ހަބަރު

"ރައީސް ބޭނުންވަނީ ގުޅިގެން ވާދަކުރަން"

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަންނަވަނީ ރައްޔިތުން މަޖިލީހުގައި ގުޅިގެން ވާދަ ކުރަން ޕާޓީތަކުން ވެފައިވާ އެއްބަސްވުން ދަމަހައްޓަވަން ކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

"އަވަސް ހުކުރު" ގައި ވާހަކަފުޅު ދައްކަވަމުން އިމްރާން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިން ހަތަރު ލީޑަރުންނާއި ޕާޓީތަކުގެ މެދުގައި ވެފައި އޮތް ސާފު އެއްބަސްވުމެއް އޮންނާނެ ކަމަށާއި އޭގައި ސަރުކާރާއި ރައްޔިތުންގެ މަޖިލީހާއި އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ގުޅިގެން މަސައްކަތް ކުރާނެ ގޮތަކާ މެދު އެއްބަސްވެފައިވާ ކަމަށެވެ. އަދި އެއްބަސްވުމެއް ވެފައިވާ ނަމަ އެ އެއްބަސްވުމެއް ދެމެހެއްޓުމަކީ ދީނުގައި ވެސް އޮންނަ މުހިންމު އަސާސެއް ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ އެމަނިކުފާނު އުފާ ކުރައްވާ ކަމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ އެއްބަސްވުން ދަމަހައްޓަވަން ބޭނުންފުޅުވާތީ ކަމަށެވެ. އެގޮތުން އެންމެ ފަހުން ލީޑަރުން ބޭއްވި ބައްދަލުވުމުގައި ވެސް އެއްބަސްވުން ދަމަހައްޓަން ބޭނުންފުޅުވާ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑު ވަރަށް އުފާ ކުރަން، އެންމެ ފަހުން ރައިސް ސޯލިހުއާ ބައްދަލުވި ދުވަހު ވެސް ވިދާޅުވި އެމަނިކުފާނު އޮތީ އަޅުގަނޑުމެންނާއެކު އެއްބަސްވުމަކަށް އައިސްފައޭ، އެ އެއްބަސްވުން ދަމަހައްޓަވަން އެމަނިކުފާނު ބޭނުންފުުޅުވާ ކަމަށް. އެ އެއްބަސްވުމުގެ އެއް ފަރާތް ރައީސް ސޯލިހަކީ، އެކަމަކު އެމަނިކުފާނު ބޭނުންފުޅުވި ކަމުގައިވިޔަސް އެހެން ބޭފުޅުން އެގޮތަށް ކުރިޔަށް ވަޑައި ނުގެންފި ނަމަ އެމަނިކުފާނު އެކަންޏެއް އެކަމެއް ނުކުރެއްވޭނެ،"

ޕާޓީތަކުގެ ތެރޭގައި މިހާރު ކަން ހިނގަމުން ދަނީ އެންމެ ރަނގަޅަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އިމްރާން ވިދާޅުވި އެވެ. ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ޕާޓީތަކުން ވަކިވަކި ވާދަ ކުރަން މަސައްކަތް ކުރާއިރު އެއާ ހިލާފަށް ލީޑަރުން އެއްބަސްވުމަށް އިހުތިރާމްކޮށް އެއާ އެއްގޮތަށް ދިޔުމަށް ބާރު އަޅައި މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް [އަދާލަތަށް] ޑިމާންޑު އެބަހުރި ފަނަރަ ވިއްސަކަށް ބޭފުުޅުން [އިންތިހާބަށް] ނެރެލަން. އެކަމަކު އެއްބަސްވެފައި އޮތް އެއްބަސްވުމަށް ބަލާއިރު އަޅުގަނޑުމެންނަށް ލިބިފައި އޮތީ 13 ދާއިރާއަށް ވާތީ އަޅުގަނޑުމެން އެންމެ ދާއިރާއެއް ވެސް އިތުރަށް ޖައްސާ ނުލަން ވެގެން ހިފަހައްޓާލައިގެން މި ތިބީ،" އިމްރާން ވިދާޅުވި އެވެ.

ކޯލިޝަން ސަރުކާރެއް ކާމިޔާބު ކުރުމުގައި ރާއްޖޭގެ ތަޖުރިބާ އަނެއްކާ ވެސް ހިތި ގޮތަކަށް ނިމޭކަށް ރައްޔިތުން ބޭނުން ނުވާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

ކޯލީޝަންގެ ތެރޭގައި ނުތަނަވަސްކަމާއި އުނދަގޫ ވިސްނުންތަކެއް އެބަހުރި ކަަމަށާއި ނަމަވެސް ކޯލިޝަން ރޫޅިއްޖެ ނަމަ އެއިން ލިބޭނެ ދެރަ މާ ބޮޑުވާނެ ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ. އެހެންކަމުން ކޯލިޝަން ދަމަހައްޓަން ލީޑަރުން މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަށާއި އަދިވެސް ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑުމެން އާއިލާތަކުގެ ތެރޭގައި ވެސް މައްސަލަތަކެއް ޖެހޭ ނޫންތޯ، ދޭތެރެއަކުން ހަމަ ބައެއް ފަހަރަށް އާއިލާތައް ރޫޅޭ ހިސާބަށް ވެސް ދޭ ނޫންތޯ. އެކަމަކު ވަކި ކަހަލަ އުސޫލެއް ހަމައެއް ލޯތްބެއް އޮތީއާ އިއާދަވެގެންދޭ، އަޅުގަނޑު ފެންނަން ބޭނުން ވަނީ އަދި ފެންނާނެ ކަމަށް އުންމީދު ކުރަނީ ވެސް އެ މަންޒަރު،" އިމްރާން ވިދާޅުވި އެވެ. "އަޅުގަނޑުމެން އުންމީދު ކުރަނީ އިރާދަކުރެއްވީއާ މިހެން ތަންކޮޅެއް ކުރަކި ވެލާފައި ވެސް ފަސޭހަ ހިސާބަކަށް އާދެވޭނެ ކަމަށް،"

ރައީސް ސޯލިހު އިއްޔެ ދެއްވި އިންޓަވިއުއެއްގައި ވެސް ވަނީ ޕާޓީތަކުން އެއްބަސްވުމެއް އެކުލަވާލި ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ހުރިހާ ލީޑަރުން ސޮއި ނުކުރައްވާތީ ހުރިހާ ކަމަކާ އެއްބަސް ނުވެވޭ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައްޔިތުން މަޖިލީހަށް ވާދަ ކުރުމަށް ކުރިން އެއްބަސްވެފައި ވަނީ ޕާޓީތަކުން ގުޅިގެންނެވެ. އެގޮތުން މަޖިލިސް އިންތިހާބުގައި އެމްޑީޕީ 35 ދާއިރާއަށް އަދި ޖުމްހޫރީ ޕާޓީ ވާދަ ކުރާނީ 22 ދާއިރާއަށް ވާދަ ކުރަން ވަނީ ނިންމައިފަ އެވެ. އޭގެ އިތުރުން އަދާލަތު ޕާޓީއަށް 13 ދާއިރާއަށް ވާދަ ކުރަން އެއްބަސްވެފައިވާ އިރު ރައީސް މައުމޫންއަށް ލިބިވަޑައިގަތީ 17 ދާއިރާ އެވެ. ނަމަވެސް އެމްޑީޕީ އިން ނިންމީ އެއާ ހިލާފަށް ހުރިހާ ދާއިރާއަކަށް ވާދަ ކުރުމަށެވެ.