ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް ބ. އަތޮޅުގައި ބޮޑު ފެތުމެއް ބާއްވަން ނިންމައިފި އެވެ.
މި ފެތުމަކީ ސުވިމް މޯލްޑިވްސް އިން އިންނަގައިގެން، ޓޫރިޒަމް މިނިސްޓްރީއާ ޔޫތް މިނިސްޓްރީ އަދި އެންވަޔަރުމަންޓް މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. 43 ކިލޯ މީޓަރުގެ މި ފެތުން އޮންނާނީ އޭދަފުށިން ފެށިގެން ކެންދޫއާ ހަމައަށެވެ. ހަރަކާތް އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުން ނުވަވަނަ ދުވަހަށެވެ.
ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުވިމް މޯލްޑިވްސްގެ ފަރާތުން ހުސެއިން ޝަމީމް ވިދާޅުވީ، މި ހަރަކާތް ކުރިއަށްދާނީ ޓުއާއެއް ގޮތަށް ކަމަށެވެ. އެގޮތުން މި ހަރަކާތުގެ މަގްސަދަކީ ރާއްޖޭގެ ރީތިކަން ފުނިޔެއަށް އަންގައިދިނުމާއި ރާއްޖެއަކީ ފެތުމުގެ މަންޒިލެއްކަން ދުނިޔެއަށް އަންގައިދިނުން ކަމަށެވެ. އަދި މޫދާއި މޫދު ކުޅިވަރުތައް ރާއްޖޭގެ ރައްޔިތުންގެ ތެރޭގައިވެސް ޕްރޮމޯޓް ކުރުމަކީ މަގުސަދެއް ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.
އޭގެ އިތުރުން މޫދުގައި ދިމާވާ ހިތާމަވެރި ހާދިސާތައް މަދުކޮށް އެކަންކަމަށް ހޭލުންތެރި ކުރުމާއި މޫދާއި ގޮނޑުދޮށް ސާފުކޮށް ބޭއްވުމަކީވެސް މި ހަރަކާތުގެ މަގުސަދެއް ކަމަށް ޝަމީމް ވިދާޅުވި އެވެ.
"މި ހަރަކާތް ކުރިއަށްދާނީ ބ. އޭދަފުށިން ފުއްމާލައިގެން ކެންދޫއާ ހަމައަށް، އެއީ 43 ކިލޯ މީޓަރު، އެކަމަކު ކޮންމެ ދުވަހަކު ގާތްގަނޑަކަށް ފަސް ކިލޯ މީޓަރު ދުވާލަކު ފަތާގޮތަށް، ފުރަތަމަ ދުވަހު ދާނީ އޭދަފުށިން ސޮނެވާއަށް، މާޅޮހަށް، ދެވަނަ ދުވަހު އޮންނާނީ މާޅޮހުން ހިބަޅިދޫއަށް ހިބަދޫ އިން ދަރަވަންދޫއަށް، އެގޮތަށް ގޮސް ޖުމްލަ 23 ރަށަށް ޖުމްލަ އެރޭނެ، އޭގެ ތެރެއިން މީހުން އުޅޭ އަށް ރަށާއި ފަސް ރިސޯޓާއި މީހުން ނޫޅޭ ރަށްރަށްވެސް ހިމެނޭ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ، ފެތުމުގެ ހަރަކާތް ހިނގާނީ ކޮންމެ ދުވަހަކުވެސް ހެނދުނު 8:30 އިން 12:00 އަށް ކަމަށެވެ. އަދި ކޮންމެ ރަށެއްގައި އުރީދޫއިން ވޯޓާ ސޭފްޓީ ޕްރޮގްރާމެއް ހިންގާނެ ކަމަށެވެ. މީގެ އިތުރުން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ކުރިއަށްދާނެ ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.
