މަޖިލިސް އިންތިހާބު 2019

އަދާލަތު ޕާޓިއިން އަށް ދާއިރާއެއްގެ ޓިކެޓް ހަވާލުކޮށްފި

ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން މަޖިލިސް އިންތިހާބުގައި އަށް ދާއިރާއަކަށް ވާދަ ކުރަން ކެންޑިޑޭޓުންނަށް މިރޭ ޓިކެޓް ހަވާލުކޮށްފި އެވެ. ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކޮށްފައިވަނީ އަދާލަތު ޕާޓީގެ ލީޑަރު އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ.

ޓިކެޓް ހަވާލުކުރުމުގެ ގޮތުން މިރޭ އަދާލަތު ޕާޓީގެ އޮފިހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ، ޓިކެޓް ދީފައިވަނީ ވާދަކުރަން ނިންމި 13 ދާއިރާއިން އަށް ދާއިރާ އަށް ކަަމަށެވެ. އަދާލަތު ޕާޓީން މިރޭ ޓިކެޓް ދީފައިވާ ދާއިރާތަކަކީ ހއ. ކެލާ ދާއިރާ ހދ. މަކުނުދޫ ދާއިރާ ހދ. ވައިކަރަދޫ ދާއިރާ ރ. އިގުރައިދޫ ދާއިރާ ކ. ކާށިދޫ ދާއިރާ އަދ މަހިބަދޫ ދާއިރާ މ މުލަކު ދައިރާ އަދި ފ. ނިލަންދޫ ދާއިރާ އެވެ.

އިމްރާން ވިދާޅުވީ، އަދާލަތު ޕާޓީއިން މަސައްކަތް ކުރަންވާނީ މަޖިލިސް މެޖޯރިޓީ ބޮޑު އައުލަބިއްޔަތަކުން ސަރުކާރަށް ހޯދައި ދިނުމަށް ކަމަށެވެ. އޭނާ ވިދާޅުވީ ފާއިތުވި ހަތަރު ފަސްވަރަކަށް އަހަރު ދުވަހު އަދާލަތުން ޕާޓީން މަސައްކަތް ކޮށްފައިވަނީ ރާއްޖޭގައި އަދުލުވެރި ވެރިކަމެއް ގާއިމްކުރަން ކަމަށާއި މިއަދު މިވަނީ އަދާލާތު ޕާޓީގެ ވަރަށް ބޮޑު ގުރުބާނީ އަކާއެކު އަދުލުވެރި ވެރިކަމެއް ރާއްޖޭގައި ގާއިމް ކޮށްފައި ކަމަށެވެ.

"ﷲ ސުބުހާނަޙު ވަތައާލާގެ ރަހުމަތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއަށް، މިސަރުކާރަށް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ އައުލަބިއްޔަތު ލިބުމުގެ މަގު ތަނަވެސް ވެގެންދާނެ. އަޅުގަނޑުމެންގެ އެންމެންގެ މި މަސައްކަތް އަމާޒުކުރެވިފައި މިވަނީ އެދިމާއަށް،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު އިމްރާން ވިދާޅުވީ، އަދާލަތު ޕާޓިން މަޖިލިސް އަށް ކުރިމަތިލަނީ، ފާއިތުވި ދުވަސްތަކުގައި އަދާލަތު ޕާޓިން ކުރި ގިނަގުނަ މަސައްކަތާއި އެކި ފަރާތްތަކާ އެކު ކުރެވުނު މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން، ރައީސް ސޯލިހުގެ ސަރުކާރު ދަމަހަޓަން ކަމަށެވެ.

އެމްޑީޕީ އިން ވަނީ މަޖިލިސް އިންތިހާބުގައި އަދާލަތު ޕާޓީއާ އެކު ވާދަކުރަން މީގެ ކުރިން މަޝްވަރާކޮށްފަ އެވެ. އެހެން ނަމަވެސް އެއްބަސްވުމަކަށް ނާދެވެ އެވެ.

"މި ވެރިކަން ދެމެހެއްޓުމަށްޓަކާ ﷲގެ ރަހުމަތަކާއެކު ވާންޖެހުހުނު ކޮންމެ ގުރުބާނީއެއް އަދާލަތު ޕާޓީން މިދަނީ ވަމުން ރައްިޔުންގެ މަޖިލީހަށް އަޅޫގަނޑުމެން މި ކުރިމަތިލަނީވެސް މި ދެންނެވި މަތިވެރި މަގްސަދުގައި،" އިމްރާން ވިދާޅުވި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިންމައި ވެރިކަން ހޯދުމަށް އުފެއްދި ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓި އިންވެސް ވަނީ މަޖިލިސް އިންތިހާބުގައި 36 ދާއިރާއަކަށް ވާދަކުރަން ނިންމާފަ އެވެ. ކޯލިޝަންގެ ބައިވެރިއެއް ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުއް ގައްޔޫމް ވެސް ދަނީ ޕާޓީ އެއް އުފައްދައިގެން މަޖިލިސް އަށް ވާދަ ކުރުމުގެ މަސައްކަތް ކުރައްވަމުން އެވެ.