ވިޔަފާރި

ޓީޓީއެމްގެ ޕާޓްނަރަކަށް ފުރަތަމަ ފަހަރަށް ޓޫރިޒަމް މިިނިސްޓްރީ

Jan 25, 2019

ރާއްޖޭގައި ބާއްވާ ޓޫރިޒަމް ފެއާއެއް ކަމަށްވާ ޓްރެވަލް ޓްރޭޑް މޯލްޑިވްސް (ޓީޓީއެމް) ގެ އޮފިޝަލް ޕާޓްނަރަކަށް ޓޫރިޒަމް މިނިސްޓްރީ ހަމަޖައްސައިފި އެވެ.

ޓޫރިޒަމް ޕްރޮމޯޓް ކުރަން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެއް ފެއާ، ޓީޓީއެމްގެ ޕާޓްނަރެއްގެ ގޮތުގައި ޓޫރިޒަމް މިނިސްޓްރީން ހަމަޖެއްސީ ބުރާސްފަތި ދުވަހު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. މި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދެވެ.

ޓީޓީއެމްގެ މި އަހަރުގެ ފެއާ ބާއްވަން ތައްޔާރުވަމުން ގެންދަނީ އެޕްރީލް މަހުގެ 20 އިން 22 އަށެވެ. މި އަހަރުގެ ފެއާގައި ވެސް ރާއްޖެއަށް ޓޫރިސްޓުން އަންނަ 30 ގައުމަކުން 200 ޓްރެވަލް އެޖެންޓުން ބައިވެރިވާނެ އެވެ.

ޓީޓީއެމް ފެއާ ބާއްވަނީ 2020 އަންނަންވާއިރަށް ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ދެ މިލިއަންއަށް އިތުރު ކޮށް ޓޫރިޒަމުން ލިބޭ އާމްދަނީ 3.5 މިލިއަން ޑޮލަރަށް ޖެއްސުމެވެ.