އަންހެނުން

ފުރަތަމަ ނަޒަރުން ލޯބިވެވުނީތަ؟

Dec 29, 2014

ފުރަތަމަ ނަޒަރުން ދުވަހަކު ވެސް މީހަކު ދެކެ ލޯބިވެވުނު ހެއްޔެވެ؟ މީހަކަށް ހިތް ދޫކޮށްލެވުނު ހެއްޔެވެ؟ ގަޔާވާ ކަހަލަ ސިފަތަކެއް މީހެއްގެ ފަރާތުން ފެނިގެން ދީވާނާވި ހެއްޔެވެ؟ ލޯބިވުމާއި ހިތްކިޔުން ނުވަތަ މީހަކު ދެކެ ގަޔާވުން މިއީ އެކި ދަރަޖަތަކުގެ ތަފާތު އިހްސާސްތަކެވެ. އެހެންވީމަ، ފުރަތަމަ ނަޒަރުން ލޯބިވެވުނޭ އެ ބުނާ ވާހަކައިގެ މާނައަކީ ކޮބައި ހެއްޔެވެ؟ އަދި މި ކަމުގައި އޮތީ ކިހާ ވަރެއްގެ ހަގީގަތެއް ހެއްޔެވެ؟

ފުރަތަމަ ނަޒަރުން ލޯބިވެވޭ ވާހަކަ އާއި ލޯބިވާ ވާހަކަ އިހަށް ބާއްވަމާ ހިނގާށެވެ. މި އޮތްހާ ދުވަހު، އަހަރެމެންގެ ޓީޗަރުންނާއި ދެން ތިބި ހަރު، ހެޔޮ ވިސްނޭ މީހުން ވެސް ދެމުން އައި ނަސޭހަތަކީ، ފޮތެއްގެ ބޭނރުގަނޑުން އެ ފޮތަކާ މެދު ވަކި ގޮތެއް ނުނިންމުމަށެވެ. މި އަށް ވުރެ ރައްޓެހި ގޮތަކަށް މި ޖުމްލަ އަޑުއަހަން ބޭނުން ނަމަ، "ނެވާ ޖަޖް އަ ބުކް ބައި އިޓްސް ކަވާ" މިހެންނެވެ. މި ހަރު ބަހާ އެކު އަހަރެމެންނަށް ދީފައި އޮތް ނަސޭހަތަކީ، މީހަކު ނުވަތަ އެއްޗެއް ރަނގަޅަށް ދަސްނުވަނީސް އެ މީހަކަށް ނުވަތަ އެއްޗަކަށް ތިމާގެ ހިތް ދޫކޮށްނުލުމުގެ ނަސޭހަތެވެ.

ނަމަވެސް މި ނަސޭހަތުގެ އޮލަކަމާ އެކު އެއް ކަންފަތުން ވަދެގެން ގޮސް އަނެއް ކަންފަތުން ނުކުމެގެން ދަނީ އެވެ. ދުރު ވިސްނޭ މީހުންގެ މި ނަސޭހަތް އަހަރެމެންގެ ކަންފަތުގައި ހަރުނުލާއިރު، މި ނަސޭހަތް ދިން މީހުންގެ ކަންފަތުގައި ވެސް މި ނަސޭހަތް ހަރުނުލާކަން ފާހަގަކޮށްލެވެ އެވެ. ފުރަތަމަ ނަޒަރުން މީހުން މެދު ގޮތެއް ނުނިންމުމަށް ނަސޭހަތްދޭ މީހުން ވެސް އެންމެ ފުރަތަމަ ކުރާ ކަމަކީ އެއީ އެވެ. އެހެންވީމަ މި ވަނީ ކިހިނެތް ހެއްޔެވެ؟

