ވާހަކަ

ބޭނުންވަނީ ޔާރާ

(23 ޖެނުއަރީ 2019 އާ ގުޅޭ)

"މަންމާ، އަޅުގަނޑު މަންމަ ގާތު ވާހަކައެއް ބުނަންވެފަ އެބައޮތް" މަންހާ ބުނެލިއެވެ.

"އަވަހަށް ބުނޭ" ވަސީމާ މަންހާ އަތުރަމުން ދިޔަ ތަށިތަކަށް ޖޫސްއަޅަމުން ބުނެލިއެވެ.

"އަޅުގަނޑު މިވިސްނަނީ ރިޒަލްޓު ލިބެންވާއިރަށް ކިޔަވަން ދާންކަމަށް، ތިއްތޭވެސް ބުނި އެހާ މުހިއްމެއްނޫނޭ ސީއެޗްއެސްއީއަށް ދިއުން، މިހާރުވެސް އަޅުގަނޑަށް ރަނގަޅު ޔުނިވަރސިޓީ އަކުން ޗާންސް ލިބޭނެކަމަށް ތިއްތޭ ބުނި...މީ...ދެން އަޅުގަނޑު ވިސްނާގޮތް، މަންމަ އާއި ބައްޕަ އާއިވެސް މަޝްވަރާކޮއްލާފަ ވަކިގޮތެއް އަޅުގަނޑު ނިންމާނީ" މަންހާ ވަސީމާގެ މޫނަށް ބަލަންހުރެ ވާހަކަ ދެއްކިއެވެ. އޭނަ ބޭނުންވީ އެވާހަކަ ދެއްކުމުން ވަސީމާގެ މޫނުމައްޗަށް އަރާފައިބަމުންދާ ކުލަވަރު ބަލާލުމެވެ. އެހެނީ އޭނަގެ މައިންބަފައިން އެހެން ގޮތަކަށްވެސް ވިސްނާފައި އޮވެދާނެތީއެވެ.

"މަންމައަށް ތިގޮތްވެސް ކަމުދޭ، އެކަމަކު އަދި ބައްޕަ އާއި މަޝްވަރާކޮއްލާފަ ވަކިގޮތެއް ނިންމަންވާނީ، އެހެންނު....ދެން ދޭ ދޮންބެއަށާއި ތިއްތޭއަށް ކާންގޮވަން" ވަސީމާ ހިނިތުންވެލަމުން ބުނެލިއެވެ.

މަންހާ ބޯޖަހާލަމުން ހިނިތުންވެލުމަށްފަހު ސިޑިން މައްޗަށް އެރުމަށް ދިޔައެވެ. މާގިނައިރެއްނުވެ ޝިމާދު އާއި ޝަރަފް ގޮވައިގެން ސިޑިން ފައިބައިގެން އަތުވެއްޖެއެވެ. ކާމޭޒުދޮށުގައި ކޮންމެ މީހަކުވެސް ގޮނޑިދަމާލާފައި އިށިންނަމުން ބަލާލީ ކާންހުރީ ކޮންއެއްޗިއްސެއްތޯއެވެ. ކެއުން ކުރިއަށްދިޔަވަރަކަށް މަންހާ ވަސީމާއަށް ލޮލުގެ އިޝާރާތުން ސަޢީދުގާތު އޭނަ ދެއްކި ވާހަކަ ދައްކާދިނުމަށް އެދުނެވެ. އެހެންވެ ވަސީމާ އެވާހަކަ ފެއްޓިއެވެ. ދޮށީ ދެކުދިން އެހިޔާލަށް ތާއިދުކުރުމުގެ ސަބަބުން ސަޢީދު އެކަމާއި އެއްޗެއް ބުނާކަށް ބޭނުމެއްނުވިއެވެ. އެއީ އޭނަވެސް އެކުދިންގެ ނިންމުމާއި އެއްބަސްވާތީއެވެ. ޔަގީނުންވެސް ޝިމާދު އާއި ޝަރަފުގެ ނިންމުން ގޯސްނުވާނެކަން ސަޢީދުއަށް އެނގޭތީއެވެ. މަންހާ ބޭނުންވިގޮތަށް އެކަންތައްތައް ނިމިގެން ދިޔައެއްކަމަކު އޭނަ އެންމެ އުފަލެއްނުވެއެވެ. އަދިވެސް އެހިތުގައި ރިހުންއެކުލެވިގެންވެއެވެ.

ގިނަވަގުތު ކޮޓަރީގައި ވަގުތު ހޭދަކުރަމުން ދާ މަންހާގެ ކަމަކީ އެނދުގައި އޮށޯވެލައިގެން އޮވެ އެކިއެކި ހިޔާލުކުރުމެއެވެ. ހުރިހާ ކަމެއްވެސް ގުޅިލާމެހިފައިވަނީ ދާއިން އާއިއެވެ.

