(22 ޖެނުއަރީ 2019 އާ ގުޅޭ)
"ރައުލް... ޔާފިއާ އެ އައީ ރަނގަޅު ޚަބަރެއް ހިފައިގެންނެއްނޫން" އިރުކޮޅަކު އިނދެފައި ރާވިން ބުންޏެވެ.
ރައުލްގެ ސަމާލުކަން އޭނާގެ އެކުވެރިޔާއަށް ދެވުނެވެ. ޔާފިއާ ހިފައިގެން އައި ޚަބަރަކީ ކޮބައިކަން އެނގެން އޭނާ ރާވިންއާ ސުވާލުކުރިއެވެ. އެމީހުން ގަނޑުވަރުން ނުކުމެ އުޅޭތާ ގިނަ ދުވަސްތަކެއްވާތީ އެކަމުގެ ސަބަބުން ބޭރީތަށް ލިބެމުން އަންނަ ނުތަނަވަސްކަން އިތުރުވާކަން ރާވިން ހާމަކުރިއެވެ.
އީޝަލްގެ ޢާއިލާއާއި ރައުލްއާ ދެމެދު އުފެދިފައި އޮތް ހަމަނުޖެހުން ވީހާ ވެސް އަވަހަކަށް ހައްލުކުރަން ރާވިން ޚިޔާލުދިނެވެ. އެހެންނޫނީ ރައުލް ބޭނުންވާގޮތް ނުވެގެން އުޅެނިކޮށް އެނބުރި ދާން ޖެހިދާނޭކަން ވެސް ރާވިން ވިސްނައިދިނެވެ. އޭނާ އަދި އެނބުރިދާން ތައްޔާރުނޫންކަން ރާވިންއަށް އެނގެއެވެ. ރާވިންގެ ވާހަކަތަކަށް ރައުލް ރައްދެއް ނުދިނެވެ.
* * * * *
ހިމޭންވެފައި އިން އީޝަލްއަށް ދުރުގައި އޮތް ލުގަލްބަންދާ ބަލާލިއެވެ. އީޝަލްއާއި ރައުލްގެ ދެމެދުގައި އޮތް ގުޅުން އެންމެންނަށް ހާމަވީއިރު ލުގަލްބަންދާގެ ހިތުގައި ރުޅިވެރިކަން އުފެދުނީ ގަސްދަކައިނުލައެވެ. ހިތަށް ލިބުނު މާޔޫސްކަމެއްގައި އީޝަލްއާ ވާހަކަދައްކަން ބޭނުންނުވެ ދުރުދުރުން ލުގަލްބަންދާ އުޅުނެވެ. ނުތަނަވަސްކަން ފިލައި ނުދިޔަ ނަމަވެސް ލުގަލްބަންދާއަށް އޮފިގަނޑު މަތީ އިން އީޝަލްގެ މޫނުގައިވި ކުލަވަރު ފެނި ނަފްސުގެ ހަމަޖެހުން ގެއްލުނު ކަހަލައެވެ. އީޝަލްއާ ބައްދަލުވުމުން އޭނާއާ ދުރަށް ނުދާނަންކަމަށް އަދި އަބަދުވެސް އޭނާ ރައްކާތެރިކުރާނަން ކަމަށް ލުގަލްބަންދާ ވީ ވަޢުދުގެ މަތިން ޟަމީރު ހަނދާންކޮށްދިނެވެ. އަމިއްލަ އިޙްސާސްތަކަށްވުރެ އަނެކާގެ އިޙްސާސްތަކަށް އިސްކަންދިނުމަކީ ކޮބައިކަން ލުގަލްބަންދާއަށް އެނގުނީ މިއަދު އޭނާ އެ ހުރި ހާލަތުންނެވެ. އަމިއްލަ އެދުން ކުރިއަށް ނެރެން ބޭނުންވިޔަސް އެކަން ކުރާނެ ހިތްވަރެއް ލުގަލްބަންދާގެ ނެތީއެވެ. އީޝަލްއަށް ޚާއްޞަ ފަރާތަކަށް ވާން ލުގަލްބަންދާ ބޭނުންވި ނަމަވެސް އެކަން އެހެންނުވާނޭކަން ޤަބޫލުކުރަންޖެހޭ ކަމުގައި ލުގަލްބަންދާގެ އަމިއްލަ ޟަމީރު ވެސް ވިސްނައިދިނެވެ. މަޑުމަޑުން ބޯޖަހާލަމުން ލުގަލްބަންދާ އިސްޖަހާލީ ހިތްނޭދުނަސް އެކަން އޭނާ ޤަބޫލުކުރާނެކަން އަމިއްލަ ނަފްސަށް ޔަގީންކޮށްދިނުމުގެ ބޭނުމުގައެވެ. ފިނިނޭވާއެއް ދޫކޮށްލުމާއެކު ނަފްސު ހަމައަކަށް އަޅުވާލައި ލުގަލްބަންދާ ކުރިއަށް ފިޔަވަޅު އަޅާލީ އީޝަލްއާ ވާހަކަދައްކަން އިސްނަގަމުންނެވެ. ހަމަ އެވަގުތު އެތަނަށް މީކާޢިލް ފާޅުވިއެވެ. ލުގަލްބަންދާއަށް ބަލާލުމެއްނެތި އޭނާ ގޮވާލީ އޮފިގަނޑުމަތީ އިން އީޝަލްއަށެވެ. ޒިޔަޒެލްގެ ގާތުން ތަމްރީނުވަމުން އަންނަން އީޝަލް ހަލުވިކަމާއެކު އޮފިގަނޑުން ތެދުވިގޮތަށް ދެން އޭނާ ހުރީ މީކާޢިލްގެ ކުރިމަތީއެވެ. މީކާޢިލް އެދުނީ އޭނާއާއެކު އީޝަލް އައުމަށެވެ. އަދި ހިނގައިގަތުމުގެ ކުރީން ލުގަލްބަންދާއަށް ބަލާލައި އޭނާއާ ފަހުން ބައްދަލުކުރަން ބޭނުންވާކަން ވެސް މީކާޢިލް ހާމަކުރިއެވެ.
މީކާޢިލް ވަނީ އޭނާގެ ކޮޓަރިއަށެވެ. އެއްފަރާތުގައި ހުރި އަލަމާރިއާ ކުރިމަތިވާގޮތަށް ދެ ސަރަންފީ ހުއްޓެވެ. އޭގައި އިށީނުމަށް އީޝަލްއަށް އިޝާރާތްކޮށްލިއެވެ. ކިޔަމަންތެރިކަމާއެކު އީޝަލް އެފަދައިން ކަންތައްކުރިއެވެ. މީކާޢިލް ހުރި ފިޔަވަޅުމަތީ އިރުކޮޅަކު މަޑުކޮށްލައިގެން ހުއްޓެވެ. އޭނާ ފަރުވާތެރިކަމާއެކު އީޝަލްއަށް ބަލާލީއެވެ. އަދި ވާހަކަދައްކަން ފެށިއެވެ. ބަލްޤިސްގެ ގާތަށް އޭނާގެ ކައިވެނީގެ ޙަފުލާގައި ބައިވެރިވާން ފުރަންވީ ކަމުގައި މީކާޢިލް ބުންޏެވެ. އީޝަލްއަށް އެ ޚަބަރުން ލިބުނީ ނުތަނަވަސްކަމެވެ. ރައުލްއާ ބައްދަލުނުވާތާ ހަތަރު ދުވަސްވީއެވެ. ރައުލްގެ ހާލަކީ ކޮބައިކަމެއް އަދި އޭނާ މިހާރު ހުރީ އެ ރަށުގައި ކަން ވެސް އީޝަލްއަށް އެނގެނީއެއްނޫނެވެ. ރައުލް ވެސް އޭނާއާ ބައްދަލުކުރަން ނޫޅެ ދުރުގައި ހުންނާތީ އެކަމާ ހިސާބަކަށް ހިތުގައި ޝަކުވާ އުފެދިފައިވިއެވެ. އީޝަލް ބޭނުންވަނީ އޭނާ ދާން އުޅޭ ކަމުގެ ޚަބަރު ރައުލްއަށް ދޭށެވެ. ފަހަރެއްގައި އޭނާ ހޯދަން ރައުލް އަތުވެއްޖެނަމަ އޭނާ ވީތަނެއް ނޭނގި ރައުލް އެނބުރި ހިނގައިދާނޭ އީޝަލްއަށް ހީވާތީއެވެ. ނަމަވެސް ރައުލްއާ ބައްދަލުކުރުމުގެ ފުރުޞަތެއް މީކާޢިލްއާއި ޒިޔަޒެލް ނުދޭނޭކަން އީޝަލްއަށް މިހާރު އެނގެއެވެ. މީކާޢިލްގެ ކުރިމަތީ ބަހެއްނުބުނެ ހިމޭންވެފައި އީޝަލް ހުރީ އެ ބައްޕައަށް ވިސްނައިދޭނޭ ގޮތެއް ނޭނގިފައެވެ.
