ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރުމުގެ ގޮތުން ދުނިޔޭގެ ތަފާތު ދެ ސަރަހައްދެއްގައި ބާއްވާ، ދެ ފެއާއެއްގައި އެއް ފަހަރާ ބައިވެރިވެ ރާއްޖެ މާކެޓް ކުރަމުން އެބަދެ އެވެ.
ސަރުކާރުގެ މާކެޓިން ކުންފުނި، އެމްއެމްޕީއާރްސީގެ ތަފާތު ދެ ޓީމަކުން މިހާރު ބައިވެރިވަމުން ދަނީ ޔޫރަޕުގެ ސްޕެއިންގައި އޮންނަ ފިތޫރު އިންޓަނޭޝަނަލް ޓޫރިޒަމް ޓޫރިޒަމް ފެއާ އާއި އިންޑިއާގެ މުމްބާއީގައި ކުރިއަށްދާ ވަން ވޯލްޑް ޓްރެވަލް މާކެޓް (އޯޓީއެމް) ގަ އެވެ.
މި މަހުގެ 23 އިން 25 އަށް ތިން ދުވަހުގެ މުއްދަތަށް އިންޑިއާގެ މުމްބާއީގެ، ބޮންބޭ ކޮންވެންޝަން ސެންޓަރުގައި ކުރިއަށް ދާ އޯޓީއެމް ފެއާގައި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން (އެމްއެމްޕީއާރުސީ) އާއެކު ރާއްޖޭގެ 20 ކުންފުންޏަކުން 15 މީހުން ބައިވެރިވެފައިވެ އެވެ.
ރާއްޖޭގެ ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތީ އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު އެވެ. މި ފެއާގައި ރާއްޖޭގެ ފަރާތުން "ޑެސްޓިނޭޝަން މާކެޓިން" ގެ މައުލޫމާތުތައް ހިމެނޭ ޕްރެޒެންޓޭޝަނެއް ވެސް ވަނީ ދީފައެވެ.
އިންޑިއާގައި އޮންނަ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާގައި ބޭރުގެ ގިނަ އަދަދެއްގެ ވިޔަފާރިވެރިން ބައިވެރިވެ އެވެ.
އޯޓީއެމް ފެއާގައި ހުރި ރާއްޖޭގެ 60 އަކަމީޓަރުގެ ސްޓޭންޑް ފަރުމާ ކޮށްފައިވަނީ ރާއްޖޭގެ ޓޫރިޒަމްގެ ރީތި މަންޒަރުތައް ފެންނާނެ ގޮތަކަށެވެ. މީގެ އިތުރުން މި ސްޓޭންޑަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި ކުއިޒެއް ބާއްވައި ރާއްޖޭގައި ހިލޭ ޗުއްޓީ ހޭދަ ކޮށްލުމަށް ކޮންމެ ދުވަހަކު ދެ ޕެކޭޖް ވެސް ދިނެވެ.
އެމްއެމްޕީއާރްސީ އިން ބުނީ ޓޫރިޒަމް ދާއިރާގެ އިސް ފަރާތްތަކާއެކު ފެއާގެ ތެރޭގައި ގިނަ މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ. މި މަޝްވަރާތަކުގައި ރާއްޖެ އިޝްތިހާރު ކުރުމަށް މުސްތަގުބަލުގައި ކުރެވިދާނެ މަސައްކަތްތަކާމެދު ވާހަަކަ ދެކެވުނު ކަމަށެވެ.
އިންޑިއާގެ އޯޓީއެމް ފެއާގައި 1000 އެގްޒިބިޓަރުން ހިމެނޭ ގޮތަށް 50 ގައުމެއްގެ މީހުންގެ މީހުން ބައިވެރިވެ އެވެ. މީގެ އިތުރުން މި ފެއާގައި އިންޑިއާގެ ފިލްމީ ސިނާއަތުގެ ބައެއް ފަރާތްތަކުން ވެސް ބައިވެރިވާއިރު ބޮލީވުޑްގެ އެންމެ މަގުބޫލު 30 ޕްރޮޑިއުސަރަކު ހިމެނެ އެވެ.
ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު އާބާދީއެއް އޮންނަ އިންޑިއާއަކީ ގައުމުން ބޭރުގައި ޗުއްޓީ ހޭދަ ކުރާ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ އެއް ގައުމެކެވެ. އެ ގައުމުން 2020 ވަނަ އަހަރު އަންނަންވާއިރަށް 50 މިލިއަން މީހުން ދަތުރު ކުރާނެ ކަމަށް ވަނީ ބެލެވިފަ އެވެ. ދުނިޔޭގެ އެންމެ ގިނަ މުއްސަނދިން ދިރިއުޅޭ އެ ގައުމުގައި މީހުން ޗުއްޓީއަށް ކުރާ ހޭދަ އަންނަ އަހަރު ނިމެންވާއިރަށް 45 މިލިއަން ޑޮލަރު ފަހަނަ އަޅައިދާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
އިންޑިއާއަކީ ރާއްޖެއަށް ވެސް އެންމެ ގިނައިން މީހުން އަންނަ އެއް ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު 90,474 މީހުން ވަނީ ޒިޔާރަތް ކުރި އެވެ. މިއީ 2017 ވަނަ އަހަރާ އަޅާބަލާއިރު ނުވަ ޕަސެންޓުގެ ކުރިއެރުމެކެވެ. އަދި މިހާރު އެ ގައުމުން ބަޖެޓް އެއާލައިން، އިންޑިއޯ އާއި ގޯއެއާގެ ދަތުރު ކުރަމުންދާތީ ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވާނެ އެވެ.
ފިތޫރު ފެއާގައި ރާއްޖޭގެ 21 ކުންފުނި
ސްޕެއިންގެ މެޑްރިޑްގައި ކުރިއަށްދާ ފިތޫރު އިންޓަނޭޝަނަލް ޓޫރިޒަމް އެންޑް ޓްރޭޑް ފެއާގައި ރާއްޖޭގެ 21 ކުންފުންޏަކުން 36 މީހުން ބައިވެރިވެ އެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ފެއާ ހާއްސަވަނީ ފެއާއަށް ދާ މީހުންނަށެވެ.
އެމްއެމްޕީއާރުސީ އިން ބުނީ މިމަހުގެ 23 އިން 27 އަށް ކުރިއަށްދާ ފިތޫރު ފެއާގެ 70 ސްކެއާ މީޓަރުގެ ރާއްޖޭގެ ސްޓޭންޑުގައި ދިވެހި ރަހަ ހުންނާނެ ކަމަށެވެ. މިގޮތުން "ތެލުލި ބަނބުކޭލާއި ބޮނޑި" ފަދަ ތަފާތު ދިވެހ ކާނާ ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. އަދި ރާއްޖޭގެ ރީތި މަންޒަރުތައް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ "ގޫޑީބޭގްސް" ލިބެން ހުންނާނެ އެވެ.
ސްޕެއިންއަކީ ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އެންމެ ގިނަ މީހުން ރާއްޖެ އަންނަ އެއް ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު 31,780 މީހުން ވަނީ އައެވެ. މިދިޔަ އަހަރު ރާއްޖޭގެ ޓޫރިޒަމްގެ 2.1 ޕަސެންޓް ހިއްސާ ނެގި ސްޕެއިން މާކެޓުގެ މިދިޔަ އަހަރުގެ ކުރިއެރުމަކީ 6.8 ޕަސެންޓެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ރާއްޖެ އިޝްތިހާރު ކުރަން ހާއްސަ މަސައްކަތް ތަކެއް ކުރަން ނިންމާފަ އެވެ. މިގޮތުން މާކެޓިން ބަޖެޓަށް މިލިއަން ޑޮލަރަށް އިތުރުކޮށް 19 ފެއާއެއްގައި ބައިވެރިވާން ވަނީ ނިންމާފަ އެވެ. މީގެ އިތުރުން ޓޫރިޒަމް މިނިސްޓްރީން އިސް ނަގައިގެން ދަނީ ރާއްޖެއަށް ސްޕޯޓް ޓޫރިޒަމް ތައާރަފު ކުރަން މަސައްކަތް ކުރަމުންނެވެ.
ޓޫރިޒަމް މިނިސްޓްރީގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 1,484,274 މީހުން ވަނީ ރާއްޖެ އައިސްފަ އެވެ. މިއީ 6.8 ޕަސެންޓުގެ ކުރިއެރުމެކެވެ.