"މިހާރު މިވަގުތު ދާއިން ކުރާނީ ކީއްބާ؟ އޭނަ ޒާރާދެކެ ހަމައަސްލުވެސް ލޯބިވޭބާ، އާން.....އެހެންނޫންނަމަ އޭނަ ޒާރާއާއި ކައިވެނިކޮއްގެން ނޫޅޭނެ، އަހަރެންމީ ޒާރާއަށް ވިނަމަ، އޭނަ ކިހާ ނަސީބުގަދަ....އަހަރެން މިއުޅެނީ ދާއިންނާ މާދުރަށްދާން، އެކަމަކު އަހަރެންނަށް ދެން އަލުން ލޯބިވާން ވަރަށް އުނދަގޫވާނެ، ހިތަށް އަރާ ދާއިންމަތިން ހަނދާންކުރުމަކީ މޮޔަކަމެކޭ، އެކަމަކު....އެކަމަކު އަމިއްލަ ހިތުގެ މައްޗަށް ބާރެއް ނުފޯރުވޭ، އަހަރެންގެ ލޮލުގެ ނޫރުފަދައިން، ދިރިހުރުމަށްލާ ނޭވާފަދައިން، އަހަރެން ފުރާނައަށްވުރެވެސް ބޮޑަށް އަހަންނަށް ދާއިންދެކެ ލޯބިވެވިފަވަނީ، އަހަރެންގެ ކޮންމެ ދުޢާއެއްގަވަނީ ދާއިން، އަލަކުން މިހިތަށް މިފަދަ ލޯތްބެއް ނުވެވޭނެ، އެކުވެރިން އަހަންނަކީ މޮޔައެކޭލޯބީގަ ދީވާނާވެފަވާ މީހެކޭ ބުންޏަސް އަހަންނަށް އެއްވެސް ފަރުވާލެއްނެތް، ހަގީގަތުގަ އަހަރެންނަކީ އެފަދަ މޮޔައަކީމު، އަހަރެންގެ ރޭގަނޑުގެ އަރާމު ނިންޖާ ހަމަޖެހުން ދާއިންއަށްޓަކާ އަހަރެން ގުރުބާންކުރެވޭ، މުޅި އުމުރަށްވެސް އަހަރެންގެ ހިތް ދާއިންއަށް ވަފާތެރިވާނެ، އެހެނީ އެހިތަކީ މިހާރު އަހަރެންގެ ބަސްއަހާ އެއްޗެއް ނޫން، އެހިތުގެ ހިނގުން ހުއްޓޭނީވެސް ދާއިންއަށްޓަކާ، އަހަންނަށް ދާއިން ކުޑަނަމަވެސް އިޝާރާތެއް ދޭނެނަމަ ކިހާ ރަނގަޅު، އޭރުން އަހަރެން ދުވެފައި ދާއިންގެ އަތުގެ ތެރެއަށް ދާނަން...." މަންހާގެ ތުންފަތަށް ހިނުތުންވުމެއް ވެރިވިއެއްކަމަކު އެދެލޮލުން ކަރުނަ އައެވެ. މަޑުމަޑުން ދެލޯ ފޮހެލިއެވެ.

މަންހާއަށް އަދިވެސް ހިޔާލުތަކުގެ ތެރެއަށް ގެއްލިފައި އޮވެވުނީއެވެ. އެހެންނަމަވެސް ތަޤްދީރުގައި ވާންނެތްކަމެއް ކުރާނީ ކިހިނެތްހެއްޔެވެ. ހަމައެގޮތުން އެދެމީހުން އެކަކު އަނެކަކާއި ދިމާވުންވެސް ގުޅިފައިވަނީ ތަގްދީރާއެވެ. ނަމަވެސް މިއަދު ދާއިންއަކީ މީހެއްގެ ފިރިއެކެވެ. މަންހާ އުޅެނީ ހަތަރު އަހަރަށް ފުރައިގެން ދާށެވެ. އެހަތަރު އަހަރުގެ ތެރޭވާނެ ގޮތެއް އެކަކަށްވެސް ނޭގެއެވެ. ހުދު މަންހާއަށްވެސް ނޭގެއެވެ. އޭނައަށް ދާއިންގެ ހަޔާތުން ޖާގައެއް ލިބޭނެކަމުގެ އެއްވެސް އުއްމީދެއްނެތެވެ. އެކަމަކު އިންތިޒާރުކުރަމަކީ އޭނަ ބޭނުންވާގޮތެވެ. ކޮންދުވަހަކުންކަމެއް ނޭގުނަސް އެފަދަ ދުވަހަކަށް މަންހާ އިންތިޒާރު ކުރާނެކަން ގައިމެވެ.