"އީޝަލް..." ކުރިމަތީގައި އީޝަލް ހުއްޓެއްކަމަކު އޭނާގެ ސަމާލުކަން ކުޑަވެފައި ހުރިހެން ހީވެ މީކާޢިލް ގޮވާލިއެވެ. އެހިނދު ދަރިފުޅު ބަލާލި ގޮތުން ވެސް އޭނާގެ ޚިޔާލުތައް ގުޅިފައިވީ އެހެންކަމަކާކަން މީކާޢިލްއަށް ޔަގީންވިއެވެ.
"ދަރިފުޅަށް ކަމެއްވެދާނޭތީ ބައްޕަ ކަންބޮޑާވާވަރު އީޝަލްއަށް އެނގޭތަ؟... އަހަރެމެންގެ ތެރޭގައި ތަފާތު އެތައް ނަސްލެއް ދިރިއުޅޭއިރު ލިބިފައިވާ ބާރުތައް ވެސް ތަފާތު، ޖިންނީންގެ ދުނިޔެއިން އީޝަލްއަށް އަދި ތިފެންނަނީ ވަރަށް ކުޑަ މިންވަރެއް، އެހެންވީމަ އެ މީހުންގެ ޠަބީޢަތް ދެނެގަންނަން ދަރިފުޅަށް އުނދަގޫވާނެ، ގިނަވާނީ ބާރު ހޯދަން އުޅޭ ޖިންނީން، ޣައިބުގައިވާ ކަންކަން ހޯދައި ނުވާނޭހެން ހީވާ ކަހަލަ ކަންކަމުގައި ގޮންޖަހަން އުޅޭ ޖިންނީން، ގޮތްދޫނުކުރުމާއި ހިތްހަރުކަމާއި އަނިޔާވެރިކަން ވަނީ ހައްދުފަހަނަ އަޅައިފައި، އެ މީހުންގެ ލޯތަކާއި ކަންފަތާ ހަމައަށް އީޝަލްގެ ޚަބަރު ފޯރާފައިފިނަމަ އެކަމުގެ ތެދުދޮގު އޮޅުންފިލުވައި ކަންބަލަން އަންނާނެ، ގޮތް ނޭނގޭ ޖިންނީން ދަރިފުޅާ ބައްދަލުކޮށް ޝައުގުވެރިކަން ފާޅުކުރުމަކީ ވެސް ވެދާނޭ ގޮތެއް.... ހުރިހާ ކަމަކަށް އަދި ދަރިފުޅު ވަރަށް ޅަ، ދަރިފުޅުގެ ވިސްނުމާ ކުޅެލާއިރު އެކަން ޚުދު ދަރިފުޅަށް ވެސް ނޭނގޭނެ" މީކާޢިލް ބުންޏެވެ. އޭނާގެ ވާހަކަތަކުން އިޝަރާތް އެކުރަނީ ރައުލްއަށްކަން އީޝަލްއަށް ޤަބޫލުކުރެވުނެވެ. އިޚްތިޔާރަކާނުލާ އީޝަލްއަށް ތުންފިއްތާލެވުނެވެ.
