( ޖެނުއަރީ 2019 އާ ގުޅޭ)
ބޮޑު މަގަކުން ލާފައި އެތެރެއަށް އައިއިރު މަތީގައި ހުރެ އުސް ފާރުތަކުގައިވާ ތަނބުތަކުގެ ތެރެއިން މީހަކު ބަލަން ހުރި ކަން ފާހަގަވެ އީޝަލް އިސްއުފުލާލިއެވެ. ހޯދަނިކޮށް ތަނބަކާ ނިވާވެލައިގެން ބަލަން ހުރި ފިރިހެނަކު އީޝަލްގެ ލޮލުގައި އަޅައިގަތެވެ. ސިއްރުން ބަލާތީ އެއީ ކާކުތޯ އެނގެން އީޝަލް ބޭނުންވިއެވެ.
އީޝަލް މަޑުޖެހިލުމުން މިޒަރެން ފަސްއެނބުރި ބަލާލިއެވެ. އެހިނދު މީކާޢީލްއާއި ޒިޔަޒެލް ވެސް އެނބުރިލީ ވީގޮތެއް އޮޅުން ފިލުވާށެވެ. އީޝަލްގެ ނަޒަރު އަމާޒުވެފައި ހުރި ދިމާ ފެނުމުން އެ ދިމާއަށް ޒިޔަޒެލް ބަލާލިއެވެ.
"އެ ހުރީ އަހަރެމެންގެ އިންތިޒާރުގައި" މާނަފުން ހިނިތުންވުމަކާއެކު ޒިޔަޒެލް ބުންޏެވެ. އަވަސްއަވަހަށް މީކާޢިލް އެ ދިމާއަށް ބަލާލިއެވެ. ނަމަވެސް އޭނާގެ ލޮލަށް ފެންނަންވާއިރަށް އެތަނުގައި ސިއްރުން ބަލަން ހުރި ޖިންނިއެއް ޣައިބުވެއްޖެއެވެ. މަޑުނުކޮށް ކުރިއަށް އައުމަށް އީޝަލްއަށް މީކާޢިލް ގޮވާލިއެވެ.
ގަނޑުވަރުގެ ފާރުތައް އުސްވެފައި ހުދެވެ. ވަށައިގެން ފެންނަނީ ސާފުތާހިރުކަމެވެ. ކޮޅުކޮޅަށް ހޭލަމޭލަވަމުންދިޔަ ޖިންނިތަކުގެ ފޭރާން ވެސް ހުދެވެ. އަޅާފައި ތިބޭ ލިބާސްތަކުގެ އަތްތައް ދިގުވެފައި ހެދުމުގެ ފަސްބައިގައި އެބައިމީހުންގެ ފައިތައް ފޮރުވިފައިވެއެވެ. ހަރަކާތްތެރިވުމުގެ ތެރޭގައި ވެސް އެބައިމީހުންގެ ފައިތިލަތަކެއް ނުފެނެއެވެ. ވަށައިގެންވަނީ ފެހިކަމެވެ. ބޯގަސްތަކުގެ ތެރެއިން އެތައް ކުލައެއްގެ މާތައް ފަރިވެފޮޅިވެފައި އޮތެވެ. ބައެއް ގަސްގަހުގެ އޮފިތައް މާތަކުން ބަރާވެ އެލިގެން ގޮސް ބިމުގައި ޖެހިފައި ހުއްޓެވެ. އަޖައިބުވާހާ ހިތްގައިމު މާޙައުލެކެވެ.