ފުރަތަމަ ނަޒަރަކީ އޭގައި ވަރަށް ވެސް ބާރުގަދަ ނަޒަރެކެވެ. މީހަކާ ފުރަތަމަ ފަހަރަށް ބައްދަލުވެ ފުރަތަމަ ނަޒަރުން އެމީހަކު ކަމުދިއުމަކީ ހަށިގަނޑަށް ހީލިގަނޑެއް އަރައިގެން ފައިބައިގެން ދިއުން ކަހަލަ ކަމެކެވެ. ފުރަތަމަ ނަޒަރުން މީހެއްގެ ފުން މިނަކަށް ފީނައެއް ނުގަނެވޭނެ އެވެ. ނަމަވެސް ލޮލާއި ލޯ ބައްދަލުވާ ހިސާބުން، މީހަކަށް މީހަކު ކަމުގޮސްފި ނަމަ ވަގުތުން އެމީހަކާ މެދު ހިތްއެދޭ ގޮތަކަށް ގޮތްތަކެއް ނިންމަ އެވެ.

މި ޖާދޫގައި މީހުން ޖެހެނީ ހަމައެކަނި ރީތި މީހަކު ފެނިގެންނެއް ވެސް ނޫނެވެ. މޫނު މަތީގެ ސިފަ ނުވަތަ ރީތި ކަމަކީ އެއްވެސް އިރެއްގައި ދެ މީހެއްގެ ދެމެދުގައި އޮންނަ ޝައުގުވެރިކަމާއި އެޓްރެކްޝަންގެ ފަހު ބަސް ބުނާ ފަނޑިޔާރެއް ނޫނެވެ. އެހެންވީމަ، ހުތުރު ސިފައެއް ލިބިފައިވާ މީހާ ކޮންމެހެން ނުބައި ނުވަތަ ގޯސް މީހަކަށް ވާކަށް ނުޖެހެ އެވެ. މި އުސޫލުގެ ދަށުން ކޮންމެ ސިފައެއްގައި ހުންނަ މީހަކު ދެކެ ވެސް މީހަކަށް އިސާހިތަކު ލޯބިވެވިދާނެ އެވެ. އަދި ފުރަތަމަ ނަޒަރުން ހޮވާލެވޭ މީހާ އަކީ އުމުރުގެ ބާކީ އޮތްބައިގައި އެކުގައި އުޅޭނެ މީހާ ކަމުގައި ވެސް ނިންމިދާނެ އެވެ.

ފުރަތަމަ ނަޒަރުން ވެވޭ ލޯތްބަކީ ހަގީގަތެއް ކަމާއި އޭގެ ސީދާކަން މި ވަނީ ދިރާސާތަކުން ސާބިތުކޮށްފަ އެވެ.

ސިކުނޑީގައި އުފައްދާ ކެމިކަލްގެ ބާވައްތައް ކަމަށްވާ، ޑޯފެމިން އާއި އޮކްސިޓޮސިން އަދި އެޑްރެނެލިން އާއި ވެސޮޕްރެސިން އަކީ އެއްޗެއް ނުވަތަ މީހަކު ދެކެ ދެން ހުންނާ މީހާ ދީވާނާކޮށްލުމުގައި އެންމެ މުހިންމު ރޯލެއް ކުޅޭ ކެމިކަލްސްތަކެވެ. މި ކެމިކަލްތަކާ އެކު އުތުރި އަރައިގެން އަންނަ ޖަޒުބާތުތަކާ އެކު ދެން މި އުފެދޭ އިހްސާސަށް އަހަރެމެން މިކިޔަނީ ލޯތްބެވެ. ލޯބިވުމެވެ.

ކަމުގެ މާހިރުން ބުނަނީ، މީހަކު ދެކެ ލޯބިވުމަށް އަދި ހަޔާތުގެ ބައިވެރިއެއްގެ ގޮތުގައި މީހަކު އިހްތިޔާރުކުރުމަށް ނަގާނީ ތިން މިނެޓް ކަމަށެވެ.

