ހަބަރު

ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އިންޑިއާގެ ވެރިންނަށް ރައީސް ފޮނުއްވައިފި

Jan 26, 2019

އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އިންޑިޔާގެ ރައީސް ރާމް ނާތު ކޯވިންދަށާއި، ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ތަހުނިޔާ ވިދާޅުވެ މެސެޖް ފޮނުއްވައިފިއެވެ.

ރައީސް އެ ދެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައި، ދިވެހި ސަރުކާރާއި ރައްޔިތުންނާއި، އަދި ‏‏‏ރައީސްގެ އަމިއްލަ ނަންފުޅުގައި، އިންޑިޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

ރާއްޖެއާއި އިންޑިޔާއާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް ބައްލަވާލައްވަމުން ރައީސް ވަނީ އިންޑިއާއިން ރާއްޖޭގެ ތަރައްގީއަށްޓަކައި ކޮށްދެއްވާ އަގުހުރި މަސައްކަތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ކުރިއަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ އިގުތިސޯދީ، ސިޔާސީ އަދި ސަގާފީ ގޮތުން ގުޅުން ‏‏އިތުރަށް ބަދަހިވެގެންދާނެ‏‎ ‎‏ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ރައީސް ‏‏ވިދާޅުވެފައިވެއެވެ.

ރައީސްގެ މަސެޖް ނިންމަވާލައްވަމުން އިންޑިޔާގެ ރައްޔިތުންނަށް ފާގަތި، އުފާވެރި މުސްތަގުބަލަކަށް އެދިވަޑައިގެންފައިވެއެވެ.