ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ކޮންގްރެސް ޕާޓީ)ގެ ވަގުތީ ލީޑާޝިޕް އައްޔަންކޮށް ޕާޓީ އިފްތިތާހުކޮށްފި އެވެ. ކޮންގްރެސް ޕާޓީ އުފެދުމަށް ގާނޫނީ ގޮތުން ބާއްވަންޖެހޭ އިފްތިތާހީ ޖަލްސާ ޝަރަފުވެރި ކޮށްދެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި އެވެ.
ދަރުބާރުގޭގައި މިރޭ ބޭއްވި ކޮންގްރެސް ޕާޓީގެ އިފްިތިތާހީ ޖަލްސާގައި އެ ޕާޓީ އުފެއްދުމުގެ ގޮތުން ޕާޓީގެ ވަގުތީ ލީޑާޝިޕެއް އައްޔަން ކުރަން ވަނީ ވޯޓަށް އަހާފަ އެވެ.
ކޮންގްރެސް ޕާޓީގެ ވަގުތީ ރައީސް ކަމަށް ހުށަހެޅުއްވީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲގެ ނަމެވެ. އޭގެ އިތުރުން ނައިބު ރައީސް ކަމަށް ދެ ބޭފުޅެއްގެ ނަން ހުށަހެޅި އެވެ. އެއީ ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އެވެ.
އެ ތިން ބޭފުޅުންގެ ނަން ވެސް ޖަލްސާގައި ބައިވެރިވި 357 މަންދޫބުންގެ އިއްތިފާގުން ފާސް ކުރި އެވެ. އެ ތިން ބޭފުޅުންގެ އިތުރުން ޕާޓީގެ ހިންގާ ކޮމިޓީއަށް 40 މެންބަރުން ވެސް މިރޭ ވަނީ އައްޔަންކޮށްފަ އެވެ. އެހުރިހާ ބޭފުޅުންނަކީ ވެސް ކުރިން ޕީޕީއެމުން ފެނުނު ބޭފުޅުންނެވެ.
ކޮންގްރެސް ޕާޓީގެ ނަމާއި ކުލަ އާއި ލޯގޯގެ އިތުރުން ޕާޓީގެ މެނިފެސްޓޯ އާއި އަސާސީ ގަވައިދު ވެސް މިރޭ ވަނީ ފާސްކޮށްފަ އެވެ.
ޕާޓީގެ ކުލަ ފިޔަވާ އެހެން ހުރިހާ އެއްޗެއް ޖަލްސާގައި ބައިވެރިވި މަންދޫބުންގެ އިއްތިފާގުން ފާސްވި އެވެ. ކޮންގްރެސް ޕާޓީގެ ކުލަ ކަމުގައި ވިލު ނޫ ކުލަ ފާސްވީ ޖަލްސާގައި ބައިވެރިވި 355 މެންދޫބުންގެ ވޯޓުންނެވެ.
ކޮންގްރެސް ޕާޓީގެ އިފްތިތާހީ ޖަލްސާގައި އިލެކްޝަންސް ކޮމިޝަންގެ ބައެއް އޮފިޝަލުން ވެސް ބައިވެރިވި އެވެ. އެ ޕާޓީ އުފެއްދުމުގެ މަސައްކަތް ކުރާއިރު ޕާޓީ އުފެއްދުމަށް މިހާތަނަށް ދަތިތަކާ ވަނީ ކުރިމަތިވެފައެވެ. އަދި ޕާޓީ އުފައްދަން ހުއްދަ ދިން ފަހުން ގަވައިދަށް ގެނައި ބަދަލުތަކުގެ ސަބަބުން ވެސް އެ ޕާޓީ އުފެއްދުމަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިވެފަ އެވެ.