މަންހާގެ ހަޔާތުން ސޮފުހާތަށް ލިޔެވި އުކެމުންދިޔައެވެ. އޭނަގެ ކޮންމެ ދުޢާއެއްގައި ކޮންމެވެސް ދުވަހަކުން ދާއިންގެ ހަޔާތުގެ ބައިވެރިއަކަށް ވުމުގެ ފުރުޞަތު އޭނައަށް ދެއްވުމެވެ. ދާއިންގެ ހިތް އުފަލުން ފުރާލަދިނުމެވެ. އަންބެއްގެ ގޮތުގައި ދާއިންއަށް ހިދުމަތްކޮއްދޭނެ ދުވަހެއް ދެއްކެވުމެވެ. ފެބްރުއަރީ މަހުގައި މަންހާގެ އޯލެވެލް ނަތީޖާ ލިބުނުއިރު އޭނަ ހުރީ މެލޭޝިޔާގައެވެ. އެހިތުގައި ފޮނިއުއްމީދު ތަކަކާއިއެކު ދާއިންގެ ސޫރަ ފޮރުވާލައިގެން ހުރެއެވެ.

މޫސަ އާއި ނާޒިޔާގެ ދެމެފަރިން މަންހާއަށް ހޫނު މަރުހާބާއެއްކިޔެވެ. މަންހާ އެއާއިލާ އާއި ހަވާލު ކުރުމަށްޓަކައި އޭނަގެ އާއިލާ ދިޔައެވެ. ވާނީވެސް އެހެންތާއެވެ. އާއިލާގައި ހުރި އެންމެ އަންހެން ކުއްޖާއަށް ވުމުގެ އިތުރުން މަންހާއަކީ އެއާއިލާގެ އެންމެ ހަގު ކުއްޖާވެސް މެއެވެ. މަންހާ އެކޮޅުގެ ކަންތައްތަކަށް ހޭނިލަންދެން ވަސީމާމެން މަޑުކުރިއެވެ. އެމީހުން މާލެ އައީ އެކޮޅުގައި ދެހަފްތާ ވޭތިކުރުމަށްފަހުއެވެ. މަންހާއަށް އެމީހުން އެނބުރި ދިއުމުން ކޮންމެވެސް ވަރެއްގެ އެކަނިވެރިކަމެއް އިޙްސާސް ކުރެވުނެވެ. އެކަމަކު ނާޒިޔާ މަންހާއަށް އެފަދަ ފުރުޞަތެއްނުދެއެވެ. މަންހާގެ ހާލު އިރުއިރު ކޮޅާ ބަލާނެއެވެ.

މަންހާ އޭނަގެ ކިޔެވުމާއިގެން ކުރިއަށް ދިޔައެވެ. އާހިތްވަރަކާއިއެކު މީގެ ކުރިން ހޯދަމުން އައިފަދަ ރަނގަޅު ނަތީޖާއަކަށް ވާޞިލްވުމުގެ އުއްމީދުގައެވެ. ގޭތެރޭގައި އޭނައަށް އުނދަގޫވާނެ ފަދަ އެއްވެސް ކަމެއް ނުކޮށްވޭތޯ މޫސަގެ ދެމަފިރިންބަލައެވެ. އެމީހުންވެސް މަންހާގެ ހިތްވަރާއި ދޭތެރޭ ފަހުރުވެރިވެއެވެ. މިއަދު އޭނަ އާއި ހަވާލުވެގެން ތިބި ބެލެނިވެރިންނަކީ ހަމަ އެދެމަފިރިންނެވެ.

އަހަރުވީފަހުން އެއްދުވަހު މަންހާ ޔުނިވަރސިޓީ ނިންމާފައި ގެއަށް އައިވުގުތެވެ. އެދުވަހު މަންހާ ނިމުނީ ހަވީރުއެވެ. އޭނަ އާދައިގެ މަތިން އައިގޮތަށް އައިސް ގޭޓުންވަދެގެން ގޮސް މައިގޭގެ ދޮރުހުޅުވާލިއެވެ. އެވަގުތު ދޮރުއެއްޗެއްގައި ޖެހުނުއަޑުއުވުނެވެ.

"އާ.....ތަދުވެއްޖެ...." ފިރިހެންވަންތަ ޒުވާން އަޑަކުން ބުނެލިއެވެ.

"ސޮރީ..." ދޮރުން އެތެރެއަށް ކުޑަކޮށްވަދެހުރި މަންހާއަށް އަވަސް އަވަހާ ބުނެލެވުނެވެ. އޭރު ދޮރު ކައިރީ މަންހާ އާއި ދާދި ގާތުގައި އަތްތިލައިން ނިތްކުރިއާއިއެކު ނޭފަތްފޮރުވާލައިގެން ހުރި ޒުވާނާ ފެނުނެވެ.