ފާރަވެރިންނާއެކު ގަނޑުވަރަށް ވަންނަން އައި މީކާޢިލްމެން ފެނި އެ ހިސާބުގައި މަސައްކަތް ކުރަން ތިބި ޖިންނީން އެ މީހުންގެ މަސައްކަތްތައް ހުއްޓާލައި ސަލާމް ގޮވާލިއެވެ. އެއިން ކޮންމެ ޖިންނިއަކަށް މީކާޢިލް ބަލާލައި ބޯޖަހާލަމުން ހިނިތުންވުމެއް ރައްދުކުރިއެވެ. އެކުޑަކުޑަ އިޝަރާތާއެކު ވެސް އެތަނުގައި ތިބި ޖިންނީންގެ އުފާވެރިކަން އެތައް ގުނައެއް އިތުރުވިކަން އެ މީހުންގެ މޫނާއި ހިނިތުންވުންތަކުން ދޭހަވެއެވެ.
އުސްއޮޅިއެއް ގިރާކޮށް އެތެރެއަށް މީކާޢިލްމެން ވަނެވެ. އޭރު ދިމާ ކުރިމަތިން ގަނޑުވަރަށް ވަންނަން ހުރި މައިދޮރު ފެނެއެވެ. އެ ހިސާބުގައި ހައްދާފައި އޮތް ތަފާތު މާތަކުން މާޙައުލުގައި ހުވަދުލެވިފައި ވެއެވެ. އެ ލުއިލުއި މީރު ވަހުން ނަފްސުގެ ހަމަޖެހުން އިތުރުކޮށްދެއެވެ. އުތުރު ފަރާތަށް ވާގޮތަށް ވަރުގަދަކޮށް ހެދިފައި ހުރި ބޮޑު ނިކަ ގަހެއް ހުރިއިރު ގަހުން އެލިފައި ހުރި އަޅޯތަކުގައި އުނދޯލި ހަދާފައި ހުއްޓެވެ. ގަހުގެ ހިޔާ އެޅޭ ހިސާބުގައި އަށިތައް ބަހައްޓާފައި ހުއްޓެވެ. ބިންމަތީގައި އޮތީ ކަށިވެލިލާފައެވެ. މައިދޮރާ ހަމައަށް އާދެވުމުން ފާރަވެރީން އެ ހިސާބުން މަޑުކުރީއެވެ. އަދި ދޮރުމަތިން އެހެން ބަޔަކު މީކާޢިލްމެންނާ ހަވާލުވެއްޖެއެވެ.
"އަޅުގަނޑުމެންނަށް މިއަށްވުރެ އެތެރެއަށް ދިއުމުގެ ހުއްދަ ލިބިގެން ނުވޭ" ފާރަވެރީންގެ ތެރެއިން އިހު ވާހަކަދެއްކި ޖިންނި ކުރިއަށް ޖެހިލައި ބުންޏެވެ. އޭނާއަށް ޒިޔަޒެލް ޝުކުރުއަދާކުރިއެވެ. އެއާއެކު އެބައިމީހުން އަވަސްވެގަތީ އެ މީހުންގެ ވަޒީފާއަށް އެނބުރި ދިއުމަށެވެ.
"ސާހިބު ހުންނެވީ އުސްގެކޮޅުގައި، ވިދާޅުވީ މެހެމާނުން ގޮވައިގެން ސީދާ އެތަނަށް އައުމަށް" ޒުވާން ޖިންނި ވާހަކަދެއްކިއެވެ. އެއާއެކު އޭނާގެ ގާތުގައި ހުރި ހަރު ފިރިހެންމީހާ އޭނާއަށް ބަލާލި ގޮތުން ވަގުތުން ހިމޭންވިއެވެ.