"ރައުލް ތަފާތު، އެ އެންމެންނާ އޭނާ ތަފާތު... ބަސްމަދުވެފައި ބުއްދީގެ ބޭނުން އޭނާ ކުރޭ، އަޅުގަނޑުމެންގެ އުސޫލުތަކާއި ސަޤާފަތަށް ލޯބިކުރޭ، އަޅުގަނޑުމެން ގެންގުޅެނީ ރަނގަޅު ހަރުދަނާ އުސޫލުތަކެއްކަމުގައި އޭނާ ވެސް ޤަބޫލުކުރޭ... އަޅުގަނޑުގެ ޢާއިލާއަށް އިޙްތިރާމްކުރޭ، ޢާއިލާއާއި އަޅުގަނޑަށް ދެރަގޮތެއް މެދުވެރިވާން އޭނާ ނޭދޭ، ކަނޑުން އަރާ ޖިންނީންގެ އުނދަގުލެއް ފޯރާނަމަ މި ރަށުގައި ތިބިހާ ދުވަހަކު އެކަމުން ރަށް ރައްކާތެރިކޮށްދެން ނިންމީ ވެސް އަމިއްލައަށް، އޭނާގެ ހަޔާތުގެ ބައިވެރިއަކަށްވުން ފިޔަފައި އިތުރު އެއްވެސް ކަމަކަށް އޭނާ އަޅުގަނޑުގެ ގާތުން ނޭދޭ، އަޅުގަނޑުގެ ޢާއިލާގެ ރުހުމުގައި މި ގުޅުން ކުރިއަށް ގެންދަން ރައުލް އެދެނީ، އެކަމަކު ނަސީބު އެކަމަށް ފުރުޞަތު ނުދިން، ޢާއިލާއާ ބައްދަލުކޮށް ހުރިހާ ވާހަކައެއް ދައްކަން އާދެވުމުގެ ކުރީން ހުރިހާކަމެއް މިވަނީ ގޯސްވެފައި" ރައުލްއާ ބައްދަލުނުވެދާނޭ ހިތަށް އެރުމުން އިތުރަށް ހިމޭނުން ހުންނަން އީޝަލް ނުކުޅެދުނެވެ.
ބޭރީތުގެ ވާހަކަ ބުނަން ހިތަށް އަރާފައި ވެސް މީކާޢިލް ނުބުންޏެވެ. ދަރިފުޅަށް އެހެން ގޮތަކުން ވިސްނައިދޭނީއޭ އޭނާގެ ހިތަށް އެރީއެވެ. ރައުލް ދުރުގައި ހުރުމުން އެ ދެމެދުގައި އޮތް ގުޅުން ކުރިއަށް ނުގޮސް ހުއްޓިދާނޭއޭ ވެސް މީކާޢިލްގެ ސިކުނޑިއަށް އެރިއެވެ. ނަމަވެސް އެ ޚިޔާލުތައް ވިއްސިވިހާލިވީ އީޝަލް ދެން ދެއްކި ވާހަކައަކުންނެވެ.
"މަންމައަކީ އިންސާނަކަށްވާއިރު ބައްޕަ ކިހިނެއް ނިންމީ މަންމައާއި ބައްޕަ އެކަށީގެންވާކަމުގައި، ކިހިނެއް ބައްޕައަށް ޔަގީންވީ މަންމައަށް އިތުބާރުކުރެވިދާނޭކަމުގައި" އީޝަލްގެ އަޑު ކުރަކިވެފައި ވިއެވެ. ހީވަނީ ޖެހިލުންވެފައި ހުރިވަރުން ހެންނެވެ. އެހެންނަމަވެސް އޭނާގެ މަންމައާ ގުޅުވައި އެފަދަ ސުވާލެއް ބައްޕައާ ކުރިމަތިކުރުވީ އެ ނޫން ގޮތެއް ނެތިގެންނެވެ. ލޯތްބަށް އިސްކަންދިން ބައްޕަގެ ހިތް ހިލަވެއްޖެއޭ އީޝަލްއަށް ހީވީއެވެ. މަންމަގެ ހަނދާންތަކުން އެ ހިތަށް އަލުން ދިރުން ލިބި އީޝަލްގެ ހިތުގެ ހާލު ވިސްނެން އޭނާ ބޭނުންވީއެވެ. ބަސްހުއްޓިފައި އީޝަލްއަށް ބަލަން ހުރި މީކާޢިލް ކުއްލިއަކަށް ޣައިބުވީއެވެ. އެއާއެކު އެ ކޮޓަރިން ވެސް މީކާޢިލް ހިނގައްޖެކަން އީޝަލްއަށް އެނގުނެވެ.
