ލައިފްސްޓައިލް

މިއީ މަހުގެ އެއްކަލަ ހަފުތާ!

މަހުގެ ފަހު ހަފުތާ އަކީ އެންމެވެސް މުސާރަ ލިބޭ ދުވަހަށް އިންތިޒާރު ކުރާ ހަފުތާއެކެވެ. މަހުގެ ފަހު ހަފުތާގައި އޮފީހުގައި މެންދުރު ކާނީ ވެސް ކަޕް ނޫޑްލްސްތައްޓެކެވެ. ނޫނީ އެހެންވެސް ކުޑަ ގޮތެކެވެ. އެންމެންވެސް މުސާރަ ލިބޭ ދުވަހަކަށް ބަލާ ބަލާ ތިބެއެވެ.

ކެފޭތަކަށް ބެލިއަސް އާއްމުކޮށް ފުރިފައި އޮންނަ ކެފޭތަށް އޮންނަނީ ގިނަ ފަހަރަށް ހުސްކޮށެވެ. އޭޓީއެމް ކިއޫއެއް ނޯވެއެވެ. އަދި ސުޕަމާކެޓުތަކުގެ އެތެރެ ވެސް އޮންނަނީ ވަރަށް ހިމޭންކޮށޭ ބުނެވިދާނެ އެވެ. މި ފަހަރު މުސާރަ ލިބުމުން ބަދަލެއް ގެނެއް އަންނަ މަހުގެ ފަހު ހަފުތާގައި "ބްރޯކް ފީލް" ނުވާގޮތަށް ރާވާލުން ކިހިނެއް ވާނެ ހެއްޔެވެ؟

ހަރަދުތައް ރަނގަޅަށް ބަޖެޓްކުރުން

ކަރަންޓާއި ފެނާއި ކުއްޔާއި އިންޓަނެޓާއި ކޭބަލް ޓީވީ އާއި ފެނުގެ ހަރަދާއި ވެމްކޯ އާއި ފޯނު ބިލާއި ސުކޫލް ޓިއުޝަން ފީ އާއި ގޭގެ ކެއުމަށް ދާ ހަރަދު ރަނގަޅަށް ބަޖެޓު ކުރަންވީ އެވެ. އަދި ބައެއް ޔުޓިލިޓީ ހަރަދުތަކަކީ ބޭނުން ނުކުރާއިރު ބޮކި އޭސީ ފަދަ ތަކެތި ނިއްވާލައިގެން ކުޑަކުރެވޭނެ ހަރަދުތަކެކެވެ. އަދި އެއްވެސް ބިލަކަށް ޖޫރިމަނާ އެރިޔަ ނުދޭށެވެ. ޖޫރިމަނާގެ ގޮތުގައި އަރާ ފައިސާ އަކީވެސް އަތުން ދާ ބޭކާރު ހަރަދެކެވެ. މީގެ އިތުރުން ފޯނުގެ ޑޭޓާ ދީފައިވާ ކޯޓާގެ އިތުރަށް މަހުގެ ތެރޭގައި ބޭނުންކޮށްގެން ދައްކަންވާ ފައިސާ ވެސް ދައްކަން ނުޖެހޭ ގޮތަށް ރާވާލާށެވެ.

އަސާސީ ބޭނުންތަކުގައި ވެސް ހަރަދު ކުޑަކުރުން

ސުޕަމާކެޓްތަކުގެ ހަރުތަކުގައި އެއްޗެހި އަތުރާފައިވާ ގޮތުން ގަންނަން ދާ އެތި ނޫން އެތައް އެއްޗެއް އިތުރަށް ގަނެގެން ނޫނީ ގެއަށްކަށް ނާދެވެ އެވެ. ޗިޕްސް، މެޓާ، ޗޮކުލެޓް ފަދަ އެއްޗެއްސައަކީ ހަށިގަނޑަށް ފައިދާ ހުރި އެއްޗެއްސެއް ނޫނެވެ. އެ ބާވަތްތަކުގެ ތަކެތި ގަތުން މަދުކުރަންވީ އެވެ. އަދި ސުޕަމާކެޓަށް ކާ އެއްޗެހި ގަންނަން ދާންވީ ކައްކާނެ އެއްޗެއް ކަނޑައަޅައި އެއަށް ބޭނުންވާނެ އެއްޗެއް ގަތުމަށެވެ. މިގޮތަށް މީލް ޕްލޭނެއް ހަދައިގެން ވިޔަފާރި ކުރުމަކީ ހަރަދުތައް ކުޑަވެ އެތައް ވަގުތެއް ސަލާމަތްކުރެވިދާނެ ގޮތެކެވެ.