މަންހާއަށްހީވީ އޭނަގެ ހަޔާތުންމާޒީވެގޮސްފައިވާސޮފުހާތަކުންމަންޒަރެއް ސިފަގެންދިޔަހެންނެވެ. އޭނަގެ ނޭފަތުގައި ޖެހުނީ ހަމައެވަހެވެ. މަންހާގެ ދުލުކުރިން ނުކުތީ ހަމަ އެލަފްޒެވެ. ކުރިމަތީގައި ހުރި ޒުވާނާއަށް މަންހާ ބަލާލިގޮތަށް އެސްފިޔަވެސް ޖަހާލަން ނޭގިފައިހުރީ ބިރެއްފެނިގެން ހުންނަފަދަ ގޮތަކަށެވެ. ނޭވާ ބާރަށް ލާންޖެހޭކަންވެސް މަންހާ ހަނދާންނެތްކަހަލައެވެ.

ނޫކުލަ އާއި ހުދުކުލައިގެ އަތްދިގު ޓީޝާރޓެއް ލާފައި ހުރިއިރު އަތްވަނީ ވަކިވަރަކަށް އޮޅާލާފައި ނަގާ އަތަށް ހެޔޮވަރުކޮއްލާފައެވެ. ކަޅުކުލައިގެ ވިދުމެއް އެކުލެވިގެންވާ ރޮލެކްސް ގަޑިއެއް އަތުކުރީގައި އޮތެވެ. އެއްކޮށް ކަޅުނޫން ޖިންސެއްލާފައި ހުރިއިރު ހުދުކުލައިގެ ކޮޅަށް ދުގުކޮށް ހުރި ބޫޓަކަށް އަރާފައިހުއްޓެވެ. އެޒުވާނާ ނިތްކުރިއާއި ނޭފަތުގައި ދެފަހަރަކު އަތްހާކާ ލުމަށްފަހު މަންހާއަށް ބަލާލިއެވެ. އެއާއެކު އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއްވެރިގެން ދިޔައެވެ.

"ހެލޯ، ހެލޯ...." އެ ޒުވާނާ މަންހާގެ މޫނު ކުރިމަތީ ހަތްހޫރާލިއެވެ.

މަންހާއަށް ހިޔާލީ ދުނިޔެއިން ނުކުމެވުނެވެ. އަދި އަވަސް އަވަހަށް އަނެއްކާވެސް މާފަށް އެދެވުނެވެ. އެޒުވާނާ ހިނިއައިސްފައި ހުރިގޮތަށް ބަލަންހުއްޓެވެ.

"އަހާ، ދެކުދިން ދިމާވެއްޖެ ދޯ... ވިޝާލް މީއޭ މަންހާއަކީ" ސިޓިން ރޫމުން ހުރަސްކަނޑާލި މޫސައަށް ވިޝާލް އާއި ދޮރުމަތީ ހުރި މަންހާ ފެނުމުން އެދިމާލަށް އައިސް ހުއްޓިލިއެވެ.

"ހައި...." ވިޝާލް މަންހާއަށް ބުނެލިއެވެ.

"ރިއަލީ ސޮރީ އިނގޭ، ވަރަށް ތަދުވި ދޯ" މަންހާއަދިވެސް ހުރީ ކަންބޮޑުވެފައެވެ.

"އިޓްސް އޯކޭ، މިހާރު އެހާ ތަދެއްނުވޭ" ވިޝާލް ހިނިތުންވެލިއެވެ.

"މަންކޮ ބޭރުގަތަ އަދިވެސް ތިހުންނަނީ، އާދެބަލަ އެތެރެއަށް، ވިޝާލް ކޮންމެވެސް ބޮޑުބައްޕައަށް އަންގައްޗޭ ވާގޮތެއް...." މޫސަ މަންހާ އާއި ވިޝާލް އާއި ދެމީހުންނާ އެއްފަހަރާ ވާހަކަ ދެއްކިއެވެ.

"ހޫމް، ނިމުނާހާ އަވަހަކަށް އަންނާން، ބޮޑުބައްޕަ ކަންބޮޑުނުވެބަލަ....އެމީހުން އެބުނީނު އެމީހުން އަތުގަ އެބައޮތޭ....ދެން ދަނީ އިނގޭ" ވިޝާލް މަންހާ ހުޅުވާފައި ހުރި ދޮރުން ބޭރަށް ނުކުންނަމުން އަދިވެސް އެއްފަހަރު މަންހާއަށް ބަލާލަމުން ނިތްއަރުވާލިއެވެ. ދަނީއޭ ބުނާފަދަ ގޮތަކަށެވެ.

މަންހާ މޫސަގެ ފަހަތުން ހިނގައިގަތީ އެތެރެއަށެވެ. މޫސަ މަންހާ ގާތުގަ އަވަހަށް ސައިބޯން އައުމަށް އެދުނެވެ. ނަމަވެސް މަންހާވަނީ ވާނުވާނޭގޭ ފަދަ ހާލަތެއްގައެވެ. ސިޓިން ރޫމުތެރޭ ހުރި ފޮތްހަރުގަނޑު މަތީ ފޮތްތައް ބަހައްޓާލަމުން ސައިބުއިމަށް ކާކޮޓަރިއަށް ދިޔައެވެ. އޭރު ސިންކުގެ ތެރެއަށް ސައިބޮއެފަ ހުރި ޖޯޑާއި ވަތުތަށިތައް ލާން ނާޒިޔާ ހުއްޓެވެ.