ރޭގަނޑުގެ ވަގުތެވެ. ނިދަން ވަނުމުގެ ކުރީން އީޝަލް ހުރީ އިރުމަތީ ފެންޑާގައި ގޭގެ ބޭރު ފެންނަ ގޮތަށެވެ. އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އެތަނުން ފެންނަން ހުރި ގަސްބުޑަށެވެ. އެ ގަސްބުޑުގައި އޭނާގެ އިންތިޒާރުގައި ރައުލް އިނުމަށް އެ ހިތް އެދޭ ފަދައެވެ. އެހެންނަމަވެސް ކިތަންމެ އިރަކު ބަލަން ހުއްޓެއްކަމަކު އެތަނުން ރައުލް ފާޅުނުވާނޭކަން އީޝަލްއަށް އެނގެއެވެ. ލުގަލްބަންދާގެ ހިލަންވީ އެހެން ހުއްޓައެވެ. އީޝަލް އެނބުރިލިއެވެ. އަޖައިބުވީ އޭނާއަށް ލުގަލްބަންދާ އައުމުގެ ކުރީން އެތަނަށް އޭނާ އަންނަކަން އެނގުނީމައެވެ. އެއާއެކު ހަނދާންވީ ތަންކޮޅެއް ކުރީން އޭނާ ގަހުގެ އޮފިގަނޑު މަތީ އިންދާ ވެސް ލުގަލްބަންދާ އައުމުގެ ކުރީން އޭނާ އަންނަކަން އެނގުނުކަމެވެ. ގޭތެރެއަށް އީޝަލް ބަލަން ހުއްޓެވެ. އެހެން ހުއްޓާ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭ ލުގަލްބަންދާ އަންނަތަން ކުރިމަތިން ފެނިއްޖެއެވެ. އޭނާ ބަލަން ހުރިތަން ލުގަލްބަންދާއަށް ފެނުމުން ލިބުނީ ހައިރާންކަމެވެ. އެހެންނަމަވެސް އެ އަސަރުތައް ފޮރުވާލައި އީޝަލްގެ ގާތަށް އައިސް އޭނާ މަޑުކޮށްލިއެވެ.
"މާދަމާ ދަނީ ދޯ" ލުގަލްބަންދާ އަހާލިއެވެ.
"ހޫމް!... ލުގަލް ނުދަންތަ؟" އީޝަލް ހޫންލައްވާލައި އެއްސެވެ.
"މީކާޢިލްއާއި ޒިޔަޒެލް ބުނީ އަހަރެން އެ މީހުންގެ ތެރެއަށް ދިއުން ރަނގަޅުނުވާނެތީ ނުގެންދަނީކަމުގައި، އަހަރެންގެ މައްސަލައެއްނެތް" ލުގަލްބަންދާ ބުންޏެވެ. އިތުރު ސުވާލެއް އީޝަލް ނުކުރިއެވެ. މަޑުމަޑުން އައިސް އެ ތަނުގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އޭނާ އިށީނީއެވެ. އުޑުމައްޗަށް ނަޒަރު ހުއްޓާލި ގޮތަށް ބަހެއް ވެސް ނުބުންޏެވެ. ލުގަލްބަންދާ އިހު އިން ދިމާއިން އީޝަލް ފެންނަ ގޮތަށް އެނބުރިލިއެވެ. މިފަހަރު އީޝަލްގެ ގާތަކަށް ނާދެއެވެ. ބުނަން ބޭނުންވީ އެތައް ވާހަކައެއް ހިތުގައި ހުއްޓެއްކަމަކު ލުގަލްބަންދާއަށް ފާޅެއްނުކުރެވުނެވެ.
"އަހަންނަށް މަޢާފުކުރާނަންތަ؟" އީޝަލްގެ ހަރަކާތަކަށް ބަދަލެއް ނަޔަސް އޭނާ ވާހަކަދެއްކީ ލުގަލްބަންދާއާކަން ޚުދު އޭނާއަށް އެނގުނެވެ.
"ކޮންކަމަކަށް" ލުގަލްބަންދާ އަހާލިއެވެ.
"އެއްވެސް ކަމެއް ލުގަލްއާ ޚިއްޞާ ނުކުރީތީ، ގާތް ރަޙުމަތްތެރިއަކަށް ހަދައިފައި ވެސް ދުރުކޮށްލެވުނީމަ... އަހަންނަށް އެނގޭ ލުގަލްއަށް ވެސް ރައުލް ކަމުނުދާކަން، އެކަމަކު... އަހަންނަށް... އަހަންނަށް ރައުލް ކަމުގޮސްފި، ވަރަށް ބޮޑަށް... އޭނާއާ ބައްދަލުކުރަން އަހަރެންގެ ހިތް ގޮވަނީ، އެ އަޑަށް ބީރުކަންފަތެއްދޭން ކުރާ މަސައްކަތް މިވަނީ ބޭކާރުވެފައި، ލުގަލް... އެންމެން ނުރުހުނަސް އަހަންނަށް ރައުލްއަކަށް ނަފުރަތެއްނުކުރެވޭނެ، ރައުލްގެ ހިތް ސާފު... ފަހަރެއްގައި އަހަރެންނަށް އެނގޭ ގޮތަށް އެހެން ޖިންނީން ދެނެގަންނަން ޒިޔަޒެލްއާއި ބައްޕައަށް ވެސް ނޭނގެނީ ކަންނޭނގެ، އަހަރެންގެ ހިތް މިހާތަނަށް އޮޅުވައެއްނުލާ، އޭނާގެ ލޮލުން ތެދުވެރިކަން އަހަރެން ދުށީން، ހާމަނުކުރާ އެކަނިވެރިކަމާއި ކެތްތެރިކަން ވެސް ދުށީން، ލުގަލް..." އީޝަލް ހީވީ ވާހަކަދައްކަން އުނދަގޫވެގެން ހުއްޓާލީ ހެންނެވެ. ދެން ފެނުނީ މޫނު އަނބުރާލައި ދެއަތްތިލައިން މޫނު ނިވާކޮށްލިތަނެވެ.