ދިރާސާތަކުން އެނގޭ ގޮތުން ޖަނަވާރުންގެ މެދުގައި އޮތް ގުޅުން ބިނާވެފައި އޮންނަނީ އެ އެއްޗެހިތަކުގެ ޖީންތަކުގެ ގުޅުމަށެވެ. މިފަދަ ގުޅުމެއް އިންސާނުންގެ މެދުގައި އޮންނަ ކަމެއް ނޭނގެ އެވެ. ނަމަވެސް ހިތުގެ ބައިވެރިޔާ ފެންނަ ހިސާބުން އެކަން ދެނެގަތުމުގެ ބާރު އަހަރެމެންނަށް ލިބިފައިވާ ކަމަށް ސައިންސްވެރިން ބުނެ އެވެ.

އަލަށް ދިމާވާ މީހަކާ މެދު އަހަރެމެންގެ ސިކުނޑިން ނިންމާ މި މުހިންމު ނިންމުން ނިންމަނީ ޕޭރެސިންގިއުލޭޓް ކޯޓެކްސް ކިޔާ ހިސާބަކުންނެވެ. މިއީ ލޯބީގެ ގުޅުންތަކާ ބެހޭ ސިކުނޑީގެ މަރުކަޒެވެ. އަލަށް ދިމާވާ މީހަކު ހަޔާތުގެ ބައިވެރިޔާގެ ގޮތުގައި ނިންމަން ސިކުނޑީގެ މި ބަޔަށް ބޭނުން ވަނީ މިލިސެކަންޑްގެ ވަގުތުކޮޅެކެވެ.

އަޔަލޭންޑްގެ ޓްރިނިޓީ ކޮލެޖު ޑުބްލިންގެ ދިރާސާ ޓީމަކުން މިކަން ސާބިތުކޮށްފައި ވަނީ 78 އަންހެނުންނާއި 73 ފިރިހެނުން ބޭނުންކޮށްގެން ކުރި ސްޕީޑް ޑޭޓިން ދިރާސާއަކުންނެވެ. މި ދިރާސާގެ ބައިވެރިންނަށް އެންމެ ފުރަތަމަ ދިނީ އެމީހުންނާ ބައްދަލުވާނެ މީހުންގެ ފޮޓޯތަކެވެ. އެއަށް ފަހު ދެ ތިން ދުވަސް ފަހުން މި ބައިވެރިން އެކަކު އަނެކަކާ ދިމާވާން ފެށީ އެވެ.

މި ދިރާސާގައި 63 ޕަސެންޓް މީހުންނަށް ކަމުދިޔަނީ އެ މީހުންނަށް އެންމެ ފުރަތަމަ ދެއްކި ފޮޓޯތަކުން އިހްތިޔާރުކުރި މީހުންނެވެ. އެހެންކަމުން މިއީ، ފުރަތަމަ ނަޒަރުގެ ބާރު ގަދަކަމާއި އޭގެ ސީދާކަން ސާބިތުކޮށްދިން ދިރާސާ އެކެވެ.

ދެން އޮތް ސުވާލަކީ، ލޯބި ފައްކާވަނީ ސިކުނޑީގައިތޯ ނުވަތަ މިއީ ހިތުގައި އުތުރި އަރައިގަންނަ ޖަޒުބާތުތަކެއްތޯއާ މެދު ކުރެވޭ ސުވާލެވެ. މީގެ ރަނގަޅު ޖަވާބަކީ ސިކުނޑި އެވެ. ނަމަވެސް ލޯބި އުފެދި ފައްކާކުރުމުގައި ހިތުގެ ރޯލެއް ވެސް އެބައޮތެވެ. ފަހަރެއްގައި ލޯބީގެ މުހިންމު ބައިވެރިޔަކަށް ހިތް ބަދަލުވަނީ، މީހަކު ފެނިގެން ހިތުގެ ތެޅުން އަވަސްވެގަންނަ ހިސާބުންނެވެ. ހިތުގެ ތެޅުން އަވަސްވެގަންނަނީ ސިކުނޑިން ފޮނުވާ އެޑްރެނެލިންގެ ސަބަބުންނެވެ.