"ސޮނެވާއާ ފޯސީޒަނާއި ގުޅިގެން ކޮންމެ ރަށެއްގައިވެސް ކޮންމެވެސް ހަރަކާތެއް ހިނގާނެ، ސޮނެވާއިން ހިންގަނީ ކިހާދޫއާ ދަރަވަންދޫއާ މާޅޮހުގައި މޫދުސާފު ކުރުމުގެ ހަރަކާތެއް، ބީޗް ސާފުކުރުމުގެ ހަރަކާތެއް، ކަމަދޫއާ ކުޑަރިކިލުގައި ހިނގާނީ މަންޓާ ޕްރޮޖެކްޓާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ހަރަކާތެއް، ދޮންފަނާއި ކިހާދޫގައިވެސް ސާފު ކުރުމުގެ ހަރަކާތްތައް ކުރިއަށްދާނެ، އަދި ހުރިހާ ރަށެއްގައިވެސް ފަތަން ދަސްކޮށްދޭ ޕްރޮގްރާމެއް ހިނގާނެ،" ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ، މި ހަރަކާތަކީ ރާއްޖޭގައި މިހާތަނަށް އިންތިޒާމް ކޮށްގެން ބާއްވާ އެންމެ ދިގު ފެތުމުގެ ހަރަކާތް ކަމަށެވެ. މި ހަރަކާތުގައި އަށް ބައިވެރިން ހިމެނޭނެ ކަމަށެވެ. އަދި ކޮންމެ ރަށަކުންވެސް އެގްރޫޕާއި ބައިވެރިވެގެން ޖެހިގެން އޮންނަ ރަށަށް ފަތާފައި ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.
ޝަމީމް ވިދާޅުވީ، މި ހަރަކާތުގައި ބައިވެރިވާ ފެތުން ތެރިންގެ ތެރެއިން ގައުމީ ފެންވަރުގެ އެއް ފެތުން ތެރިއެއް ހިމެނޭނެ ކަމަށެވެ. އަދި
ފަތަމުންދާއިރު ބައިވެރިންގެ ސަލާމަތަށް ހަތަރު ކެނޯ އާއި ޑިންގީއެއް އަދި އެމްއެންޑީއެފްގެ އެމްބިއުލާންސެއް ހަރަކާތެރިވާނެ ކަމަށްވެސް ޝަމީމް ވިދާޅުވި އެވެ.
ޕްރެސްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މި ހަރަކާތަކީ ވަރަށްވެސް ތަފާތު ހަރަކާތެއް ކަމަށާއި މި ސަރުކާރު ވެރިކަމާއި ހަވާލުވިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ހިޔާލާއެކު ވަޑައިގެންނެވީ ޝަމީމް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، މި ސަރުކާރަކީ ޖަޒީރާ ރާއްޖޭގެ ސިޔާސަތުގެ ދަށުން ވެރިކަމަށް އައި ސަރުކާރެއް ކަމަށާއި މިކަންކަމުގައި ބައިވެރިވުމަކީ ސަރުކާރަށްލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެެވެ. އަދި ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރަން ބޭނުންވާ ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ރީތިކަން އެކި ޕްރޮޑަކްތަކާއެކު ދައްކައިގެން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، މިފަދަ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެއްބާރުލުންދޭނެ ކަމަށެވެ. އަދި ފެތަން އެނގުމަކީ ވަރަށްވެސް މުހިންމުކަމެއް ކަމަށާއި އެމިނިސްޓްރީގެ ހުރިހާ ސްޓާފުންނަކީ ފަތަން ދަންނަ ބައެއް ގޮތުގައި މިއަހަރު ހަދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެ ވެފައިވަނީ ހަނީމޫން ޑެސްޓިނޭޝަނަކަށް ކަމަށާއި އެކަން ބަދަލުކޮށް ރާއްޖެއަކީ ފަތާލަން އެންމެ ރަނގަޅު ގައުމަށް ނުވަތަ ބައިސްކަލު ދުއްވަން އެންމެ ރަނގަޅު ގައުމަށް ހެދުން ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.