ފެނަކަ ކޯޕްރޭޝަން

މުވައްޒަފުން ސަސްޕެންޑް ކުރާ ވާހަކަ ފެނަކައިން ދޮގުކޮށްފި

ފެނަކަ ކޯޕަރޭޝަނުން ކުއްލި ގޮތަކަށް ސަބަބެއް ނެތި ގިނަ މުވައްޒަފުންތަކެއް ސަސްޕެންޑް ކުރަމުންދާ ކަމަށް ދެކެވޭ ވާހަކަތައް އެ ކޯޕަރޭޝަނުން ދޮގުކޮށްފި އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ފެނަކައިން ގިނަ މުވައްޒަފުންތަކެއް ސަސްޕެންޑްކުރި ކަމުގެ ވާހަކަ ސޯޝަލް މީޑިއާގައި ފެތުރުނެވެ. އެކަމަށް ފެނަކައަށް ފާޑުކިޔުން ވެސް އަމާޒުވި އެވެ.

އެކަމާ ގުޅިގެން ފެނަކައިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނިން މުވައްޒަފުން ސަސްޕެންޑް ކުރާ ނަމަ ކޮށްފައިވާނީ ހިދުމަތް ފޯރުކޮށްދިނުގައި އިހުމާލުވުވުމުގެ ސަބަބުން ކުންފުންޏަށް ގެއްލުން ލިބުމާ ގުޅިގެން ކަމަށެވެ. އަދި ކުންފުނީގެ މުދަލާއި ފައިސާއަށް އިހްމާލުވާ ނަމަ އެވެ.

ކުންފުނިން މުވައްޒަފަށް މަތިކޮށްފައިވާ މަސްއޫލިއްޔަތު އަދާ ކުރުމުގައި ފަރުވާ ކުޑަ ކޮށްފައިވާ ފަރާތްތަކާއި ކުންފުނިން ފޯރުކޮށްދޭ ހިދުމަތުގެ ބޭނުން ނާޖާއިޒް ގޮތުގައި ބޭނުން ކުރާނަމަ ވެސް މުވައްޒަފުން ސަސްޕެންޑް ކުރާ ކަމަށް ބަޔާނުގައި ބުންޏެވެ.

ބަޔާނެއްގައި ބުނީ ބައެއް މީޑިއާތަކުން ފެނަކަ ކުންފުނީގައި މަސައްކަތް ކުރަމުންދާ މުވައްޒިފުންތަށް ކުއްލިގޮތަކަށް ސަސްޕެންޑް ކުރަމުންދާ ކަމަށް ބުނެ ރިޕޯޓް ކުރުމުން، އެކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅިފައިވާ ކަމަށެވެ. ފެނަކައިން ބުނީ، ވަޒީފާގެ މަސްއޫލިއްޔަށް އިހުމާލުވާނަމަ، އެކަމަށް އަމަލު ކުރާނެ އުސޫލުތަކެއް ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މިއަދު ނެރުނު އެ ބަޔާނުގައި އިތުރަށް ބުނީ، ފެނަކަ ކުންފުންޏަކީ ރައްޔިތުން އިތުބާރުކުރާ ދެމެހެއްޓެނިވި ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކުންފުންޏެއް ކަމަށެވެ. އަދި ފެނަކަ ކުންފުންޏަކީ ވަޒީފާގެ ރައްކާތެރިކަމާއި، މުވައްޒިފުންގެ ނަޒާހަތްތެރިކަން ފުރިހަމަ ގޮތުގައި ހޯދުމަށް މަސައްކަތް ކުރަމުންދާ ކުންފުންޏެއް ކަމަށެވެ. އެހެންކަމުން މުވައްޒިފުން ކުންފުނީގެ މަސައްކަތަށް ބުރޫއަރާ ފަދަ އަމަލްތަށް ހިންގާ، ޒިންމާ އަދާކުރުމުގައި އިހްމާލު ވަމުންދާނަމަ އެ މުވައްޒަފަކާ މެދު އަމަލުކުރަން ކަނޑައެޅިފައިވާ ގަވާއިދަށް އެކުންފުނިން އަމަލު ކުރާނެ ކަމަށެވެ.