ރައީސް މުހައްމަދު ނަޝީދު

"ކުރިމަތިނުލެވޭ ގޮތަށް ފާހެއް ނުކުރެވޭނެ، ކުރިއަސް ތަސްދީގެއް ނުކުރައްވާނެ"

Jan 24, 2019
3

ރައީސުލްޖުމްހޫރިއްޔާ ކަން ކުރައްވާފައިވާ ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތި ނުލެވޭ ގޮތަށް ގާނޫނު ފާސް ކުރުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށާއި ފާސް ކުރިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ނުކުރައްވާނެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އަންނަ އޭޕްރީ މަހުގައި އޮންނަ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅީ މެދު ދާއިރާއަށް ވާދަ ކުރައްވާނެކަން ކުރީގެ ރައީސް ނަޝީދު ވަނީ އިއުލާން ކުރައްވާ ވަނީ ކެމްޕޭން ފައްޓާވާފަ އެވެ. އަދި ކުރީގެ ރައީސުންނަށް ވާދަ ނުކުރެވޭނެ އިސްލާހެއް މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވަނީ މަޖިލީހަށް ވައްދާފަ އެވެ.

ރާއްޖެ ޓީވީ ޕްރޮގްރާމެއްގައި ބައިވެރިވެ ވަޑައިގެން ރައީސް ނަޝީދު މިއަދު ވިދާޅުވީ ވަކި މީހަކަށް އޮތް ހައްގެއް ގެއްލޭ ގޮތަށް ގެނެވޭ އިސްލާހެއް ވާނީ ގާނޫނުއަސާސީއާ ހިލާފު އިސްލާހަކަށް ކަމަށެވެ.

ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ވެސް ވިދާޅުވަނީ އެގޮތަށް ކަމަށެވެ. އަދި އެފަދަ ނިންމުމެއް ވާނީ ގާނޫނު އަސާސީއާ ޚިލާފު ނިންމުމަކަށް ކަމަށާއި އެފަދަ އިސްލާހެއް މަޖިލީސް ތެރެއިން ފާސް ކޮށްފާނެނެ ކަމަށް ގަބޫލުފުޅު ނުކުރެއްވޭ އިރު އެކަމަށް ވަގުތު ވެސް ނެތް ކަމަށެވެ.

"[ފާސް ކުރިޔަސް] ރައީސުލްޖުމްހޫރިއްޔާ އެފަދަ އިސްލާހެއް ތަސްދީގު ކުރައްވާނެ ކަމަކަށް ނުބެލެވޭ،" ނަޝީދު ވިދާޅުވި އެވެ.