ވިޔަފާރި

ރާއްޖެ އިސްތިހާރު ކުރަން އިންޑިއާގައި ރޯޑްޝޯއެއް

Jun 25, 2019
4

އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރަން ހާއްސަ ރޯޑްޝޯ ތަކެއް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ފަށައިފި އެވެ.

"ޖާނީ ޓް ދަ ސަނީ ސައިޑް" ގެ ނަމުގައި އެކި ގައުމުތަކުގައި ކުރިއަށް ގެންދާ ސިލްސިލާގެ ރޯޑްޝޯ ކުރިއަށް ދަނީ އިންޑިއާގެ ބެންގަލޫރާއި މުމްބާއީ އާއި ކޮލްކަތާއާ ނިއު ދިއްލީ އަދި ޗާންދިގަޅުގަ އެވެ. ޝޯ ކުރިޔަށް ދާނީ މި މަހުގެ 24 އިން 28 ގެ ނިޔަލަށެވެ.

މި ރޯޑްޝޯއަކީ އިންޑިޔާ މާކެޓްގައި ރާއްޖެ އިތުރަށް އިސްތިހާރު ކޮށް ފުޅާދާއިރާ އެއްގައި ރާއްޖެ ތަމްސީލު ކުރުމެވެ. މި ރޯޑް ޝޯ ގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް އިންޑިއާގެ އޮޕަރޭޓަރުންނާއި ބައްދަލުކޮށް ރާއްޖެ އިތުރަށް ޕުރޮމޯޓް ކުރާނެ އެވެ. ރޯޑްޝޯގައި ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ 25 ކުންފުންޏަކުން ބައިވެރިވެ އެވެ.

މި އިވެންޓު ގައި އިންޑިޔާގެ އޮޕަރޭޓަރުންނާއި ބައްދަލު ކުރުމުގެ އިތުރުން، ކޮންމެ ސިޓީ އެއްގައި ގުރުއަތުން ހޮވޭ ދެ ފަރާތަކަށް ރާއްޖޭގައި ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ދޭނެ އެވެ. މި ޗުއްޓީ ދަތުރުތައް ސްޕޮންސާ ކޮށްފައިވަނީ ޝަންގްރީލާ ވިލިނގިލި ރިސޯޓް އެންޑް ސްޕާ އިންނެވެ.

ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. މި އަހަރުގެ މިހާތަނަށް އެ ގައުމުން 66,265 މީހުންވަނީ އައިސްފަ އެވެ.

ކުރިޔާ ހިލާފަށް މިހާރު ރާއްޖެ އިސްތިހާރު ކުރުމަށާއި ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ހަރަކާތްތަކުގައި އެމްއެމްޕީއާރްސީން ރާއްޖޭގެ މިޑިއާގެ ބޭނުން ހިފަނީ ހަމައެނި ޕްރެސް ރިލީޒްތައް ޝާއިއު ކުރުމަށެވެ.