"ކޮއްކޮ އައީ ކޮންއިރަކު، މިއަދު މާލަހުން ގަޑިއެއް އޮތް ދުވަހަކީތަ؟ އަވަހަށް ސައިބޯން އިށީނދޭ، އައިނީ ތިތަނުން ޖޯޑެއް ދީބަލަ" ނާޒިޔާ މޭޒުކައިރީ މަންހާއަށް ކުރިމަތި ލައިގެން އިށިންނަމުން ފްރިޖު ކައިރީހުރި އެގޭގައި ގެންގުޅޭ އަންހެން މީހަށް ބުނެލިއެވެ.

"ދައްތާ، އެއީ ކާކުތަ؟" މަންހާގެ ހިތުގާ އުފެދެމުން ދިޔަ އެންމެ ބޮޑު ސުވާލު ކޮއްލިއެވެ.

"ކާކުތަ" ނާޒިޔާ ކުޑަކޮށް ތެދުވެލަމުން މަންހާގެ ކުރިމަތީ އައިނީ ބެހެއްޓި ޖޯޑަށް ސައިއާޅައިދޭން ފެށިއެވެ.

"ދެންމެ އެދިޔަ ފިރިހެން ކުއްޖާ....ކީއްވެތަ ބޭބެއަށް ބޮޑުބައްޕަ ކިޔަނީ" މަންހާ އަނެއްކާވެސް ސުވާލުކޮއްލިއެވެ.

"ހޫން....ވިޝާލް ދޯ، ރީތިތަ އޭނަ މަންކޮއަށް، ސްމާރޓް ދޯ ވަރަށް....ޔޫކޭގަ އުޅެއުޅެފަ މިއަދު އެ އައީ މިގެއަށް، ދެން މިގޭގަ ހުންނާނީވެސް...." ނާޒިޔާ ހިނިއައިސްފައި އިނދެ ސަމާސާ ރާގަކަށް ބުނަމުން ދިޔައެވެ.

"ސާބަސް ދައްތައަށް، މަންކޮ އެހެންވެގެންނެއް ނޫނޭ މިއެހީ، ދުވަހަކުވެސް ނުދެކޭތީ އަނެއްކާ ބޭބެއަށް ބޮޑުބައްޕަގެ ނަމުން މުހާތަބުކުރުމުން ހަމަ ސުވާލު އުފެދުނީ" މަންހާ ރަކިވެފަ އިނދެ ވާހަކަދެއްކިއެވެ.

"ކިހިނެތްވީ އަހަރުމެންގެ ވިޝާލް ހަޑީތަ...." ނާޒިޔާ ހެމުން ހެމުން އަނެއްކާވެސް އަހާލިއެވެ.

"ދެން ދައްތާ، އޯކޭ ދެން އޭނަގެ ވާހަކައެއް ނާހާނަން، އޭނަ ހަޑިއެކޭ މަންކޮއެއް ނުބުނަމެންނު" މަންކޮ އޭނައާއި ނާޒިޔާ ދިމާކުރަނީކަން އެނގިގެން ބޮޑާ ހާކާލިއެވެ. އަދި ނާޒިޔާ އަޑުއަހަން ބޭނުންވެފަ އިން ވާހަކަވެސް ހިމަނާލިއެވެ.

"ދައްތަ ނުކިޔާ ދޭކަށް ނޫޅެމޭ، ކިޔާދެންތަ؟ އަޑުއަހަން އަދިވެސް ބޭނުންތަ؟" ނާޒިޔާ އަހާލިއެވެ.

"ދައްތަ މަންކޮއާ ތިގޮތަށް ދިމާކުރަންޏާ ހެޔޮ ނުބުންޏަސް" މަންހާ ގަދަކޮއްލިއެވެ.

