ރިޕޯޓް

އޮންލައިން އަވަހަށް ރަޖިސްޓްރީ ކުރޭ، ނޫނީ ޖޫރިމަނާ ވާނެ!

Dec 29, 2014
1

މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން މީރާއިން ވަނީ ރާއްޖޭގެ އޮންލައިން ވިޔަފާރިތައް ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފަ އެވެ.

"އޮންލައިންކޮށް ވިޔަފާރި ކުރިއަސް ރަޖިސްޓްރީ ކުރަން ޖެހޭ. މީގެން ލިބޭނެ ސީދާ ފައިދާއެއް ނެތް ނަމަވެސް ރަޖިސްޓްރީ ކުރި ފަރާތްތައް ބަލާއިރު ރަޖިސްޓްރީ ނުކޮށް ހުރެއްޖެނަމަ ޖޫރިމަނާ އެއް ދައްކަން ޖެހޭނެ،" މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑިރެކްޓަރު ޖެނެރަލް އޮޑިޓް އެންޑް އިންވެސްޓިގޭޝަން ފަތުހުﷲ ޖަލީލު ވިދާޅުވި އެވެ.

ރާއްޖޭގައި އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތަކަށް ބަލާއިރު ގިނައީ "މަޖަލަކަށް" ވިޔަފާރިކުރާ މީހުންނެވެ. ނަމަވެސް މި މަސައްކަތުން ރަނގަޅު އާމްދަނީއެއް ހޯދާ ފަރާތްތައްވެސް ގިނަ އެވެ. ބޭރުގެ ބޮޑެތި ވެބްސައިޓްތަކުން މުދާ ގެނެސްގެން ކުރާ މި ވިޔަފާރިން ރަނގަޅު އާމްދަނީއެއްވެސް ހޯދަ އެވެ. ނަމަވެސް މިފަދަ ވިޔަފާރިތައް ރާއްޖޭގައި ރަޖިސްޓްރީކުރެވިފައި ނެތުމުން ދައުލަތުން ހޯދަން ޖެހޭ ބައެއް ހިސާބުތައް ހޯދުމުގައި ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ.

މީރާ އިން ވަނީ މިގޮތަށް އޮންލައިން މެދުވެރިކޮށް ވިޔަފާރިކުރާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާލާފަ އެވެ. އަންނަ މަހުގެ 31 ގެ ކުރިން ރަޖިސްޓްރީ ނުކުރާ ފަރާތްތައް ޖޫރިމަނާ ކުރަން ފަށާނެ އެވެ.

އޮންލައިން ވިޔަފާރ ކުރުމާ ގުޅޭ ގޮތުން މީރާއިން ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން މީރާގައި ރަޖިސްޓްރީ ކުރުމެއް ނެތި، ވެބްސައިޓްތަކާއި ފޭސްބުކް ނުވަތަ މި ނޫންވެސް އޮންލައިން ވަސީލަތްތައް މެދުވެރިކޮށް ބައެއް ކުންފުނިތަކާއި އަމިއްލަ ފަރުދުން ވިޔަފާރިކުރާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

"ކުންފުނިތަކާއި ޕާޓްނާޝިޕްތަކުގެ އިތުރުން، ވިޔަފާރީގެ އާމްދަނީގެ ގޮތުގައި އަހަރެއްގެ ތެރޭގައި އެވްރެޖުކޮށް މަހަކު 20000ރ. އަށްވުރެ އިތުރަށް ލިބޭ އަމިއްލަ ފަރުދުން މި އޮތޯރިޓީގައި ރަޖިސްޓްރީ ނުކޮށް ވިޔަފާރި ކުރުމާއި އަދި ވިޔަފާރީގެ އާމްދަނީގެ ގޮތުގައި އެ ފަރާތަކަށް އެވްރެޖުކޮށް މަހަކު އެއް މިލިއަން ނުވަތަ އެއަށްވުރެ އިތުރު އާމްދަނީއެއް ލިބޭ ނުވަތަ ލިބޭނެ ކަމަށް ލަފާކުރެވޭ ފަރާތްތަކާއި އެ ފަރާތުގެ ނަމުގައި އިމްޕޯޓު ކުރުމުގެ ލައިސަންސް ނަގާފައިވާ ފަރާތްތަކުން ޖީއެސްޓީއަށް ރަޖިސްޓްރީނުކޮށް ވިޔަފާރި ކުރުމަކީ ގާނޫނީ ކުށެކެވެ،" މީރާއިން ބުންޏެވެ.

އޮންލައިންކޮށް ވިޔަފާރިކުރާ ފަރާތްތައް ރަޖިސްޓްރީ ކުރުމަށް ވަކި ފީއެއް ދައްކާކަށް ނުޖެހެ އެވެ. މިއީ ހިލޭ ކުރެވިދާނެ ކަމެކެވެ. މިކަމަށް ބޭނުންވާ ފޯމު މީރާގެ ވެބްސައިޓުން ވެސް ޑައުންލޯޑް ކުރެވިދާނެ އެވެ. މިގޮތަށް ރަޖިސްޓްރީ ކުރުމަށް ނަގަން ޖެހެނީ "101" ފޯމެވެ.

"ވިޔަފާރިކުރަމުން އަންނަ ނަމަ އެތަނެއްގެ ނަމާއެކު އެ ފޯމު ފުރާލުމުން ނިމުނީ. މީގެ ސަބަބުން އެ ފަރާތެއް ސަރުކާރުގެ ރެކޯޑަށް ދާނެ،" ފަތުހުﷲ ވިދާޅުވި އެވެ.

އޮންލައިން ވިޔަފާރިތަކަކީ ކުޑަ ބަޖެޓަކުން ކުރާ ވިޔަފާރިއެކެވެ. އެހެންކަމުން މި ވިޔަފާރިން އެންމެ ލާރިއެއް ޖޫރިމަނާއެއް ދައްކަން ޖެހުނު ނަމަވެސް އެއީ ބޮޑު ގެއްލުމެވެ. މިފަހަރު މީރާއިން ރަޖިސްޓްރީ ކުރުމަށް ހުޅުވާލި މުއްދަތު ހަމަވުމުން ޖޫރިމަނާ ކުރަން ފަށާނެ އެވެ. ޖެނުއަރީ 31 ގެ ފަހުން ކޮންމެ ދުވަހަކު ޖޫރިމަނާގެ ގޮތުގައި 50ރ. ދައްކަން ޖެހެ އެވެ. މިގޮތަށް 5،000ރ. އާ ހަމައަށް 50ރ. ގެ ޖޫރިމަނާއެއް ނަގާނެ އެވެ.

އޮންލައިން ވިޔަފާރިއަކީ ފައިދާހުރި ކަމެކެވެ. ނަމަވެސް މި ވިޔަފާރި ރަޖިސްޓްރީކޮށްގެން ކުރުމަކީ މުހިންމު ކަމެކެވެ.