"ވާހަކަދެއްކުމުގެ ކަލޭގެ ދޫ ރައްކާތެރިކުރާތި، އެއީ އާދައިގެ މެހެމާނެއްނޫން، އެއީ ރަސްގެފާނުގެ ދަރިކަލުން... މީކާޢިލް، ދެން އެ ހުންނެވީ އަހަރެމެންގެ ތެރޭގައި ހުރި އެންމެ މޮޅު ހަކީމް، ރަސްގެފާނުގެ އަނބިކަނބަލުންގެ ހުރި ހަމައެކަނި ތިމާގެ ބޭފުޅާ، ނަން މަޝްހޫރު ކުޅަދާނެ ޒިޔަޒެލް އެއީ" ސިއްރުން ކަހަލަ ގޮތަކަށް ހަރުފިރިހެންމީހާ އޭނާގެ ގާތުގައި ހުރި ޒުވާނާއަށް ބުނެދިނެވެ. ވަގުތުން އެ ޒުވާނާގެ ދެ ލޯ ބޮޑުކޮށްލެވި ޖެހިލުންވުން މޫނުން ފާޅުވެގެންދިޔައެވެ. އިސްޖަހާލި ގޮތުން ހީވީ އިތުރު ވާހަކައެއް އޭނާ ދައްކަން ބިރުގަތީހެންނެވެ.
މައްޗަށް އަރާނޭ ހަރުފަތްތަކެއްނުވާ އެ ގޭގެ ބައިތަކަށް އެ މީހުން އެރިއެވެ. އެންމެ މަތީގައި ހަދާފައި ހުރި ބައިގެ ދޮރުގައި ޓަކިދޭން ވީއިރަށް އެތެރެއަށް ފިރިހެންވަންތަ ރީތި އަޑެއްގެ ވެރިއަކު ސަލާމް ބަލައިގަތް އަޑުއިވުނެވެ. އަދި އެތެރެއަށް ވަނުމުގެ ހުއްދަ ދިނެވެ. އެއާއެކު ދިގު ދޮރުފަތް ދެފަރާތަށް ހުޅުވާލައި މީކާޢިލްމެން ގޮވައިގެން އެތެރެއަށް ވަނީ ހަރުކޮށް ހުރި ފިރެހެނާއެވެ. ޒުވާނާ މަޑުކުރީ ބޭރުގައެވެ.
ކަނޑާފައި ހުރި ބޮޑު ކުޑަދޮރުގެ ކައިރީ މަޑުކޮށްލައިގެން ހުރީ ކާކުކަން އެންމެންނަށް އެނގެއެވެ. އެކަކު ވެސް އިސްވެ އަނގަޔަކުން ނުބުންޏެވެ. އެހެން ހުއްޓާ ކުޑަދޮރުގެ ކައިރީ ހުރި ޖިންނި ވާހަކަދެއްކިއެވެ.
"ހާރިސް... އެންމެން މި ހިސާބުން ފޮނުވާލައި، އަދި އަންހެނުންގެ ތެރެއަށް ކުއްޖަކު ފޮނުވައި ބަހީރާއާއި ބަލްޤިސްއަށް ޚަބަރުދޭން" އިވިގެންދިޔައީ ޢައިޒަންގެ އަޑެވެ.
"ލައްބަ ސާހިބު" ހާރިސް ބުންޏެވެ. އަދި އޭނާ އެ ތަނުން ނުކުމެ ދޮރު ލައްޕާލިއެވެ.
"ޒިޔަޒެލް" ކުޑަދޮރު ކައިރިން އެނބުރިލައި އައިޒަން ގޮވާލިއެވެ.
"އައިޒަން" ހިނިތުންވެލައިގެން ހުރި ޒިޔަޒެލް ވެސް ގޮވާލީއެވެ. އަދި ކުރިއަށް ފިޔަވަޅު އަޅާލައި އައިޒަންގެ ގާތަށް އޭނާ ދިޔައެވެ. ދެ މީހުން އެކަކުއަނެކަކާ ކަރާއިކަރުޖައްސާ ސަލާމްކުރިއެވެ. އައިޒަންއާއެކު ޒިޔަޒެލް އެނބުރިލީ އެތަނުގައި ދެން ތިބި މީހުންނާ ދިމާއަށެވެ.
