ލައިފްސްޓައިލް

ހަފުތާގެ ސްޓްރެސް ފިލުވައިލަން ހިނގާބަލަ!

ހަފުތާގެ މެދުތެރޭގައި އޮފީސް މަސައްކަތްތައް ބުރަވެ މާ ބޮޑަށް ބިޒީވެ ހަފުތާ ބަންދަށް އިންތިޒާރު ކުރެވޭ ހެއްޔެވެ؟ ގިނަ ޑެޑްލައިންތަކާއި އާއިލީ ޒިންމާތަކުގެ ސަބަބުން ބުރަވެ ކަންކަން ކުރުމަށް ވަގުތު ކުޑަތަންވެގެން އުޅޭކަމުގެ އިހުސާސް ކުރެވޭ ހެއްޔެވެ؟ ބޯ ހާސްވެ އެއްކަމެއް ވެސް ރަނގަޅަށް ނުކުރެވޭ ކަމުގެ އިހުސާސްތަކެއް ކުރެވޭ ހެއްޔެވެ؟
މާ ބޮޑަށް ސްޓްރެސްވެއްޖެ ނަމަ މި ފަދަ އިހުސާސްތަކެއް ކުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ސްޓްރެސް އަކީ ހަށިގަނޑު ނުރައްކާތެރި ހާލަތަކަށް ރައްދުދޭ ގޮތެކެވެ. މިއީ އަސްލު ނުރައްކަލެއް ކަމުގައިވިއަސް ނުވަތަ ނުރައްކާ ކަމަށް ބެލެވޭ ކަމެއްކަމުގައިވިއަސް އެވެ. ނުރައްކާވާކަހަލަ ހާލަތެއް ދިމާވެއްޖެނަމަ ހަށިގަނޑުގައި ކެމިކަލް ރިއެކްޝަނެއް ހިނގައެވެ. މި ރިއެކްޝަނަށް ކިޔަނީ "ފައިޓް އޯ ފްލައިޓް" ރެސްޕޯންސް ނުވަތަ ސްޓްރެސް ރެސްޕޯންސް އެވެ.

ސްޓްރެސް ރެސްޕޯންސެއްގައި މީހާގެ ހިތުގެ ވިންދު އަވަސްވެ، ނޭވާލުން އަވަސްވެ، ގައިގެ މަސްތައް ބާރުވެ، ލޭގެ ޕްރެޝަރު ވެސް މައްޗަށް ދެއެވެ. ސްޓްރެސް ފިލުވައިލުމަށް އެންމެ ރަނގަޅު ގޮތަކީ ސްޓްރެސް ވަނީ ކޮން ކަމަކުންކަން ދެނެގަތުމެވެ. މިގޮތުން އެއީ ވަޒީފާގެ ސަބަބުން ދިމާވާ ކަމެއްތޯ ނުވަތަ އެހެންވެސް އަމިއްލަ ސަބަބަކާއި ހެދިތޯ ދެނެގަތުން މުހިއްމެވެ.

ސްޓްރެސްގެ އަސަރު ދިރިއުޅުމުގެ ހުރިހާ ކަމަކަށް ކުރެއެވެ. ޖަޒްބާތާއި އުޅުމާއި ވިސްނުމާއި ސިއްހަތަށެވެ. އެކި މީހުން ސްޓްރެސް މެނޭޖްކުރަނީ އެކި ގޮތަށެވެ. ސްޓްރެސްވާނަމަ އެއްވެސް ކަމަކާއި އަޅާ ނުލައި ހާލަތު ބަދަލު ކުރުން މަސައްކަތް ނުކުރާ ނަމަ މީހާގެ ހާލާތު އިތުރަށް ގޯސްވުމުގެ ފުރުސަތު އޮވެ އެވެ. ސްޓްރެސް މެނޭޖް ކުރުމަށް ކުރެވިދާނެ ބައެއް ކަންކަން ފާހަގަ ކޮށްލަައިދޭނަމެވެ.

1
 

ކަސްރަތު ކުރުން

ކަސްރަތު ކުރުމުން މީހާގެ ހުރިހާ ސްޓްރެސް ވަގުތުން ނުފިލިޔަސް ކަސްރަތުކޮށް ހަރަކާތްތެރިވެ އުޅޭނަމަ، މީހާގެ ޖަޒްބާތުތައް ކޮންޓްރޯލް ކޮށްދީ ބޯހާސްކަން ފިލުވައިލައި ދެއެވެ. އަދި ހަމަޖެހިލައިގެން ކަންކަމާމެދު ވިސްނުމުގެ ގާބިލުކަން އިތުރުކޮށް ދެއެވެ.

