ހަބަރު

އަދީބާމެދު ގޯސްކޮށް އަމަލު ކުރާތަނެއް ނުފެނޭ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާމެދު ސަރުކާރުން ގާނޫނާ ހިލާފަށް އަމަލު ކުރާ ތަން ފެނިވަޑައި ނުގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އަދީބުގެ އާއިލާ އާއި އޭނާ ނިސްބަތްވާ ޕާޓީ، އެމްޓީޑީއިން ގެންދަނީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދީބާމެދު އަނިޔާވެރިވާ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އަދި ޑޮކްޓަރުގެ ލަފަޔާ ހިލާފަށް އޭނާއާމެދު އަމަލު ކުރަމުން އަންނަ ކަމަށް އަދީބުގެ ވަކީލުން ވެސް ވިދާޅުވެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލު ކުރުމުން ރައީސް ސޯލިހު ވިދާޅުވީ އަދީބުގެ މައްސަލަގައި އާއިލާއިން ސީދާ އެމަނިކުފާނަށް ވެސް ސިޓީ ހުށަހަޅައި ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން އެކަން އިތުރަށް ބައްލަވަމުން ގެންދަވާ ކަމަށެވެ. އަދި ވިދާޅުވީ މިހާތަނަށް އެއްވެސް މުއައްސަސާއަކުން އަދީބާ މެދު ގާނޫނާ ހިލާފަށް އަމަލު ކޮށްފައި އޮތް ކަމެއް ފާހަގަ ނުކުރެއްވޭ ކަމަށެވެ.

"މިހާތަނަކަށް ބެލިބެލުމުން ހޯމް މިނިސްޓްރީ އިން ވެސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވެސް އަދީބާ މެދު އަމަލު ކުރަމުން ގެންދެވީ ގާނުނުތަކާއި ގަވައިދުތަކާ އެއްގޮތަށް، އޭގައި މައްސަލައެއް އޮތް ކަމަކަށް އަޅުގަނޑަކަށް ފާހަގަ ކުރެވިފައެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް މިހެން ވިދާޅުވުމުން އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ވާހަކަފުޅު ދެއްކެވީ މިނިސްޓަރު އިމްރާން ދެއްވާފައިވާ ގޯސް މައުލޫމާތުތަކެއްގެ މައްޗައް ބިނާ ކުރައްވައިގެން ކަމަށެވެ. އަދި އަދީބުގެ ބޭސްފަރުވާގެ މައްސަލާގައި ހޯމް މިނިސްޓްރީން ހެދި ގޯސްތައް ހިއްސާ ކުރަން ފުރުސަތު ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް ނަޝްވާ ވިދާޅުވެފައި ވެއެވެ.

ހޮސްޕިޓަލުގައި ގިނަ ދުވަހު އޮންނެވުމަށް ފަހު އަދީބު މިހާރު އަލުން ވަނީ މާފުށީ ޖަލަށް ބަދަލުކޮށްފަ އެވެ. އޭނާ ހުންނަވަނީ ހާއްސަ އިނާޔަތްތަކެއް ލިބިދޭ، ދައުލަތުގެ އިސް މަގާމްތައް ފުރުއްވި ބޭފުޅުން ބަަހަައްޓާ ޖަލުގަ އެވެ.