"މީ ކާކުކަން އެނގޭތަ؟" ޒިޔަޒެލް އެހީ އީޝަލްގެ ގާތުގައެވެ. އެއާއެކު އީޝަލް މަޑުމަޑުން ބޯޖަހާލިއެވެ. އައިޒަންގެ ތުންފަތަށް ވެރިވީ ލުއި ހިނިތުންވުމެކެވެ.
"ވަދެގެން އައިއިރު މަތީގައި ބަލަން ހުރީ ކާކުކަން މިހާރު އެނގިއްޖެ ދޯ" ޒިޔަޒެލް ބުނެލިއެވެ. މިފަހަރު ވެސް އީޝަލް ބޯޖަހާލީއެވެ.
"މީކާޢިލް..." އައިޒަން އައިސް މީކާޢިލްގެ ކޮނޑުގެ ދެ ފަރާތުން ހިފަހައްޓާލިއެވެ. އެހާ ގާތުން ދަރިފުޅާ ބައްދަލުވުމުން އެކަމުގެ އުފާވެރިކަން އޭނާގެ ލޮލުން ފާޅުވޭވޭ ހުއްޓެވެ.
"ބައްޕާ" މީކާޢިލްއަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. ހަޤީޤަތުގައި އެ ހިތާއި ސިކުނޑީގައި އެތައް ވާހަކައެއް ވިއެވެ. ނަމަވެސް ދުލާ ހަމައަށް ގެންނަން ފަސޭހަނުވީއެވެ. ހުރި ފިޔަވަޅުމަތީ މަޑުކޮށްލައިގެން ހުރެ މީކާޢިލްގެ ކަނާއަތްފަރާތަށް އައިޒަންގެ އަތްތިލަ ދަމާލިއެވެ. އެހިނދު އެތަނުގައި ހުރި އީޝަލްއަށް ބަލާލެވުނީ މީކާޢިލްއަށެވެ. އައިޒަން ހިނިތުންވެލުމުން ޖެހިލުންވެފައި ހުރެ ވެސް އީޝަލް ކުރިއަށް ޖެހިލައި އައިޒަންގެ އަތުގެ ތެރެއަށް އަތްތިލަ ލައްވާލިއެވެ.
"އީ..ޝަ..ލް" ލަސްލަހުން އައިޒަން ބުނެލިއެވެ. އަދި އީޝަލްގެ އަތުގައި ހިފަހައްޓާލައިގެން ހުރެ އަނެއް އަތުން އޭނާ އީޝަލްގެ ބޮލުގައި ފިރުމާލިއެވެ. އީޝަލްގެ ދަތްދޮޅީގައި ހިފައި އުފުލާލުމާއެކު އެ މޫނަށް ފަރުވާތެރިކަމާއެކު އައިޒަން ބަލާލިއެވެ. ކާފަ ދަރިފުޅު ފުރާފުރިހަމަ އަންހެނަކަށް ވެއްޖެކަން އައިޒަންއަށް އެނގުނެވެ.
އީޝަލްގެ އަތަށް ދަމާލައި ސީދާކޮށްލުމާއެކު އައިޒަންގެ ވައަތުން އީޝަލްގެ ކޮނޑާދިމާގައި ބުރަކަށްޓަށް ވާގޮތަށް އޭނާ އިނގިލިތަކުން ބާރުކޮށްލައި ހަދާލި ގޮތަކުން އީޝަލްއަށް ލިބުނީ ކުއްލި ސިހުމެކެވެ. ބޭއިޚްތިޔާރުގައި އޭނާގެ ދެވަރަށް ހުޅުވިގެންދިއުމުން މިޒަރެންނާއި މީކާޢިލް ދުރަށް ޖެހިލިއެވެ.
"ކާފާ" އީޝަލްއަށް ލިބުނު ސިހުމުގައި ގޮވާލިއެވެ. ހަމައެވަގުތު މީކާޢިލް ބައްޕާއޭ ގޮވާލި އަޑުއިވުނެވެ.