"ވިޝާލް....ބޭބެ ވަރަށް ލޯބިވާނެ ވިޝާލްދެކެ، ބޭބެގެ އެއްބަނޑު އެއްބަފާ ކޮއްކޮ ރާއިދާ އާއި އޭނަގެ ފިރިމީހާ ޝައުކަތް ނިޔާވީ ކާރު އެކްސިޑެންޓެއްގަ، ކޮލޮމްބޯގަ....އޭރު ރާއިދާ އިނީ ވިޝާލްއަށް ބަލިވެ، އެކްސިޑެންޓު ވީއިރު ރާއިގެ ބަނޑަށް އަށްމަސް، ލިބުނު ޒަހަމްތަކުގެ ބޮނޑުކަމުން ދަރިފުޅު ބަނޑުގައި އޮއްވަ ވޯޓާބޭގް ފަޅައިގެން ހިގައްޖެއް، ވަގުތުން އޮފަރޭޝަން ކޮއްފަ ބޭބީ ނަގަންޖެހުނީ، ރާއިގެ ހަބަރެއް ނުލިބިގެން އުޅެނިކޮށް ޝައުކަތްގެ މަރުގެ ހަބަރު ޑޮކްޓަރު ގެނެސްދިނީ....އޭގެފަހުން ދިހަމިނެޓުވެސް ނުވާނެ ރާއިގެ މަރުގެ ހަބަރު ޑޮކްޓަރު ދިންއިރު.........ބޭބެގެ އާއިލާގެ އޭރު ހުރި ހަމައެކަނި މީހަކީ ރާއި، އޭނަވެސް މިދުނިޔެއާއި ވަކިވެގެން ދިއުމުން ބޭބެ ވިޝާލްގެ ހުރިހާ ޒިންމާއެއްނެގި، ކަންދިމާކުރި ގޮތުން ބޭބެ އާއި ދައްތައަށް ފިރިހެންދަރިއެއްގެ ނަސީބެއް ނުލިބުނު، އެފަޅުކަން ފުރިހަމަކޮއްދިނީ ވިޝާލް، މިއޮއްހުރިހާ ދުވަހު ވިޝާލް ހުރީ ޔޫކޭގަ ކިޔަވަންވެގެން، މިހާރު އެއައީ އެއްކޮށް ކިޔަވާ ނިމިގެން، ބޭބެ އުފަލުން ހީވަނީ އުދުއްސައިގަނެދާނެހެން......ފަހުރުވެރި ކަމާއިއެކު ބުނެލާނެ މަގޭ ދަރިއެކޭ އެއީ......" ހުރިހާ ވާހަކައެއް ކިޔާދިންއިރު ހުދު ނާޒިޔާވެސް ވިޝާލް އާއި ދޭތެރޭ ފަހުރުވެރިވާކަން މަންހާއަށް އެނގެއެވެ.

"ދައްތަވެސް ވަރަށް ލޯބިވޭ ދޯ ވިޝާލްދެކެ، ދެން ކޮބާ ވިޝާލް ބައްޕަމެން އާއިލާ، އެމީހުން ނޫޅޭތަ ވިޝާލް ދެކޭ ހިތުން" މަންހާ އަހާލިއެވެ.

"އެވާހަކަ ނުދައްކާ، ޝައުކަތްއަކީ ވަރަށް ރަނގަޅު ކުއްޖެއް، އެކަމަކު އޭނަގެ އާއިލާގެ ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ، ޝައުކަތުމެން އާއިލާއަކީ އައްޑޫގައި ނަންހިނގާ ވަރަށް އުޅެވޭ އާއިލާއެއް، ބޭބެ އާއި ދައްތަ އާއިއެކު ރާއި އައްޑޫއަށް ދިޔަ ދަތުރެއްގަ އެދެކުދިން ދިމާވީވެސް، ފުރަތަމަ ބޭބެ ނުގަބޫލުވިޔަސް ފަހުން ރާއިގެ އުފަލަށްޓަކައި ގަބޫލުވި، އެކަމަކު ކަންވީ ހީވެސް ނުކުރާ ފަދަ ގޮތަކަށް، ޝައުކަތުގެ އާއިލާއިން ބޭނުންވީ އެރަށުގައި ހުރި އެންމެ މުއްސަނދި ސޭޓުގެ އަންހެން ދަރިއާއި ޝައުކަތު އާއި ދެވަން،އެކަމާ ޝައުކަތު ނުގަބޫލުވީމަ އޭނަގެ މަންމަ އެދެކުދިން ދުރުކުރަން ފަންޑިތަ ހެދީ، އެކަމުގަވެސް ރާއި ކިހާ ދުވަހަކު އުޅުނު، ކަރުން ލޭލަނީ، ނުދާ ތަނެއްނެތް، ނުދައްކާ ޑޮކްޓަރެއްނެތް، އެންމެ ފަހުން ބަލިއެނދުގައި އަޅާލައިފައިވާ ހުދު ބެޑުޝީޓެއްހެން ރާއި ދެމުމުން، ދައްތަ ބުނީ ހިނގާށޭ ފަންޑިތަ ހަދާމީހަކު ގެނެސް ބަލާލަމާ، ދެން އެނގުނީ ކިހިނެތްކަން މިވަނީ، ޝައުކަތުއަށް އެވާހަކަ ކިޔާދިނުމުން އޭނަ ވަގުތުން ބޭބެ އާއި ދައްތަމެންނާއިއެކު އައީ މާލެއަށް، ބޭބެ ގާތު ބުނީ ރާއިގެ ކައިވެނި އަވަސްކޮށްދެއްވުމަށް، ޝައުކަތު އެއަޒުމުގަ ހުރުމުން ބޭބެވެސް ކައިވެނި އަވަސް ކުރީ، ފަންޑިތަ ހަދާ މީހާބުނީ ޝައުކަތުގެ އާއިލާއިން ރާއި ދުނިޔޭގައި ހުއްޓައި ދޫނުކުރާނެކަމަށް އެހެންވެ އޭނަ ކަމެއް ކުރުމަށްފަހު ބުނީ ރާއްޖޭން ބޭރަށް ފުރުމަށް، ބޭބެގެ އެހީގައި އަވަހަށް އެދެކުދިން ލަންކާއަށް ފޮނުވާލީ......އެކޮޅުގަ އެމީހުން ހަމަޖެހެލީމަ ބޭބެ އާއި ދައްތަ މާލެ އައީ، އޭގެ ފަހުން އެދެކުދިންނަށް ހަމަޖެހިލާނެ ފުރުޞަތެއް ލިބުނީވެސް، އޭގެ ދެއަހަރުފަހުން ރާއި ބަލިވެ އިން ހަބަރު ލިބުނީ.....އޭރު ދައްތަގެ ދެވަނަ ދަރިފުޅު ވިހަން ތައްޔާރުވެފަ އިނީ، އެހެންވެގެންނާއިއެކު އަހަރުމެން އެކޮޅަށް ދުވަސްކޮޅަކަށް ބަދަލުވީ، އެދުވަސްތަކުގެ ތެރޭ އެހިތާމެރި ހާދިސާ ހިނގާދިޔައީ......ޝައުކަތުގެ އިސްކޮޅު ވިޝާލްގެ އެހެރީ، ރީތިކަން އެއީ ރާއިގެ ރީތިކަމޭ ދައްތަ ބުނާނީ....ރާއިގެ މަޑުމައިތިރިކަން ވިޝާލްއަށް ލިބިފަވެސް ހުރީ، މީހުންނަށް އިޙްތިރާމް ކުރުމުގަ އެވަރެއްނެތް......." ނާޒިޔާ ހިޔާލީ ދުނިޔެއަކަށް ގެއްލި އިނދެ ބުނެލިއެވެ.

