ހަބަރު

މޫސުމީ ބަދަލުތަކަށްވުރެ ބޮޑު ނުރައްކަލެއް ނެތް: ފޮރިން މިނިސްޓަރު

Jan 26, 2019
2

މޫސުމަށް އަންނަ ބަދަލުތަކަށްވުރެ ބޮޑު ނުރައްކަލެއް ނެތް ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން ކުދި ޖަޒީރާ ގައުމުތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށެވެ. އެގޮތުން ރަށް ގިރުމާއި، ރަށްތަކުގެ ސަލާމަތަށް ހުރި ފަރުތަށް ހަލާކުވުމާއި، ފެން ލޮނުވުމުގެ އިތުރުން މަސްވެރިކަން ދަށްވަމުންދާކަަން ފާހަގަ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، އެކަންކަަން އެ މަގުން ހިނގާނަމަ ރާއްޖެ އެކީ ނެތިގެން ހިނގައިދާނެ ކަމަށެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، 2007 ވަނަ އަހަރު ސަލާމަތީ މަޖިލީހުގައި މޫސުމީ ބަދަލުތަކާ ގުޅިގެން ބޭއްވި ފުރަތަމަ ބަހުސްގައި ވެސް އެ ވާހަކަތައް ދެއްކެވި ކަމަށެވެ. އެހެން ނަމަވެސް އޭގެ 12 އަހަރު ފަހުން މިއަދު ވެސް ދައްކަން ޖެހިފައި އޮތީ ހަމަ އެއް ވާހަކަތަކެއް ކަމަށާއި، އެދުވަހުވެސް މޫސުމަށް އަންނަ ބަދަލުތަކަކީ ދިވެހިންނަށް އޮތް ބޮޑު ނުރައްކަލެއްކަން ފާހަގަ ކުރެއްވި ކަމަށެވެ.

އެގޮތުން ކަނޑުގެ ލޮނުގަނޑު 2 މީޓަރަށް އުސްވެއްޖެ ނަމަ ރާއްޖެ ފެނު އަޑިއަށް ހިނގައިދާނެ ކަމަށާއި، އެކަން ވާނީ ގައުމެއްގެ ނެތި ދިއުމަށްކަން މިިނިސްޓަރު ވަނީ ފާހަގަ ކުރައްވާފަ އެވެ. މޫސުމާއި ބެހޭ ކަންކަން ކުރާނީ އދ. ގެ ކޮން ފޯރަމަކުން ކަމެއް ކަނޑައެޅުމަށް މަސައްކަތް ކޮށްކޮށް ތިއްބާ، ކޯރުތަކުން ފެން ހުސްވަމުންދާ ކަމަށާއި، އޭގެ ސަބަބުން މިލިއަނުން މީހުން ފެނަށް ޖެހެމުންދާ ކަން މިނިސްޓަރު ޝާހިދު ވަނީ ފާހަގަ ކުރައްވާފަ އެވެ.

ޕެރިސް އެގްރީމަންޓް ތަންފީޒު ކުރުމުގެ މަސައްކަތް އަވަސްކޮށް އެކަމަށް ބޭނުންވާ އިންވެސްޓްމަންޓްތައް ހަމަޖެއްސުމަށް އެދޭކަމަށާއި، ރާއްޖެ ކަހަލަ ކުދި ޖަޒީރާ ގައުމުތަކަށް އެހެން ހުރިހާ ގައުމުތަކަކުން އެއްބަސްވަންދެން މަޑު ކުރުމަކީ އޮތް ހައްލެއް ނޫން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.