މީލް ޕްރެޕިން ކޮންސެޕްޓަކީ ވަކި ގަޑިއެއްގައި ކާން ބޭނުންވާ ތަކެތި ދުރާލާ ކައްކާ ތައްޔާރުކޮށްފައިވާ ބެހެއްޓުމެވެ. މިއީ ސިއްހަތަށް ފައިދާހުރި ކާނާ ފަސޭހާއިން ކެއުމަށް ކުރެވިދާނެ ކަމެކެވެ. އެޑްވާންސްކޮށް ކާން ބޭނުން ތަކެތި ޕްލޭން ކުރުމުން ވަގުތު ސަލާމަތް ވުމުގެ އިތުރުން ހަރަދު ކުޑަކޮށް ދެއެވެ. އަދި މިއީ ޑައެޓުގައި ހަކުރު ކޮންޓްރޯލް ކުރުމަށާއި ފެޓް ގިނަ ކާނާއިން ވެސް ދުރުހެލިކޮށްދޭނެ ކަމެކެވެ.
މިގޮތަށް އެޑްވާންސްކޮށް ތައްޔާރު ކޮށްފައި ހުންނަ ކާނާއަކީ ވަކި ވަރަކަށް ޕޯޝަންކޮށްފައި ބެހެއްޓުމުން ޕޯޝަން ކޮންޓްރޯލް ކުރަން ފަސޭހަވެ އެވެ. މާގިނައިން އެއްފަހަރާ ކެއުމުގެ ބަދަލުގައި ކާ ކޮންމެ ގަޑިއެއްގައި ވެސް ހެޔޮވަރަކަށް ކެވެއެވެ. އަދި ޓީވީ ބަލާއިރު ތަފާތު ލުއި ކާނާތައް ކެއުމުންނާއި ނުވަތަ އޯޑަރުކޮށްގެން އެކިއެކި ކެއުންތައް ކެއެމުން ދުރު ކޮށްދެއެވެ. ހާއްސަކޮށް ވަރުބަލިވެފައިވާ ވަގުތުތަކުގަ އެވެ. މީލް ޕްރެޕް ކުރުމޭ ބުނުމުން އެއް ދުވަހަކު މުޅި ހަފްތާއަށް ވާ ވަރަށް ކެއްކުމޭ ހިތަށް އަރާފާނެއެވެ. އެހެންނަމަވެސް މީލް ޕްރެޕް ކުރެވޭނެ ބައިވަރުގޮތް ގޮތް އެބަހުއްޓެވެ.
މޭކް އަހެޑް މީލްސް
ކޮންމެވެސް އެއްގަޑިއެއްގައި ކާން ކަނޑައަޅާ އެއްޗެއް ދުރާލާ ރާވައި ކުރީބައިގައި ކައްކާފައި ފްރިޖުގައި ބެހެއްޓުމެވެ. އަދި ހޫނު ކުރުމަށްފަހު ކޮންމެވެސް އެއްގަޑިއެއްގައި އެ މީލް ކެއުމަށް ހަމަޖައްސާލަންވީ އެވެ. މިސާލަކަށް ރޭގަނޑު ކައްކާ އެއްޗެއް އަނެއް ދުވަހު މެންދުރު ނުވަތަ ރޭގަނޑު ކެއުމަށް ބެހެއްޓިދާނެ އެވެ.
ބެޗް ކުކިން
މިއީ އެއް ރެސިޕީއެއް ކައްކާފައި އެކި ފަހަރު ކެއުމަށް ފުރިޖުކުރުމަށް ކިޔާ ނަމެކެވެ.
ވަކިވަކިން ބަންދުކޮށްފައިވާ މީލްސް
މިގޮތަށް ކާން ކޮންމެވެސް ފްރެޝް އެއްޗެހި ތަކެއް ވަކިވަކިން ޕޯޝަންކޮށްފައި ބެހެއްޓިދާނެ އެވެ. މިގޮތުން ޗިކަން ސެލެޑް، ޓޫނާ ސެލެޑް ފަދަ އެއްޗިސް ތައްޔާރުކޮށްފައި ކާގަޑީގައި ފަސޭހައިން ކާލެވޭގޮތަށް ބެހެއްޓި ދާނެ އެވެ.
ކައްކަން ތައްޔާރުކޮށް ކޮށާފައިވާ ތަކެތި ބެހެއްޓުން
ދެން އޮތީ ކައްކަން ބޭނުންވާ ރެސިޕީގައި ހިމެނޭ އެއްޗިސް ކުރީބައިގައި ހޯދައި ކޮށާ ތައްޔާރުކޮށްފައި ބެހެއްޓުމެވެ. މިގޮތަށް ކަންތައް ކުރުމުން ކައްކަން ހޭދަވާ ވަގުތު ކުޑަވެގެން ދެއެވެ. މީލް ޕްރެޕްގައި ވަކި ގޮތެއް ހިޔާރު ކުރުމުގައި ބަލަންވީ އެމީހަކަށް އެންމެ ފަސޭހަ ގޮތެކެވެ. އަދި ވަކި ގޮތެއް ކަނޑައަޅާނީ އެމީހަކުގެ ޝެޑިއުލް އާއި ރޫޓީން އެވެ. މީލް ޕްރެޕް ކުރަން ފެށުމުގައި ކުރަންވީ ބައެއް ކަންކަން ވެސް އެބަހުރިއެވެ. މިގޮތުން މިކަންތައްތައް ފާހަގަކޮށްލަމެވެ.