"އެއްވެސް އައިބެއްނެތް" ފުޅާ ހިނިތުންވުމަކާއެކު ފަހަތަށް ފިޔަވަޅެއް އަޅާލައި އީޝަލްގެ ސޫރައަށް ބަލަން ހުރި އައިޒަން ބުނެލިއެވެ. އެއާއެކު ދެން ފެނުނީ އޭނާގެ ގާތުގައި ޒިޔަޒެލް އައިސް މަޑުކޮށްލި ތަނެވެ.
"އަހަރެން ނުބުނަންތަ؟" ޒިޔަޒެލް ބުނެލިއެވެ.
"އެކުއްޖާފުޅުގެ ވަރަ ތަފާތު... އޭނާއަށްވުރެ އެ މާ ބޮޑު... ޒިޔަޒެލް" އަޖައިބުވެފައި ހުރި ފަދަ ގޮތަކަށް އައިޒަން ބަލާލީ ޒިޔަޒެލްއަށެވެ.
"އައިޒަން... ކަލޭގެ މީކާޢިލްގެ ދަރިއެކޭ އެއީ، ފުރިހަމަވާނެއެއްނު" ޒިޔަޒެލް ބުނެލީ ފަޚުރުވެރިކަމާއެކުއެވެ. މީކާޢިލް އަވަހަށް އައިސް އީޝަލްގެ ކޮނޑުގައި ފިރުމާލިއެވެ. ބޭއިޚްތިޔާރުގައި އައިޒަންއަށް ހީނލެވުނެވެ.
"ކުޑަހިނދުކޮޅެއްގެ ތެރޭ އެ ތަދު ފިލާފާނެ، ކަންބޮޑުނުވޭ މީކާޢިލް... އެއީ އޭނާގެ ކާފަ، ކަލޭގެ ބައްޕަ... އޭނާ އެ ކުއްޖާއަށް އަނިޔާއެއްދޭނޭ ހީވަނީތަ" ހިނިއައިސްފައި ހުރެ ޒިޔަޒެލް ބުންޏެވެ. އޭނާއަށް ޖަވާބު ދިނުމުގެ ގޮތުން މީކާޢިލް ބޮލުން އިޝާރާތްކޮށްލިއެވެ.
"މިޒަރެން" އައިޒަން ގޮވާލުމުން ވަގުތުން މިޒަރެން ކުރުނީސްކޮށް ސަލާމް ގޮވާލިއެވެ. އޭނާގެ ކޮނޑުގައި އައިޒަން އައިސް ޖަހާލީ ސަލާމް ބަލައިގަންނަމުންނެވެ.
"ޙަފުލާ އޮތީ އަސުރުގެ ފަހުން، ބިންޏާމީންއާއި އޭނާގެ މީހުން އަންނާނީ އެހާއިރު، ހެނދުނުގެ ނާސްތާ ހުރީ ތައްޔާރުވެފައި..." އައިޒަން ގެ ވާހަކަތައް ނުނިމެނީސް އޭނާ ދޮރާ ދިމާލަށް ބަލާލިއެވެ. ހަމައެވަގުތު ދޮރުގައި ޓަކިދިން އަޑުއިވުނެވެ.
"އެ އައީ ބަލްޤިސްއާއި ދަރިފުޅުގެ މަންމަ" މީކާޢިލްއަށް އައިޒަން ބުންޏެވެ. އަދި އެ މީހުންނަށް ވަނުމުގެ ހުއްދަ ދިނުމާއެކު ދޮރުހުޅުވާލިއެވެ. އެތެރެއަށް ވަން ގޮތަށް ބަލްޤިސް އައިސް އީޝަލްގެ ގައިގާ ބައްދާލައިފިއެވެ. ބަހީރާ އެންމެންނަށް މަރުޙަބާ ކިޔެވެ.
