ދިވެހި ސިނަމާ

ފިލްމީ ދާއިރާގެ ފަންނާނުންގެ ފޯރަމް އެއް ބާއްވަނީ

ދިވެހި ފިލްމީ ދާއިރާގެ ފަންނާނުންގެ ހިޔާލު ހޯދުމުގެ ފޯރަމް އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް ސެންޓާ ފޮ ދި އާރޓްސް (އެންސީއޭ) އިން ބުނެފި އެވެ.

ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ ފޯރަމް ބާއްވަނީ އެ ދާއިރާ އިތުރަށް ތަރައްގީކޮށް ކުރިއަރުވަން ބޭނުންވާ ހިޔާލު ހޯދާށެވެ. މި ދާއިރާގައި ހަރަކާތްތެރިވާ ފަންނާނުންގެ ހިޔާލު ހޯދުމަށް، އެކްޓަރުނާއި ޕްރޮޑިއުސަރުން އަދި ޑައިރެކްޓަރުންނަށް ވަނީ ފޯރަމް ގައި ބައިވެރި ވުމަށް ދައުވަތު ދެވިފަ އެވެ. އަދި، އެޑިޓަރުން، ސްކްރިޕްޓް ލިޔުންތެރިން، ސިނެމެޓޮގްރަފަރުންނާއި ކޮރެއޮގްރަފަރުން، ނެށުންތެރިން އަދި މޭކަޕް އާޓިސްޓުންނަށް ވެސް ވަނީ ދައުވަތު ދެވިފަ އެވެ.

މި ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހަފްތާގެ ރޭގަނޑު 08:45 ގައި އޮލިޕްޕަހުގައި ކަމަށް އެންސީއޭއިން ކުރި ޓްވީޓުގައި ބުނެ އެވެ.

އެންސީއޭއިން މި ހަފްތާގައި ވަނީ މިއުޒިކީ ފަންނާނުންގެ ފޯރަމް އެއް ބާއްވާ އެ ދާއިރާގެ ފަންނާނުންގެ ހިޔާލުވެސް ހޯދާފަ އެެވެ. އަދި އެ ފޯރަމްއަށް ފަހު، މިއުޒިކީ ދާއިރާގައި ހުރި ގޮންޖެހުންތައް ހައްލުކޮށްދެއްވާނެ ކަމަށް މިނިސްޓަރު ދުންޔާ ވަނީ ވިދާޅުވެފަ އެވެ.

އެންސީއޭ މިހާރު އޮންނަނީ އަލަށް އުފެއްދި، މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްގެ ދަށުގަ އެވެ.