ސާވޭކުރާ ކުންފުންޏެއް ކަމަށްވާ، ވޯޓާ ސޮލިއުޝަންއިން މާލޭ ހުކުރު މިސްކިތުގެ ހަރިންމާ ހިމެނޭ ސަރަހައްދު އެންމެ ފަހުގެ ލޭޒާ ޓެކްނެލޮޖީ ބޭނުންކޮށްގެން ހަދާފައިވާ ދިރާސާ ވީޑިއޯ ޑޮކިއުމެންޓްރީ ހެރިޓޭޖް މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.
މި މަސައްކަތަކީ ރާއްޖޭހެ މުހިންމު އާސާރީ ތަންތަނުގެ މައުލޫމާތު ގިނަ ދުވަހަށް ރައްކާތެރިކޮށް ބެހެއްޓުމުގެ ގޮތުން 2018 ވަނަ އަހަރު ހެރިޓޭޖް މިނިސްޓްރީ އާއި ވޯޓޯ ސޮލިއުޝަން އާދެމެދު ވީ އެއްބަސްވުމެއްގެ ދަށުން ކުރި މަސައްކަތަކެވެ. ވޯޓާ ސޮލިއުޝަންއިން ކުރި މި މަސައްކަތަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ތައުރީފު ކުރައްވާ ވިދާޅުވީ، މިމަސައްކަތަކީ ތަރިކަށް ރައްކާތެރިކުރުމުގެ ދާއިރާއަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށެވެ.
މިނިސްޓްރީން ބުނީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ލޭޒާ މި ޑޮކިއުމެންޓްރީގައި ލަކުޑިން ހަދާފައިވާ ބައިތަކުގެ ހަލާކުވެފައިވާ ތަންތަނާއި މަރާމާތު ކުރަން ބޭނުންވާ ތަންތަން މިހާރު ވަނީ އަސްލު ހުރިގޮތަށް ޑިޖިޓަލްކޮށް ރާއްކާކޮށްފައި ކަމަށެވެ. މިކަމުގެ ސަބަބުން ހުކުރު މިސްކިތް ދިރާސާ ކުރުމަށް ބޭނުންވާ ފަރާތްތަކަށް މިސްކިތާބެހޭ އާސާރީ މައުލޫމާތު ފަސޭހަކަމާއެކު ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި މިސްކިތުގައި ހިރިގަލުން ހަދާފައިވާ ތަންތަނުގެ ލިޔެ ކިޔުންތަކާއި ކެނޑުންތަކާއި އެހެނިހެން މައުލޫމާތުވެސް ވަނީ ޑިޖިޓަލްކޮށް ރައްކާކޮށްފައި ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ލޭޒާ ޓެކްނޮލޮޖީއަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް އާސާރީ ތަންތަން ދިރާސާކުރުމަށް ބޭނުންކުރާ ޓެކްނޮލޮޖީއެކެވެ. ލޭޒާ ސްކޭނިން ބޭނުންކޮށްގެން ދިރާސާ ކުރާއިރު ސާވޭ ޑާޓާ ކެޑް ނުވަތަ ބިންމް ފަދަ ސޮފްޓްވެއާތަކުގައި ބޭނުންކުރޭވޭ ކަހަލަ ފައިލްތަކެއް ތައްޔާރުކޮށްދެ އެވެ. މިހެންކަމުން ލޭޒާ ސާވޭގެ ސަބަބުން ސާވޭ ކުރެވޭ ތަނުގެ އަސްލު ސިފަ ދެނެވިގެންދާނެ އެވެ.
މިއީ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމަށް ހިރިގަލުން ތައްޔާރުކޮށްފައިވާ މިސްކިތްތަށް ދިރާސާ ކުރާ މިހުނަށް މައުލޫމާތު ލިބިގެންދާނެ ކަމެއް ކަމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ ބުނެފަ އެވެ.