ހުށަހެޅުމަށެވެ.

އެގޮތަށް ނިންމާފައިވީނަމަވެސް މައުލޫމާތު ލިބިފައިވާގޮތުގައި ޝަކުވާ ކޮމިޓީން ފަހުން ބޭއްވި ބައްދަލުވުމެއްގައި ވަނީ އެ ނިންމުން ބަދަލުކޮށް، އެ ދާއިރާގެ ވަގުތީ ނަތީއްޖާ ބަލައިގަންނަން ނިންމާފަ އެވެ. އެކަމާއި ގުޅޭގޮތުން މިހާތަަނަށް އެމްޑީޕީން އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ޝަކުވާ ކޮމިޓީގެ ނިންމުން އެމްޑީޕީން އެ ދާއިރާގެ ކެނޑިޑޭޓުންނަށް އަންގާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.