ވަޒީފާ އަދާކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ މުސާރަ ކަނޑައަޅާނީ ހުރިހާ ފަރާތްތެއްގެ މަޝްވަރާ ހޯދައިގެން ކަމަށް އިކިނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމް ނިއުސް އަށް ދެއްވި އިންޓަވިއެއްގައި ފައްޔާޒް ވިދާޅުވީ ވަޒިފާ އަދާ ކުރާ ފަރާތްތަކަށް ދޭވޭނެ އެންމެ ކުޑަ މުސާރަ ކުއްލިއަކަށް ކަނޑައަޅައިފިނަމަ، ބައެއް ކުދި ވިޔަފާރިތައް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެހެން ވެއްޖެނަމަ ވަޒީފާތަކެއް ގެއްލިގެންދާނެ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މުސާރަ ކަނޑައަޅަން ހަދަންޖެހޭ ބޯޑު އެކުލަވައިލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުއްދަ ދެއްވާފައިވާ ކަމަށާއި، އެ ބޯޑުގައި ތިއްބަވާނީ ފަސް މެމްބަރުން ކަމަށެވެ.
ފަސް މީހުންގެ މި ބޯޑުގައި ތިއްބަވާނީ ވަޒީފާދޭ ފަރާތްތައް ތަމްސީލްކުރާނެ ދެ ބޭފުޅުންނާއި ވަޒީފާ އަދާކުރާ ފަރާތްތައް ތަމްސީލްކުރާނެ ދެ ބޭފުޅުންނާއި މިނިސްޓްރީގެ ބޭފުޅެކެވެ.
ވަޒީފާ އަދާކުރާ މީހުންނަށް މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރެއް ކަނޑައެޅުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.