"އީޝަލް" އީޝަލްގެ ގާތަށް އައިސް އޭނާގެ ބޮލުގައި ބޯޖައްސާލަމުން ލުގަލްބަންދާ ގޮވާލިއެވެ. އީޝަލްގެ ޢަމަލުތައް ހުރި ގޮތުން އޭނާގެ ހިތުގައި ރައުލްއަށް ދެވިފައިވާ މަޤާމު ދެނެގަންނަން ލުގަލްބަންދާއަށް އުނދަގުލެއްނުވިއެވެ. އޭނާ ދޫކޮށްލި ފިނިނޭވާގެ ހޫނުކަން އީޝަލްގެ ކޯތާފަތަށް އެޅުނެވެ.
"އީޝަލް... ދެން ނުރޮއެ... އީޝަލްއަށް ރައުލް ކަމުދާނަމަ އަހަރެންނަށް އެކަމުގައި ކުރެވޭނެކަމެއްނެތް، މިހާރު މިހުރީ ނުރުހިފައެއްވެސް ނޫން... ރައުލްއަކީ ރަނގަޅު ޖިންނިއެކޭ އީޝަލް ބުނާނަމަ އަހަރެން އެކަން ޤަބޫލުކޮށްފިން، ދެން ނުރޮއެ އީޝަލް، މީކާޢިލްއަށް ވަގުތު ދީ، އެއީ އީޝަލްގެ ބައްޕައެއްނު، އެހެންވީމަ އީޝަލްގެ އުފަލާމެދު އެ ބައްޕަ ވިސްނާނެ އެހެން އެއްވެސް މީހަކަށްވުރެ ބޮޑަށް... އަހަރެން އީޝަލްއަށް އިތުބާރުކުރަން، ރައުލްއާ ގުޅެން ތިހާ ބޭނުންވާނަމަ އެކަމާ.... އެކަމާ ވެސް... ރުހިއްޖައީން... އެކަމަކު... އީޝަލް، އަހަންނަށް މީކާޢިލްއާއި ޒިޔަޒެލްގެ ނުރުހުމުގައި ރައުލް މިތަނަކަށް ގެނެސްނުދެވޭނެ" ލުގަލްބަންދާ އެއްބަސްވަމުންދިޔައިރު އެކަމާ އޭނާގެ ހިތުގައި ރިހެމުންދިޔައެވެ.
"ލުގަލް... އަހަރެންނަށް އެންމެކަމެއްކޮށްދީ..." މޫނުން ދެއަތް ނަގައި ރޮވިފައިވާ އަޑުން އީޝަލް ވާހަކަދެއްކިއެވެ. އަދި ނިކަން އަވަސްއަވަހަށް ދެލޮލާއި ކޯތާފަތް ފުހެލިއެވެ. އެހެންވިޔަސް އެ ދެ ލޯ ފެންކަޅިވަމުންދިޔައެވެ. ލުގަލްބަންދާ ދުރަށް ޖެހިލައި އީޝަލްއަށް ބަލަން އިނީ އެއީ ކޮންކަމެއްހޭ އަހާ ފަދައިންނެވެ.
