ވިޔަފާރި

އައިޓީބީ ފެއާއަށް ރާއްޖޭން ވިސާ ލިބުމަކީ ބޮޑު ފަސޭހައެއް

Jan 27, 2019

އައިޓީބީ ފެއާއަށް ރާއްޖެއިންދާ ވިޔަފާރި ތަކަށް ރާއްޖޭގައި ތިބެ ވިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިއުމަކީ ބޮޑު ފަސޭހައެއް ކަމަށް ޓޫރިޒަމް ވިޔަފާރިވެރިން ބުނެފި އެވެ.

ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ޔޫރަޕަށް އެތެރެވާން ބޭނުންވާ ޝެންގެން ވިސާ ޖަހަން ސްރީލަންކާއަށް ދާން ޖެހުމަކީ އޮތް ވަރަށް ބޮޑު ބުރައެއް ކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ކެޕިޓަލް ޓްރެވަލް ކުންފުނީގެ ވެރިޔާ، ޔޫސުފު ރިފްއަތު ވިދާޅުވި ގޮތުގައި ވިސާ ޖަހަން ދާން ޖެހުމަކީ ހަރަދުގެ ގޮތުން ބޮޑު އެއްޗެއް ދާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން މި ތިބެނީ ދިގު މުއްދަތަށް ވިސާ ޖަހައިގެން. އެކަމަކު ބައެއް ފަރާތްތައް އެބަތިބި ލަންކާ އަށް ކޮންމެ އަހަރަކު ވިސާ ޖަހަން ދާން ޖެހޭ މީހުން. އެ މީހުންނަށް މިއީ ބޮޑު ފަސޭހައެއް،" ރިފްއަތު ވިދާޅުވި އެވެ.

ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ވިސާ ޖަހަން ލަންކާއަށް ގޮސް ތިބޭއިރު ބޮޑު ހަރަދެއް ދެ އެވެ. އެގޮތުން އެވްރެޖު ގޮތެއްގައި މީހަކު ލަންކާގައި ހަތަރު ދުވަހު މަޑުކުރާއިރު މީހަކަށް ޓިކެޓު ނުލައި 800 ޑޮލަރު ވަރު ހޭދަކުރެ އެވެ.

ރާއްޖޭގައި ތިބެގެން ޔޫރަޕަށް އެތެރެވާ ވިސާ ޖެހުމުގެ ހިދުމަތް ދޭން އެންމެ ފުރަތަމަ މަސައްކަތް ކުރީ، ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރުގެ އެވެ. މިދިޔަ އަހަރު ބޭއްވި އައިޓީބީ ފެއާއާ ދިމާކޮށް ރާއްޖޭގައި ވިސާ ކްލިނިކެއް ހުޅުވަން ތައްޔާރުވި އެވެ. ނަމަވެސް ސިޔާސީ ގޮތުން ރާއްޖެ ހަލަބޮލިވި ވަގުތު އެކަން ކެންސަލް ވެގެން ދިޔައީ އެވެ. ނަމަވެސް ރާއްޖޭގައި އަނެއްކާ ވެސް މިވަނީ ވިސާ ކްލިނިކެއް ހުޅުވާފަ އެވެ. މި ކްލިނިކަށް މިހާތަނަށް ވިސާ ހޯދަން މިހާރު ވެސް 123 ފަރާތަކުން ވަނީ ހުށަހަޅާފަ އެވެ.

ފޮރިން މިނިސްޓްރީން ބުނެފައިވާ ގޮތުގައި މިހާރު ހުޅުވާފައިވާ ވިސާ ކްލިނިކުގެ ހިދުމަތް މިއަދު ފަށައި މި މަހުގެ 31 ގެ ނިޔަލަށް ކުރިއަށްދާނެ އެވެ. ހިދުމަތް ދޭނީ ހެނދުނު 8:00 އިން އިރުއޮއްސި 6:00 އަށެވެ.