ހަބަރު

ޔާމީނާއެކު ޖޭޕީ މަސައްކަތެއް ނުކުރާނެ: ރިޔާޒް

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއެކު ޖުމްހޫރީ ޕާޓީން އެއްވެސް ސިޔާސީ މަސައްކަތެއް ނުކުރާނެ ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެ އެވެ.

ރިޔާޒް މިހެން ވިދާޅުވެފައި ވަނީ ޖޭޕީ އާއި އެމްޑީޕީ ދެމެދު މައްސަލަތައް ޖެހެން ފެށި ފަހުން ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ރައީސް ޔާމީންގެ ދިފާއުގައި ވާހަކަފުޅު ދައްކަވާ، އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުންނާ ބައްދަލު ކުރައްވާ މަޝްވަރާތަކެއް ކޮށްފައި ވަނިކޮށެވެ.

އެކަމާ ގުޅޭ ގޮތުން ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒް ވިދާޅުވީ ކުރިޔަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުުގައި ޖޭޕީއަށް އިން ތާއީދު ހޯދަން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެ ޕާޓީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާއެކު ހަދާފައި އޮތް ކޯލިޝަން އިން ބޭރުން އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އެގޮތުން ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތް ކުރައްވާނެ ހާލަތެއް ނުފެންނަ ކަމަށާއި ފަސް އަހަރުގެ ދައުރު ނިމޭ އިރު ވެސް ޖޭޕީ އޮންނާނީ ސަރުކާރު ކޯލިޝަންގެ ތެރޭގައި ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އަޅުގަނޑަކަށް ނުފެނޭ އެ މަންޒަރެއް، ރައީސް ޔާމީނާއެކު މަސައްކަތް ކުރަން ޖެހޭނެ އެއްވެސް ހާލަތެއް ނާންނަނެ، އަޅުގަނޑުމެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ އެކުގައި ކުރިޔަށް އޮތް ފަސް އަހަރު ކޮންޓިނިއު ކުރާނީ، އެއީ ޖުމްހޫރީ ޕާޓީގެ ޕޮޒިޝަންއަކީ،" ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ޕީޕީއެމް ނުވަތަ ކޮންގްރެސް ޕާޓީ ވެގެން ދާނީ އިދިކޮޅު ފަރާތްތައް ކަމަށާއި ޖުމްހޫރީ ޕާޓީ އޮންނާނީ ސަރުކާރު ކޯލިޝަންގައި ކަމަށެވެ. އޭގެ މާނައަކީ އެ ފަރާތްތަކާއެކު މަޖިލީހުގެ ތެރޭގައި ކުރަން ޖެހޭ މަޝްވަރާތައް ކުރެވެން ޖެހޭނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި ކޮންމެ ބަޔަކު އިދިކޮޅުގައި ތިއްބަސް އެ ފަރާތްތަކާ ވާހަކަ ނުދެއްކޭނެ ފަދަ ހާލަތެއް އޮވެގެން ނުވާނެ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.

"ޖުމްހޫރީ ޕާޓީގެ ލީޑަރަކީ މަޖިލިސް ރައީސް ވެސްމެ، މަޖިލިސް ރަނގަޅަށް ފަންްޝަން ކުރުމަށްޓަކައި މިވަގުތު ޕީޕީއެމް މެންބަރުންގެ އެހީތެރިކަން ވެސް ބޭނުންވެ، އެއީ ގާނޫނު އަސާސީއަށް ބަދަލެއް ގެންނަން ކަމުގައިވިޔަސް ބައެއް ހާލަތްތަކުގައި ހަގީގަތުގައި ރައްޔިތުން އެއަށް އަމަލު ކުރަން ލާޒިމްވާ ބިލްތައް ގާނޫނަކަށް ފާސް ކުރެވޭނީ ވެސް 43 މެންބަރުން ތިބެގެން، އެ އަދަދަށް މެންބަރުން ހަމަކުރުމަށްޓަކައި އެބަޖެހޭ ބައެއް ހާލަތްތަކުގައި ޕީޕީއެމް މެންބަރުން ވެސް އޭގައި ހިމަނަން،" ރިޔާޒް ވިދާޅުވި އެވެ.