"މާ އޮލަ ވާހަކައެއްގަ އަނެއްކާ ކޮންވާހަކައެއްތަ ތިދައްކަނީ، ނިކަން މަވެސް ބައިވެރިކޮއްބަލަ" މޫސަ ކާކޮޓަރިތެރެއަށް ވަންނަމުން ބުނެލިއެވެ.

"މާބޮޑު ވާހަކައެއްނޫން، ވިޝާލްގެ ވާހަކަ މިދެކެވެނީ، މަންކޮ މާ ގަޔާވާ ގޮތެއް ހުރީ ކަންނޭގެ ދޯ" ނާޒިޔާ މޫސަގެ ކުރިމަތީގަވެސް މަންހާއަށް ދިމާކޮއްލިއެވެ.

"ހެ ހެ ހެ ހެ ހެ ތެދެއް......" މޫސަވެސް ނާޒިޔާ އާއި އެއްބައިވެލަމުން މަންހާގާތުން އަހާލިއެވެ.

މަންހާ ލަދުންގޮސް މޫނު ރަތްވިއެވެ. މޫސައަށްވުރެ ނާޒިޔާއަށް ބަލާލީ އެހެން ނުބުނާށޭ ބުނާފަދަ ގޮތަކަށެވެ. އަދި މޭޒު ކައިރިން ތެދުވަމުން އޭނަގެ ކޮޓަރިއަށް ދިއުމަށް އަވަސްވެ ގަތެވެ.

ބެލްކަންޏަށް ނުކުމެވެން އިން ބިއްލޫރު ދޮރު ދެފަރާތަށް ކަހާލައިގެން މަންހާ އޭނަގެ ފިލާވަޅުތައް ހެދުމުގައި ސްޓަޑީ ޓޭބަލް ކައިރީއިނެވެ. މޭޒުމަތީގައި ހުރި ލައިޓު ދިއްލާލައިގެން އޭނަ ބޮޑު ކަރުދާހެއްގައި ކުރެހުންތަކެއް ކުރަހަނީއެވެ. އޭނަގެ ހުރިހާ ސަމާލުކަމެއްވަނީ އެކަރުދާހަށް ހުއްޓިފައެވެ. ދޭތެރެއަކުން ލޯކައިރިއަށް ނިތްކުރިން ވެއްޓޭ އިސްތިށިކޮޅު ނަގާ ކަންފަތްކައިރީ އަޅުވާލާނެއެވެ. ނޫނީ ކުރަހަން ގެންގުޅޭ ފަންސޫރުގައި ދަތްއަޅާ ލައިގެން ކަރުދާހާ ދިމާލަށް ވިސްނަން އިނދެއެވެ.

