ހަބަރު

މަޖިލީހުގެ ރައީސް ކަމަށް ނަޝީދުގެ ޝައުގެއް ނެތް

Jan 24, 2019
16

ރައްޔިތުން މަޖިލީހުގެ ރައީސް ކަމަށް ވާދަ ކުރަން ޝައުގުވެރިވެވަޑައި ނުގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅެވެއްޖެ އެވެ.

ކުރިޔަށް އޮތް 19 ވަނަ ރައްޔިތުން މަޖިލީހުގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަ ކުރަން ރައީސް ނަޝީދު ވަނީ ނިންމަވައިފަ އެވެ. އަދި އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހު ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ވަޑައިގަންނަވާފާނެ ކަމަށް ބައެއް ސިޔާސީ ފަރާތްތަކުން ލަފާ ކުރައްވަ އެވެ.

އެކަމަށް ރައްދު ދެއްވަމުން މިއަދު ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ މެންބަރުކަން ކުރައްވަން އެމަނިކުފާނު އަބަދުވެސް ޝައުގުވެރިވެވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް މަޖިލީހުގެ ރައީސްކަމަށް ވާދަ ކުރަން ޝައުގުވެރި ކަމެއް ނެތް ކަމަށެވެ.

"މަޖިލީސް ރައީސްކަން ކުރެއްވުމުގެ ޝައުގުވެރިކަމެއް ނެތް، ނަމަވެސް މެންބަރުކަން ކުރުމުގެ ޝައުގުވެރިކަމަކީ އަބަދުވެސް ކުރާ ހިތްވަ ކަމެއް،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު މަޖިލީހަށް ވާދަ ކުރައްވާއިރު ކުރީގެ ރައީސުންނަށް ވާދަ ނުކުރެވޭ ގޮތަށް ގާނޫނު އަސާސީ ބަދަލު ކުރުމަށް ޖުމްހޫރީ ޕާޓީގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. ނަމަވެސް ރައީސް ނަޝީދު ވިދާޅުވީ އެ އިސްލާހު މަޖިލީހުން ފާހެއް ނުކުރެވޭނެ ކަމަށެވެ. އަދި ފާސް ކުރިޔަސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ބިލު ތަސްދީގެއް ނުކުރައްވާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.