ޢާއިލާގެ ހުރިހާ މެންބަރުން އެއްތަންވާނޭ ވަގުތަކަށް އައިޒަން ކެތްތެރިކަމާއެކު އިންތިޒާރުކުރިއެވެ. ބަލްޤިސްގެ ކައިވެނި އައިޒަންގެ ހިތުގެ އެދުން ފުރިހަމަވުމަށް މެދުވެރިއަކަށްވީއެވެ. ކައިވެނީގެ ކަންކަމުގައި ދެ ދުވަހު މީކާޢިލްމެން ގަނޑުވަރުގައި މަޑުކުރާނޭކަން އެނގޭތީ އެކަމާ އައިޒަން ހުރީ ނުހަނު އުފަލުންނެވެ. އެތައް އަހަރަކަށްފަހު ފުރަތަމަ ފަހަރަށް މުޅި ޢާއިލާ އެއް ސުފުރާއަކުން ބައްދަލުވިއެވެ. ހެނދުނުގެ ނާސްތާ ކުރުމުގައި އައިޒަންއާއެކު އެހެންޏާ ބައިވެރިވާ އިސް ޖިންނީންގެ ބަދަލުގައި މިއަދު އޭނާ އިނީ ހަމައެކަނި ޢާއިލާގެ މެންބަރުންނާއެކުއެވެ. އޭނާގެ ނަޒަރު ގިނައިރު ހުއްޓިފައި ހުންނަނީ މީކާޢިލްއާއި އީޝަލްއަށެވެ. އިންސާނެއްގެ ފުށުން އުފަންވި ކުއްޖަކަށް އީޝަލް ވިޔަސް އޭނާގެ މީކާޢިލްގެ މީހުންނާ އެއްގޮތްކަން މާބޮޑެވެ. ގާތުން އީޝަލްގެ ކަންކަން ދުށުމަށް އައިޒަން ޝައުގުވެރިވަނީ އެހެންވެއެވެ. ދޭތެރެއަކުން ޒިޔަޒެލްގެ ގާތުން އީޝަލްގެ ޚަބަރުތައް އައިޒަންއަށް ލިބެއެވެ. އެހެންވިޔަސް ކާފަ ދަރިފުޅުގެ ހުނަރުވެރިކަން އަމިއްލަ ލޮލުން ދުށުމަށް އައިޒަންގެ ހިތް އެދެނީއެވެ.
އަރާމުކޮށްލަން ކޮޓަރިއަށް ފޮނުވި އީޝަލް އޭނާގެ ކޮޓަރީގައި ނެތުމުން ބަލްޤިސް ހައިރާންވިއެވެ. އަވަސް އަވަހަށް އޭނާ ހޯދަމުން ދަނިކޮށް ގަނޑުވަރުގެ ބާނދީއެއްގެ ފަރާތުން ބަގީޗާގައި މީގެ ކުރީން ގަނޑުވަރުގެ ތެރެއިން ނުފެންނަ ޅަދޮޅު އަންހެންކުއްޖަކު އުޅޭތީ އެ ވާހަކަ ދައްކާކަމުގެ ޚަބަރު ލިބުނެވެ. ބަލްޤިސް ބަގީޗާގެ ތެރެއަށް ވަދެގެން އައިއިރު ވަށްކޮށް އުސްކޮށް ހަދާފައި ހުރި ބޮޑު ފައްވާރާގެ ދާރަމަތީ އިށީނދެ އިން އީޝަލް ފެނުނެވެ. ހިމޭންވެފައި ފެންގަނޑަށް ބަލަހައްޓައިގެން އިންއިރު އެ މޫނުން ބަލްޤިސްއަށް ފެނުނީ މީގެ ކުރިން ދުވަހަކުވެސް ދެކެފައިނުވާ އަސަރެކެވެ. ޚިޔާލުތަކަކަށް ގެއްލިފައި އިންއިރު އީޝަލްގެ މޫނުގައިވަނީ މޮޅިވެރިކަމަގެ އަސަރެވެ. އިރުކޮޅަކު އިނދެފައި އީޝަލްގެ އަތުގެ ހިނގިލިތަކުން ފެންގަނޑާ ކުޅެލިއެވެ. މަޑުމަޑުން ބަލްޤިސް އައިސް އީޝަލްއާ ކުރިމަތިވާނޭހެން ފައްވާރާގެ ދާރައިގައި އިށީނެވެ. އޭނާގެ ހިލަންވުމާއެކު ނިކަން އަވަހަށް އީޝަލްގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔަގޮތް ވެސް ބަލްޤިސް ދެނެގަތެވެ.