2
 

ސްޓްރެސްވާނަމަ މީހުންނާއި ގުޅެންވީ

ސްޓްރެސްވާނަމަ މީހުންނާއި ގުޅިގެން ރަނގަޅު ސަޕޯޓް ނެޓްވޯކެއް ބިނާ ކުރަންވީ އެވެ. އެކުގައި މަސައްކަތްކުރާ ޓީމާއި، ރަށްޓެހިންނާއި އާއިލާގެ އެހީގައި ކަންކަމާއި ދޭތެރޭ ދެކޭގޮތް ބަދަލު ކުރެވިދާނެ އެވެ. މަސައްކަތްކުރާ ޓީމާ ވާހަކަ ދައްކާ ހިޔާލު ބަދަލު ކުރުމުން ކަންކަން ކުރުމަށް ފަސޭހަ ގޮތްތައް ފެނި ކަންކަން ފަސޭހައިން ކުރުމަށް މަގުފަހި ވެއެވެ. އަދި ރައްޓެއްސަކާ ދިމާވެ ހީ ސަކަރާތް ޖަހާލުމަކީ ވެސް ސްޓްރެސް މަދުވާ ކަމެކެވެ.

3
 

އަމިއްލަ ނަފްސަށް ވަގުތު ހޯދަންވީ

ގިނަ ވަގުތު މަސައްކަތުގަ އާއި އާއިލީ އެކި ޒިންމާތަކުގައި އުޅުމުގެ ބަދަލުގައި އަމިއަލް ނަފްސަށް ވަގުތުކޮޅެއް ހޯދާލައި އެމީހަކު ކުރަން ބޭނުން ކަމެއްކޮށްލުމުން ވެސް ސްޓްރެސް މަދުވެ އެވެ. މިގޮތުން ފޮތެއް ކިޔާލުން ފަދަ ކަމެއް ވެސް ކޮށްލެވިދާނެ އެވެ.

4
 

ނަފްސާއި ޗެލެންޖްކޮށް ކޮންފިޑެންސް ބިލްޑް ކުރުން

އާ ލަނޑުދަނޑިތަކެއް ކަނޑައަޅާ އެ ކަންކަން ހާސިލު ކުރަން މަސައްކަތްކުރުމަކީ ވެސް ސްޓްރެސް ފިލާ ކަމެކެވެ. މިގޮތުން ވެސް އާ ކުޅިވަރެއް ނުވަތަ އެހެން ބަހެއް ދަސް ކުރުން ފަދަ ކަންކަން ހިމެނެ އެވެ. މި ކަމުން މީހާގެ ކޮންފިޑެންސް ނުވަތަ އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވެއެވެ.

5
 

މީހުންނަށް އެހީވުމަކީ ވެސް ސްޓްރެސް ފިލާކަމެއް

އެހެން މީހަކަށް އެހީވުމަކީ ވެސް ސްޓްރެސް އާއި ދުރުކުރުވާ ކަމެކެވެ. އެހެން މީހުންނަށް ދިމާވެފައިވާ މައްސަލަތަކަކީ ތިމާއަށް ދިމާވެފައިވާ ކަންކަމަށް ވުރެ ބޮޑެތި ކަންކަން ނަމަ އެމީހުންގެ ޖަޒްބާތުތަކާއި ކުރާނެ އަސަރު ބޮޑުވާނެކަން އަމިއްލަ އަށް އެނގޭނެ އެވެ. އަދި މިފަދަ މީހުންނަށް އެހީތެރިވުމުގެ ގޮތުން ވޮލަންޓިއާ ކުރެވިދާނެ އެވެ. އަދި ވޮލަންޓިއާ ކުރަން ވަގުތު ނެތްނަމަ މީހަކަށް ހެޔޮހިތުން ރަނގަޅު ކަމެއްވެސް ކޮށްދެވިދާނެ އެވެ.

6
 

މަސައްކަތްކުރަންވީ ސްމާޓްކޮށް، ބުރަކޮށެއް ނޫން!

މަސައްކަތް ކުރަންވީ ވެސް ވަކި ކަންތައްތަކަކަށް އިސްކަންދީގެން ތަރުތީބަކުންނެވެ. އެންމެ އެކަށީގެންވާ ނަތީޖާ ނެރެވޭނެ ގޮތާއި މެދު ވިސްނާ، ވަގުތު ގެ ބޭނުން ވެސް ރަނގަޅަށް ހިފައިގެންނެވެ. އަދި މަސައްކަތް ރޭވުމުގައި މުހިއްމުކަންކަމަށް އިސްކަން ދިނުމާއި މީހާގެ ޕްރޮޑަކްޓިވިޓީ އެންމެ މަތިވާ ގޮތަކަށް ބަލައިގެންނެވެ.

7
 

ކަންކަމާއި މެދު ޕޮޒިޓިވްކޮށް އަބަދުވެސް ވިސްނަންވީ!

ކަންކަމާމެދު މާ އަވަހަށް މާޔޫސްވެ ހިތް މަރުވުމުގެ ބަދަލުގައި ވީހާވެސް ޕޮޒިޓިވްކޮށް ވިސްނުމަކީ ބުއްދިވެރި ގޮތެކެވެ. ގިނަ ފަހަރަށް އެމީހަކަށް ބަދަލު ނުކުރެވޭ ކަހަލަ ހާލަތްތަކާމެދު މާ ބޮޑަށް ވިސްނާ މާޔޫސް ނުވާންވީ އެވެ. މީގެ ބަދަލުގައި ކުދި ކުދި ކަންކަމަށް ވެސް ޝުކުރުވެރިވެ އުޅުމަކީ ވެސް ސްޓްރެސް މަދުވާ ކަމެކެވެ.