ނިއު ރޭޑިއަންޓުން، އެ ޓީމުގެ ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލާގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް، އެފްއޭއެމްއިން އެ ޓީމް ސަސްޕެންޑްކޮށްފި އެވެ.
އެގޮތަށް އެފްއޭއެމްއިން ނިންމާފައިވަނީ މިއަދު ބޭއްވި އެ އިދާރާގެ ހިންގާ ކޮމެޓީގެ ބައްދަލުވުމުގަ އެވެ.
މި ނިންމުން މިގޮތަށް އައިސްފައިމިވަނީ އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމަށް ކުލަބްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެފައިވަނިކޮށެވެ.
ބައެއް ކުލަބްތަކުން އެފްއޭއެމްގެ ލީޑަޝިޕް ބަދަލުކުރުމަށް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ސޮއި ކުރަމުން ދަނީ ފާއިތުވި ދެ އަހަރު އެފްއޭއެމްގެ ސިޔާސީ ހަރަކާތް ހިންގާ ދިވެހި ފުޓްބޯޅައަށް ގެއްލުންވާ އެތައް ކަމެއްކޮށް އަދި އެފްއޭއެމްގެ އަސާސީ ގަވައިދާ ހިލާފަށް ކަން ކޮށްފައިވާތީ ކަމަށް ބުނެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކަމަށް މަސައްކަތް ކުރަމުންދާ ކުލަބްތަކުގެ ތެރޭގައި ނިއު ރޭޑިއަންޓް ވެސް ހިމެނެ އެވެ.
އެފްއޭއެމްގެ އެ ނިންމުމާ ގުޅޭ ގޮތުން އެ އިދާރާއިން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނީ ނިއު ރޭޑިއަންޓްގެ 10 ކުޅުންތެރިއެއްގެ މުސާރައަށްވާ 3.8 މިލިއަން ރުފިޔާ ދެއްކުމަށް ތަކުރާރުކޮށް އަންގައި، އެކި މުހުލަތުތައް ދިނުމުން ވެސް އެކަން ކޮށްފައިނުވާ ކަމަށެވެ. އެއީ މިދިޔަ އަހަރުގެ އޯގަސްޓް މަހުން މިއަދާ ހަމައަށް ކުޅުންތެރިންނަށް ނުދޭ މުސާރަ އެވެ.
އެ ފައިސާ ކުޅުންތެރިންނަށް ދެއްކުމަށްފަހު ނޫނީ އެފްއޭއެމްގެ އެއްވެސް މުބާރާތެއްގައި ނިއު ރޭޑިއަންޓަށް ބައިވެރިނުވެވޭނެ ކަމަށް ވަނީ އަންގާފަ އެވެ. މީގެއިތުރުން އެ ކުލަބަށް އިތުރު ފިޔަވަޅެއް އަޅަން ޖެހޭތޯ ބެލުމަށް އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީއަށް ވެސް މައްސަލަ މިހާރު ވަނީ ހުށަހަޅާފަ އެވެ.