"ބޮޑުދައިތަ ތައްޔާރެއްނުވަންތަ؟" ހިނިތުންވުމަކާއެކު އީޝަލް އެއްސެވެ. އެ ސުވާލަށް ޖަވާބެއް ދިނުމުގެ ބަދަލުގައި އީޝަލްގެ ދެއަތްތިލައިގައި ބަލްޤިސް ހިފާލައި ގާތަށް ދަމާލިއެވެ.
"ކޮންކަމަކާ ފިކުރުބޮޑުވެފައި ތި އިނީ؟... މި މާޙައުލު ކަމުނުދަނީތަ؟ ފޫހިވާނަމަ ދައްތަ ހޯދަން އައިނަމަ، ނޫނީ މާމަ ގާތަށް ދިޔަނަމަ... ކީއްވެ އެކަނިމާ އެކަނި މިތާ ތިއިނީ" ބަލްޤިސް އިނީ ފަރުވާތެރިކަމާއެކު އީޝަލްއަށް ބަލާށެވެ.
"ކަމެއްނުވޭ... މިތަން ރީތިކަމުން މަޑުކޮށްލާ ހިތްވީ" އީޝަލް މިފަހަރު ވެސް ވާހަކަދެއްކީ ހިނިތުންވުމަކާއެކުއެވެ. ބަލްޤިސްއަށް އީޝަލްގެ ވާހަކަތައް ޤަބޫލުކުރަން ދަތިވިއެވެ.
"ހިނގާ ދައްތައާއެކު" ބަލްޤިސް ތެދުވަމުން ބުންޏެވެ.
"ކުޑައިރުކޮޅަކު މިތާ މަޑުކޮށްލިޔަސް އެންމެ ރަނގަޅުތަ؟" އީޝަލް އަހާލިއެވެ.
"އީޝަލް... ވީގޮތެއް ބުނެބަލަ؟... ކަމެއްނުވަންޏާ ތިހެން އެކަންޏެއް ނީންނާނެ، ކަމެއް ދިމާވީތަ؟ ޖިންނީންގެ ތެރެއިން އަޑެއް އިވުނީތަ؟" ބަލްޤިސް އިންތިހާއަށް ކަންބޮޑުވިއެވެ.
"އީޝަލް ނުދާނަމަ ދައްތަ ވެސް ނުދާނަން" ބަލްޤިސް މިހެން ބުނެ އިހު އިން ގޮތަށް އިށީނދެއްޖެއެވެ.
* * * * *
އިންތަނުން ރައުލް ތެދުވީ އޭނާގެ ގާތުން ނުރައްކަލެއްގެ ހިލަންވެގެންނެވެ. ވަށައިގެން ހޯދާލުމަށްފަހު އޭނާ ހުއްޓުނީ ދުރުން އަންނަ އެއްޗެއް ފެނިގެންނެވެ. ބޮޑުއަނދިރިގަނޑެއްހެން ހީވި ނަމަވެސް ދާދި އަވަހަށް ހަތަރެސްފައި ޖަހައިގެން އޮތް ޖަނަވާރެއް ރައުލްއަށް ސިފަވިއެވެ.
"އީޝަލް" ރައުލްގެ ހިތް ގޮވާލިއެވެ.
(ނުނިމޭ)