"އަހަރެމެން ދިޔައީމަ އެކަމުގެ ޚަބަރު ރައުލްއަށް ގެންގޮސްދީ، އޭނާ ނޭނގުމެއްގެ ތެރޭގައި ހުރެ އަހަންނާ ވަކިވެގެން ދާކަށް ބޭނުމެއްނޫން، ލުގަލް... އާދޭސްކޮއްފައި މިބުނީ، ލުގަލް އަހަންނާ ތި ވާހަކަދައްކާ ގޮތަށް ރައުލްއާ ވެސް ވާހަކަދެއްކޭނެއެއްނު، ދެން ދުވަހަކުވެސް ނުބުނާނަން ކަމަކު" ލުގަލްބަންދާގެ ބޮޑު ބޮލުގައި އީޝަލްގެ ދެއަތުން ހިފަހައްޓާލިއެވެ. ބޯޖަހާލަމުން ލުގަލްބަންދާ އެއްބަސްވީ މަޖުބޫރުވެގެން ކަހަލަ ގޮތަކަށެވެ.
* * * * *
އިރުގެ އަލިކަން ދުނިޔެ މައްޗަށް ފާޅުވެލިއިރު މީކާޢިލްއާއި ޒިޔަޒެލްއާއެކު ބަލްޤިސްގެ ގާތަށް ދިއުމަށް ޓަކައި އީޝަލްއާއި މިޒަރެން ދަތުރުކުރިއެވެ. ދާދި ކުޑަހިނދުކޮޅެއްގެ ތެރޭގައި އުތުރުގެ ބޮޑު ދިގު ރަށެއްގެ މަލަމަތި ފެނުނެވެ. އިންސިއެއްގެ ހިލަމެއްނުވާ އެ ބޮޑު ރަށަށް ތިރިކުރަންވީއިރު ބޮޑެތި ބިޔަ ބަޔަކު އަތިރިމަތީންނާއި ބޯ ގަސްތަކުގެ ތެރެއިން އީޝަލް ދުށްޓެވެ. އެ މީހުންގެ މޫނުގައިވަނީ ހަރުކަށިކަމެވެ. އަތުގައި ދިގު ލޮންސިއަކާއި ކަމަރުގައި ދެމިޔައެޅި ކަނޑިއެއް އޮތެވެ. ބޮލުގައިވާ ފަގުޑީގެ ބައެއް ފަހަތަށް އެލިފައި އޮތެވެ. ހީވާގޮތުން އެއީ ރަށް ބަލަހައްޓައި ސިފައިންނެވެ. އެމީހުންގެ ތެރެއިން ހަތަރު މީހަކު ފަސްގަނޑު ދޫކޮށް މައްޗަށް އެރުމާއެކު އެ މީހުންގެ ވަރަތައް ހުޅުވާލިތަން އީޝަލް ދުށްޓެވެ. ދެން ފެނުނީ މީކާޢިލްގެ ކުރިމައްޗަށް އަރައި ކުރުނީސްކޮށް ސަލާމް ގޮވާލިތަނެވެ. އެ މީހުން ޒިޔަޒެލްއަށް ވެސް އެފަދައިން ކަންތައްކުރިއެވެ. އަދި އެ މީހުން ތިބީ މީކާޢިލްގެ އިންތިޒާރުގައި ކަމާއި މީކާޢިލްއާއި ޢާއިލާ ގަނޑުވަރާ ހަމައަށް ގެންގޮސްދިނުމުގެ ޒިންމާ އުފުލާނީ އެ މީހުން ކަމުގައި ބުންޏެވެ.
"މިޒަރެން އައީންތަ ކުރިން" އީޝަލް ސިއްރުން އަހާލިއެވެ. އެއާއެކު މިޒަރެން ބޯހޫރާލީއެވެ. އެހާ މަތިން ވެސް ރަށުތެރޭގައި ބޮޑުކަމެއް ހިނގާކަމުގެ ހިލަންވަމުންދިޔައެވެ.
"ބަލްޤިސްގެ ފުރިހަމަކަން މިއަދު ފެންނާނެ" މިޒަރެން ހިނިތުންވެލަމުން އީޝަލްއަށް ބުނެލިއެވެ. އެހެންނަމަވެސް އެ އަޑުގައި ހަޤީޤީ އުފާވެރިކަމެއް އެކުލެވިފައިނުވެއެވެ.
