ބޭރު ކުޅިވަރު

ލޯނު އެއްބަސްވުމެއްގެ ދަށުން ހިގުއައިން ޗެލްސީއަށް

Jan 24, 2019

ލަންޑަން (ޖެނުއަރީ 24) - ލޯނު އެއްބަސްވުމެއްގެ ދަށުން ޔުވެންޓަސްގެ ތަޖުރިބާކާރު ފޯވަޑު ގޮންޒާލޯ ހިގުއައިން ސީޒަނުގެ ބާކީއޮތް ބަޔަށް އިނގިރޭސި ކްލަބް ޗެލްސީއަށް ބަދަލުވެއްޖެ އެވެ.

އިޓަލީގެ އެސީ މިލާނަށް ލޯނަށް ދޫކޮށްފައިވާ އާޖެންޓީނާގެ ހިގުއައިން، 36 މިލިއަން ޔޫރޯއަށް ގަތުމުގެ ފުރުސަތު ވެސް ޗެލްސީއަށް އޮންނާނެ އެވެ. އަދި އަންނަ ސީޒަނާއި ހަމައަށް 31 އަހަރުގެ ފޯވަޑު ބެހެއްޓުމަށް ލޯނުގެ މުއްދަތު އިތުރުކުރުމުގެ މާއްދާއެއް ވެސް އެ އެއްބަސްވުމުގައި ވަނީ ހިމަނައިފަ އެވެ.

"ޗެލްސީ ފަދަ ކުލަބަކަށް ބަދަލުވުމުގެ ފުރުސަތު ލިބުނީމަ ދޫކޮށްލެވޭކަށް ނޯންނާނެ،" ހިގުއައިން ބުނެފައިވެ އެވެ.

"އެ ޓީމަކީ މުއްސަނދި ތާރީހަކާއި، ރަނގަޅު ސްޓޭޑިއަމް އެއް އޮތް ޓީމެއް، އަދި އަހަރެން އަބަދުވެސް ކުޅެން ބޭނުންވާ ޕްރެމިއާ ލީގުގައި ވާދަކުރާ ޓީމެއް،" އޭނާ ބުންޏެވެ.

ބުދަ ދުވަހުގެ މެންދުރު 12 ގެ ފަހުން އެއްބަސްވުމުގައި ސޮއިކޮށްފައިވާތީ، މިރޭ ޓޮޓެންހަމް އާއި ދެކޮޅަށް ކަރަބާއޯ ކަޕުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ހިގުއައިން އަކަށް ނުކުޅެވޭނެ އެވެ.

މިހާރުގެ ޗެލްސީގެ ކޯޗު މައުރީޒިއޯ ސާރީގެ އިރުޝާދުގެ ދަށުން، ހިގުއައިން ވަނީ ނެޕޮލީއަށް 2015-2016 ސީޒަނުގައި 36 ލަނޑު ޖަހައިފަ އެވެ.