މަންހާ ސިހިގެން ދިޔައީ ހުޅުވާލެވިފައިވާ ދޮރުންވަތް ވައިރޯޅިއާއިއެކު ދޮރުފޮތިތައް ހިއްލިގެންދިއުމުންނެވެ. ކޮޓަރިތެރެއަށް ވަތް ވައިރޯޅި މަންހާގެ ސްޓަޑީ ޓޭބަލް މަތީ ހުރި ކަރުދާސްތައް ވަޔާގޮސްފާނެތީ ދެއަތުން އޭގެ މަތީ އަތްއަޅާލެވުނެވެ. މަޑުމަޑުން ވައިރޯޅިއަކަށްފަހު ވައިރޯޅިއެއް ކޮޓަރިތެރެއަށް ވަންނަމުން ދިޔައެވެ. މަންހާ އެންމެ ފަހުން ކުރަންއިން މަސައްކަތް ހުއްޓާލާފައި ބެލްކަންޏަށް ނުކުތެވެ. ތިރީގައި ޖަހާފައިވާ މާބުލްގެ ފިނިކަން އަޅާލާ ކޮންމެ ފިޔަވަޅަކާއިއެކު މަންހާއަށް އިޙްސާސްވެއެވެ. ބެލްކަނީގައި ދެއަތް އަޅުވާލުމަށްފަހު އުޑުމައްޗަށް ބަލާލިއެވެ. ހަނދުގެމައްޗަށް ވެރިވަމުންދާ ވިލާތަށް މަންހާއަށް ފެނުނެއެވެ. ވައިރޯޅިތައް އޭނަގެ އިސްތަށިގަނޑާއި ތޮޅެން ފެށުމުން އިސްތަށިގަނޑު އޮޅާލުމަށްފަހު އޭރުވެސް އަތުގައި އޮތް ފަންސުރު އިސްތަށިގަނޑަށް ޖަހާލިއެވެ. އެހެންނަމަވެސް ކުރުއިސްތަށިތައް ބަސްނާހާ އުޅެންފެށިއެވެ. މަންހާ އަނެއްކާވެސް އުޑުމައްޗަށް ބަލާލިއެވެ. މިރޭދެން ހަނދުވަރުގެ އަލިފެންނާނެ ކަމުގެ އެއްވެސް އުއްމީދެއްނެތްކަން މަންހާއަށް އެނގުނެވެ. މަންހާ ލޯމަރާލުމަށްފަހު އެފިނިފިނި ފަޒާގެ ތެރެއަށް އޭނަގެ ހިތާއި ވިސްނުން ދޫކޮއްލިއެވެ. ފުންނޭވާއެއް އެތެރެ ހައްޓަށް ދަމާލުމަށްފަހު ބޭރުކޮއްލިއެވެ. މަންހާގެ ހިތާ ސިކުނޑީގައި ސިފަވަމުންދިޔައީ އޭނަ އަބަދުވެސް ބަލަން އެނދޭ މަންޒަރުތަކެވެ. ދެލޯ މަރާލާ ކޮންމެ ފަހަރަކު އޭނަގެ ގާތުގައި ދާއިން ވާކަމުގެ އިޙްސާސް އޭނައަށް ކުރެވެއެވެ. އެފަދަ ކޮންމެ ފަހަރަކު އެހިތް ލޯބީގެ މަސްތުކަމުގެ ތެރެއަށް ގެބިގެން ދެއެވެ. އަދިވެސް އޭނަ ހުރީ އެލޯބީގެ އިންތިޒާރުގައެވެ. ދާއިން ފެންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ.

މަންހާ ލޯހުޅުވާލީ އޭނަގެ ކޯތާފަތުގައި ފެންތިއްކެއް ޖެހުމުންނެވެ. ގޯތިތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމުގެ ތެރެއިން މަޑުމަޑުން ފެންތިކިތައް ޖެހެމުންދިޔަ އަޑުއިވެންފެށިއެވެ. މަންހާ ވަށައިގެން ނަޒަރު ހިންގާލުމަށްފަހު ބެލްކަނިން ބޭރަށް އަތްދަމާލިއެވެ. ހިމަފޮދު ވާރޭގެ ތިކިތައް މަންހާގެ އަތުގައި މަޑުމަޑުން ބޮސްދޭންފެށިއެވެ. ދެން މާގިނައިރެއްނުވެ ވާރޭ ބޯކޮއްލަފާނެހެން ހީވުމާއިއެކު މަންހާ އޭނަގެ ކޮޓަރިއަށްވަނެވެ. އޭރުވެސް އެއްވަރަކަށް ވައިރޯޅިތަށް ދޮރުފޮތިތަކާއި އެކު ނަށަމުންގެންދެއެވެ. (ނުނިމޭ)