ރަށުތެރެއަށް ނުފޭބި ނަމަވެސް ފަސްގަނޑުގައި ތިބި ޖިންނީން ސަލާމް ގޮވައި އުފާވެރިކަން ފާޅުކުރާތަން ފެނި އީޝަލް ހައިރާންވިއެވެ. އޭނާގެ ބައްޕައަށް އެ މީހުން ކުރާ ޤަދަރު މި ފެންނަނީ އަދިކިރިޔާއެވެ. ޒިޔަޒެލްއަށްވުރެ ހުރިހާ ޖިންނީންގެ ސަމާލުކަން މީކާޢިލްއަށް ހުއްޓިފައި ވެއެވެ. ރަށް މަތިން އައިސް ތިރިކުރީ ބޮޑު ދޮރޯށްޓެއްގެ ކުރިމައްޗަށެވެ. ހިލާގައި ރިއްސާއި ލޮއިން އަތްކަން ކޮށްފައިވާ ބޮޑު ދޮރޯށްޓެކެވެ. ދޮރޯށީގެ ދެފަރާތުގައި ދެ ފާރަވެރީން ތިއްބެވެ. އީޝަލްމެން ގޮވައިގެން އައި ހަތަރު ބަދަވީންގެ ހެދުން އެޅުމާއި އެ މީހުން ތިބި ގޮތް ތަފާތެވެ. ވަށާފާރުގެ މަތިން ފެންނަ ގޮތަށް ބުރުޒުތައް ހުރިއިރު އެއިން ކޮންމެ ތަނެއްގައި ދެތިން ހަތަރު ޖިންނީން ފޯރި މަރަމުންދިޔައެވެ. ޝޯޙުވެ ހުރެ އެކި ދިމާއަށް އީޝަލްގެ ލޯ ހިންގަމުންދިޔައެވެ. ފާރަވެރިން ކުރުނީސްކޮށް ސަލާމް ކުރިއެވެ. އަދި ނިކަން އަވަހަށް ދޮރޯށްޓަށް ބަލާލަމުން ދޮރޯށި ހުޅުވަން ހަރު އަޑުން ގޮވާލިއެވެ. އެއާއެކު އެ ބޮޑު ދޮރޯށީ ދެފަރާތަށް ހުޅުވިގެންދިޔަތަން އީޝަލް ދުށްޓެވެ. މިއިން އެއްވެސް ކަމަކީ އީޝަލް މީގެ ކުރީން ދުށް ކަންތައްތަކެއްނޫނެވެ. ރަސްކަމުގެ ޝާހީކަން ވާރުތަވެފައިވާކަން އެނގުނެއްކަމަކު އެއީ ކިހާ ވަރެއްގެ ކަމެއްކަން ވިސްނައިގަންނަން ވެސް އީޝަލްއަށް ނޭނގެނީއެވެ. އޭނާ ބޮޑުވީ ވަރަށް އާދައިގެ ދިރިއުޅުމެއްގެ ތެރޭގައެވެ. ބަލްޤިސްއާއި ބަހީރާ ފެނުނެއްކަމަކު އެ މީހުން އެ އަންނަނީ މިފަދަ މާޙައުލަކުންކަމެއް އެއްވެސް ވަރަކަށް އީޝަލް ހިތަކަށް ނާރައެވެ. ގަނޑުވަރު ތެރޭގައި ކަންތައްތައް ހުންނަ ގޮތުގެ އެއްވެސް ވާހަކައެއް އެ މީހުން ނުދައްކައެވެ. އެހެންނަމަވެސް އީޝަލްއަށް އެ މީހުން ގެނެސްދޭ ހަދިޔާތަކަކީ އާދައިގެ ޖިންނިއެއްގެ ދިރިއުޅުމުން ފެނިދާނޭ ކަންކަން ނޫންކަން އެނގެއެވެ. އެ ތަފާތުކަމަށް އީޝަލްގެ ސަމާލުކަން ނުދެވުނީ އެއީ އާދައިގެ ކަންކަންކަމުގައި ހީވެފައި އޮތީމައެވެ.
ބޮޑު މަގަކުން ލާފައި އެތެރެއަށް އައިއިރު މަތީގައި ހުރެ އުސް ފާރުތަކުގައިވާ ތަނބުތަކުގެ ތެރެއިން މީހަކު ބަލަން ހުރި ކަން ފާހަގަވެ އީޝަލް އިސްއުފުލާލިއެވެ. ހޯދަނިކޮށް ތަނބަކާ ނިވާވެލައިގެން ބަލަން ހުރި ފިރިހެނަކު އީޝަލްގެ ލޮލުގައި އަޅައިގަތެވެ. ސިއްރުން ބަލާތީ އެއީ ކާކުތޯ އެނގެން އީޝަލް ބޭނުންވިއެވެ.
(ނުނިމޭ)