ދުންފަތާއި ސިނގިރޭޓް، ސުޕާރީ އާއި ކިއްލިއަށް ދޫކޮށްލުން

މިއީ ހުސް ބޭކާރު ހަރަދެވެ. ސިއްހަތަށް ގެއްލުންވުމުގެ އިތުރުން މަހުގެ ތެރޭގައި މި ތަކެއްޗަށް ހޭދަވާ ބޭންކް އެކައުންޓެއްގައި ސޭވް ކޮށްފައި ހުރުމަކީ ޔަގީނުން މާ ބޮޑަށް ވެސް ފައިދާވާނެ، ފައިދާ ފެންނާނެ ކަމެކެވެ.

މަހުގެ ކުރީކޮޅު ފައިސާ ތަޅާ ނުބުރުވުން

ބުރަ މަސައްކަތުން ހޯދި ފައިސާ މަހުގެ ކުރީކޮޅު ބިރަކާ ނުލައި އެއްވެސް ޖެހިލުމެއްނެތި އަގު ބޮޑު ރެސްޓޯރަންޓްތަކުން ކެއުމަށާއި ކޮންމެހެން ކުރަން ނުޖެހޭ ހަރަދުކޮށް ހުސް ކުރުމުގެ ބަދަލުގައި ފަހަށް ރައްކާ ކުރުމުގެ ވިސްނުމެއް ގެންގުޅެންވީ އެވެ. ބޭކާރު ކަންކަމުގައި ފައިސާ ހަރަދު ކުރުން ހުއްޓާލަންވީ އެވެ.

ކޮންމެހެންވެސް ސޭވިން އެކައުންޓަށް ފައިސާ ލާންޖެހޭ

ކޮންމެ މަހަކުވެސް ސޭވް ކުރުމަށް އެކައުންޓަކަށް ފައިސާލައި ރައްކާ ކުރަންވީ އެވެ. މިގޮތަށް ކަންތައް ކުރުމުން އަތްމަތި ދަތިވާ އިރު، ނުވަތަ ބޮޑު ކަމެއް ލައިގަންނައިރު އަބަދުވެސް ކޮންމެވެސް މަހެއްގައި ސޭވް ކޮށްފައިވާ ފައިސާ އިން އެކަމެއް ކުރެވި ދާނެ އެވެ. އޭރުން އިތުރު ލޯނު ނުނަގާ އަދި މާލީ ހާލާތު އިތުރަށް ގޯސްވިޔަ ނުދީ ވެސް ހިފަހައްޓާލެވޭނެ އެވެ.

އަގުބޮޑު ރެސްޓޯރަންޓުން ކެއުމުގެ ބަދަލުގައި ކާންވީ ގެއިން

އަގު ބޮޑު ރެސްޓޯރެންޓާއި ކެފޭތަކުން ކެއުމުގެ ބަދަލުގައި ގެއިން ކެއުމުން އަނބިދަރިންނާއެކު ވަގުތު ހޭދަވުމުގެ އިތުރުން އާއިލީ ގުޅުންވެސް ބަދަހިވާނެ އެވެ. މިގޮތުންވެސް ފައިސާ ސޭވް ކުރެވިދާނެ އެވެ.

ބޭކާރު އެއްޗެހި ގަތުން މަދުކުރުމާއި ވައި ބުރު ނުޖެހުން

ކޮންމެހެން ބޭނުން ނޫން އެއްޗެހި ގަތުމާއި ދުރުވާންވީ އެވެ. އެއްޗެއް ގަންނަ އިރުވެސް ރަނގަޅަށް ބަލައި ކޮލިޓީ އެއްޗެހި ހޯދުމުން ހަލާކުނުވެ ގިނަ ދުވަހު ބޭނުން ހިފޭނެ އެވެ. ގަންނަ ނަމަ އެފަދަ އެއްޗެއްސަށް އިންވެސްޓް ކުރުން ބުއްދިވެރި އެވެ. މީގެ އިތުރުން ވެސް ސައިކަލާއި ކާރަށް އަޅާ ޕެޓްރޯލް ހަރަދު ކުޑަކުރުން ވައިބުރު ޖެހުން މަދުކޮށް ކޮންމެހެން ދާންޖެހޭ ތަންތަނަށް އެކަނި ދުއްވާފައިދިއުން އާދަ ކުރަންވީ އެވެ. މި އުކުޅުތަށް ބޭނުންކޮށްގެން މި އަންނަ މަހުގެ ފަހު ހަފުތާގައި "ބްރޯކް" ނުވެ އުޅެވޭތޯ ބަލާމާ ހިނގާށެވެ!