1. ރަނގަޅަށް ޕްލޭން ކުރުން
ކައްކަންވީ ކޯއްޗެއް ކަން ދުރާލާ ނިންމަންވީއެވެ. ފުރަތަމަ ހުރިހާ ރެސިޕީއެއް އެއްކޮށްލާ ބާޒާރުން ގަންނަންވީ އެއްޗިހީގެ ލިސްޓެއް ހަދާލާށެވެ. ފުރަތަމަ މާގިނަ ރެސިޕީތަކެއް އެއްދުވަހު ނުހަދާ ދެތިން ރެސިޕީ ހަފްތާއަކަށް ބަހާލަންވީ އެވެ. އަދި ކެއްކުމަށް ވަކި ހާއްސަ ޝެޑިއުލެއް ތައްޔާރުކުރަންވީ އެވެ. މިސާލަކަށް ހުކުރު ދުވަހުގެ ރޭ ބާޒަރުކޮށް، ހޮނިހިރު ދުވަހު ހެނދުނު ކުރިއަށް އޮތް ފަސް ދުވަހުގެ މެންދުރު ކެއުން ކައްކާލަންވީ އެވެ.
2. މަލްޓި ޓާސްކް ކުރުމުން ކެއްކުން އަވަސްވޭ
މީލް ޕްރެޕް ކުރުމުގައި ހޭދަވާ ވަގުތު ކުޑަ ކުރުމަށް ދެތިން އެތި އެއްކޮށް ކައްކާލެވޭނެއެވެ. މިގޮތުން ކުކުޅު ރޯސްޓްކުރާއިރު އަވަންއަށް ތަރުކާރީ ލެވިދާނެ އެވެ. ރެސިޕީތައް ހޯދުމުގައި ބަލަންވީ އެކި ގޮތްގޮތަށް ކެއްކޭ އެއްޗިސް ހިޔާރު ކުރުމަށެވެ. މިސާލަކަށް އަވަން ބޭނުން ކޮށްގެން ކުކުޅު ފިހޭ ވަގުތު ބަތް ކައްކާ ތަރުކާރީ ފިހެ ސެލެޑްތައް ތައްޔާރު ކުރުމަށެވެ.
3. ރަނގަޅު ފެންވަރުގެ ކޮންޓެއިނަރުތަކެއް ހޯދުން
ޕްލާސްޓިކުގެ ބަދަލުގައި ރަނގަޅު ފެންވަރުގެ ކޮންޓެއިނަރުތަކަކަށް އިންވެސްޓްކުރުން ބުއްދިވެރި އެވެ. ގިނަ މީލް ތަކަކީ ފްރިޖުގައި ރައްކާކުރާނެ މީލްތަކަކަށްވާ އިރު، އެތެރެ ފެންނަ ގޮތަށް ކާ އެއްޗެހި ތާޒާކޮށް ހުންނަ ކަހަލަ ކޮންޓެއިނަރު ހިޔާރު ކުރުން މުހިއްމެވެ. މިގޮތުން މޭސަން ޖާސް އަދި ޕައިރެކްސް އިން ހުންނަ ބިއްލޫރި ކޮންޓެއިނަރު މިއީ މިކަމަށް ވަރަށް ބަރާބަރު އެއްޗެކެވެ. އެއީ ބިއްލޫރި އެއްޗިހީގައި މައިކްރޮވޭވް ކުރާއިރުވެސް ކާ އެއްޗިހީގެ ރަހަ ބަދަލު ނުވާނެތީ އެވެ.
4. ރަނގަޅަށް ސްޓޯރ ކުރުން މުހިއްމު
ކާ އެއްޗިސް ކައްކާފާ ބަހައްޓާ އިރު ފުރިޖު ގެ ޓެމްޕަރޭޗަރަށް ސަމާލުވާން ޖެހެ އެވެ. މިގޮތުން ފްރުޖު ގެ ޓެމްޕަރޭޗަރު ހުންނަންވާނީ ފަސް ޑިގްރީ އަށް ވުރެ ދަށުގަ އެވެ. އަދި ފްރީޒަރުގައި -18 ޑިގްރީއަށް ވުރެ ދަށުގަ އެވެ. ކާއެއްޗިސް ފްރިޖުން ނަގާފައި ރަނގަޅަ ހޫނުކުރުމާއި އެއްފަހަރު ހޫނުކުރުމަށްފަހު އަލުން އަނބުރާ ފްރިޖަށް ލުން ރަނގަޅެއް ނޫނެވެ.
ބިޒީ ޝެޑިއުލެއްގައި އުޅެމުންވެސް ސިއްހަތަށް ފައިދާ ހުރި ކާނާ ކެއުމަށް މިއީ ވެސް ކުރެވިދާނެ ކަމަކެވެ.