ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ބޭރު މަސް ބޯޓުތަކުގެ ހުއްދަ ދެން އަލެއް ނުކުރާނެ

ރާއްޖޭގައި މަސްވެރިކަން ކުރާ ބޭރުގެ މަސް ބޯޓުފަހަރުގެ ހުއްދަށް އާ ނުކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ހަވީރު، އައްޑޫ ސިޓީގެ މަސްވެރިންނާ ބައްދަލު ކުރައްވާ މިނިސްޓަރު ޒަހާ ވިދާޅުވީ، ބޭރު ގައުމުތަކުގެ މަސް ބޯޓު ތަކުން ރާއްޖޭގައި މަސްވެރިކަން ކުރުމަކީ، ރާއްޖޭގެ މަސްވެރިން އަބަދުވެސް ކުރާ ޝަކުވާއެއް ކަމަށެވެ.

އެ ބައްދަލުވުމުގައި ޒަހާ ވިދާޅުވީ، ބޭރުގެ ބޯޓުތައް ރާއްޖޭގައި މަސްވެރިކަން ކުރަން ދޫކޮށްފައިވާ ހުއްދަތައް މިއަހަރު މޭ މަހުގެ ނިޔަލަށް ހަމަވާނެ ކަމަށާއި އޭގެ ފަހަށް އެ ހުއްދަ އާ ނުކޮށްދޭން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުތަކުން ބޭރުގެ މަސް ބޯޓުފަހަރަށް މަސްވެރިކަން ކުރުމުގެ ހުއްދަށް ދިނުން ހުއްޓާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދެ ކެވެ.